Ads by Stelco

ޚަބަރު

ޓެކްސް އެޕީލް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ޓެކްސް އެޕީލް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފި

ޓެކްސް އެޕީލް ޓްރައިބިއުނަލް/ފޮޓޯ: ޕީއެސްއެމް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

26 ނޮވެމްބަރު 2025، 12:46

26 ނޮވެމްބަރު 2025، 12:46

ޓެކްސް އެޕީލް ޓްރައިބިއުނަލަށް ކުރިމަތިލި 14 މީހުންގެ މައްސަލަ ދިރާސާކުރުމަށްފަހު، 5 މެންބަރުން ޢައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން ރުހުން ދެއްވައިފިއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލަށް މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މަޖިލީހަށް ފޮނުއްވާފައިވަނީ އެ ޓްރައިބިއުނަލްގެ 5 މެންބަރެއްގެ މަޤާމުގެ މުއްދަތު މިމަހުގެ 29 އަށް ހަމަވާތީއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ 5 މެންބަރުންގެ މަޤާމަށް ކުރިމަތިލުމުގެ ފުރުޞަތު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން 2 ފަހަރު ހުޅުވާލާފައިވާކަން ފާހަގަކުރެވެއެވެ. އެގޮތުން، މެންބަރުކަމުގެ މަޤާމަށް އެންމެ ފަހުން ހުޅުވާލި ފުރުޞަތުގައި 14 މީހަކު ކުރިމަތިލާފައިވުމާއި ގުޅިގެން، އެ ހުރިހާ އެންމެންގެ ނަންތައް ދިރާސާކޮށް ޓްރައިބިއުނަލަށް 5 މެންބަރުން ޢައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ މަޖިލީހުގެ ކޮމިޓީއަށް ފޮނުއްވާފައެވެ.

އެގޮތުން، މި މައްސަލަ މަޖިލީހުގެ ޖުޑީޝަރީ ކޮމިޓީން ދިރާސާކުރުމުގެ ތެރޭގައި 13 މީހަކާ އިންޓަވިއުކޮށް މާކްސް ވަނީ ދީފައެވެ. އޭގެ ތެރެއިން 9 މީހަކަށް %75 އަށްވުރެ މަތިން އެ ކޮމިޓީން ވަނީ މާކްސް ދެއްވާފައިވާއިރު، އެއްވެސް މިނިވަން މުއައްސަސާއަކަށް ނުވަތަ ދައުލަތުގެ އިދާރާއަކަށް ބޭފުޅަކު އައްޔަން ކުރުމަށް މަޖިލީހުން ރުހުން ދެވޭނީ އެ ބޭފުޅަކަށް ކޮމިޓީން %75 އަށްވުރެ މަތިން މާކްސް ލިބިގެން ކަމަށް މަޖިލީހުގެ ޤަވާއިދުގައި ބަޔާންކޮށްފައި ވެއެވެ.

ޓެކްސް އެޕީލް ޓްރައިބިއުނަލްގެ މެންބަރުކަމަށް މަޖިލީހުން ރުހުން ދެއްވި  ބޭފުޅުން:

  • ހަސަން ނާސިޙް އަހުމަދު، މާވަހި/ ސ.ހިތަދޫ
  • އަލްއުސްތާޛާ އުސާމާ މޫސާ، ޗަމަން/ ށ. ކޮމަންޑޫ
  • އަލްއުސްތާޛާ އައިޝަތު އިޝާ، ހުޅުމާލެ ފްލެޓް 88-2-02
  • އަލްއުސްތާޛާ ޝިފްޒާ އަބްދުލްގައްޔޫމް، ގަސްދޮށުގެ/ ގއ. ނިލަންދޫ
  • އަހުމަދު ޔާމީން، ބީޗް ކޯނަރ/ ގދ. ގައްދޫ

ޓެކްސް އެޕީލް ޓްރައިބިއުނަލަކީ ޓެކްސް ނެގުމާ ބެހޭ އިދާރީ ޤާނޫނުގެ ދަށުން އުފައްދާފައިވާ، ޓެކްސްއާ ގުޅުންހުރި މައްސަލަތައް ބަލައި، އެ މައްސަލަތަކާމެދު ގޮތް ނިންމުމުގެ ބާރު ލިބިގެންވާ މުހިންމު މުއައްސަސާއެކެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން