ޚަބަރު
މަޖިލީހުގެ ތަޅުމުގެ މައިކެއް ހަލާކުކޮށްލި މައްސަލައިގެ ބަދަލު ކުއްވެރިވި މެމްބަރުން އަތުން ނަގަނީ
ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި ހިނގި ހަމަނުޖެހުން
ފަރުދުން
25 ނޮވެމްބަރު 2025، 06:12
25 ނޮވެމްބަރު 2025، 06:12
ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގެ މައިކަކާއި ރައްޔިތުން މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީން ބޭއްވި ބައްދަލުވުމެއްގައި މައިކަށް ގެއްލުންދިން މައްސަލާގައި ހަތަރު މެންބަރަކަށް ފިޔަވަޅު އަޅަން މަޖިލީހުގެ ސުލޫކީ ކޮމިޓީން ނިންމައިފި އެވެ.
މިނިވަން މުއައްސަސާތަކުގެ ކޮމިޓީން މީޑިއާގެ ބިލާ ގުޅޭ ގޮތުން ބޭއްވި ބައްދަލުވުމެއްގައި، މެމްބަރުންގެ މެދުގައި ހިނގި ހަމަނުޖެހުންތަކުގައި މައިކްރޮފޯނަކަށާއި ދެ މައިކްރޮފޯނުގެ ބޭސްއަށް ވަނީ ގެއްލުންވެފަ އެވެ. އެ މައްސަލާގައި ފިޔަވަޅު އަޅަން މިއަދު ކޮމިޓީން ނިންމީ ކެންދޫ ދާއިރާގެ އެމްޑީޕީ މެންބަރު މައުރޫފް ޒާކިރާއި ހެންވޭރު ދެކުނު ދާއިރާގެ މެމްބަރު ހުސެއިން އިމްރާން އަދި ތޮއްޑޫ ދާއިރާގެ އެމްޑީޕީ މެންބަރު ހުސައިން ސަމީރަށެވެ.
މަޖިލީހުގެ ކޮމިޓީގެ މައިކެއް ހަލާކު ވެފައިވަނީ ސެޕްޓެމްބަރު މަހުގެ ތެރޭގައި، ބޭއްވި މީޑިއާ ރެގިއުލޭޓް ކުރުމާއިގުޅޭ ގާނޫނާ ގުޅޭގޮތުން ބޭއްވި ކޮމިޓީ ބައްދަލުވުމެއްގަ އެވެ. އަދި މައި ތަޅުމުގެ މައިކެއް ހަލާކުވެފައިވަނީ އޮކްޓޯބަރު މަހުގެ ތެރޭގައި ބޭއްވި ޖަލްސާއެއްގައި މެބްބަރު އިބްރާހީމް ފަލާހް އާއި ހުޅުމާލެ ދެކުނު ދާއިރާގެ އެމްޑީޕީގެ މެންބަރު ޑރ. އަހުމަދު ޝަމްހީދާ ދެމެދު ހިނގި ހަމަނުޖެހުންތަކެއްގެ ތެރެއިންނެވެ.
ކޮމިޓީން ނިންމާފައިވަނީ ތިން މެންބަރުންނަށް ބަހާލައިގެން އެ އަގު މަޖިލީހަށް ދެއްކުމަށް ތިން މެންބަރުންނަށް އެންގުމަށެވެ. އެ ތިން މެންބަރުންގެ އިތުރުން ދެން ފިޔަވަޅު އަޅަން ނިންމީ ހުޅުމާލެ ދެކުނު ދާއިރާގެ މެންބަރު ޑރ. އަހުމަދު ޝަމްހީދަށެވެ. އޭނާއަށް ފިޔަވަޅު އަޅަން ނިންމީ މަޖިލީހުގެ ޖަލްސާއެއްގައި މައިކަށް ގެއްލުންދިން މައްސަލައެއްގަ އެވެ. އެ މައިކްގެ އަގަށްވާ 3،000 ރުފިޔާ ދައްކަން އަންގަން ކޮމިޓީން ވަނީ ނިންމައިފަ އެވެ.