ޚަބަރު
ހުރަވީ ދުވަހާ ގުޅުވައިގެން ދޮންބަންޑާރައިންގެ ހަޔާތްޕުޅަށް ވީޑިއޯ ތައްޔާރުކުރުމުގެ މުބާރާތެއް ބާއްވަނީ
ހުރަވީ ދުވަސް ފޮޓޯ:ކުދި ބޮލި ބީޗް ހައުސް
މި އަހަރުގެ ހުރަވީ ދުވަހުގެ މުނާސަބަތާއި ގުޅުވައިގެން، ދޮންބަންޑާރައިންގެ ހަޔާތްޕުޅު ދައްކުވައިދޭ ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމު އުފެއްދުމުގެ މުބާރާތެއް ބޭއްވުމަށް ނިންމާފައިވާކަމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާއި ބެހޭ ވުޒާރާއިން މިއަދު ވިދާޅުވެއްޖެއެވެ. މި މުބާރާތް ކުރިއަށް ގެންދިޔުމަށް ހަމަޖެހިފައިވަނީ، މުޅި ރާއްޖެއަށް ހުޅުވާލައިގެންނެވެ.
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތް ބާއްވަނީ ދިވެހީންގެ މެދުގައި ދިވެހި ތާރީޚަށް އޮންނަ ލޯތްބާއި ޝައުޤު އިތުރުކުރުމުގެ މަޤުސަދުގައި ކަމަށެވެ. މީގެ އިތުރުން ހުރަވީ ދުވަހާއި ގުޅޭގޮތުން ޢާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުމާއި، ހުރަވީ ދުވަހުގެ ބަޠަލު ދޮންބަންޑާރައިން މި ޤައުމަށް ވެވަޑައިގެން ޤުރުބާނީއާއި އެ މަނިކުފާނުގެ ހަޔާތްޕުޅުން ނެގޭ ފިލާވަޅުތައް ރަމްޒުކޮށްދޭ ކަންކަމުގެ މައްޗަށް ޢާންމުން ހޭލުންތެރިކޮށް އަހުލުވެރިކުރުވުމަކީވެސް މުބާރާތުގެ މަޤުސަދުތަކުގެ ތެރޭގައި ހިމެނޭ ކަމަށް އެ ވުޒާރާއިން ފާހަގަކުރެއްވިއެވެ.
މި މުބާރާތް ހުޅުވާލާނީ ދެ ގިންތިއަކަށް ބަހާލައިގެންނެވެ. އެއީ 21 އަހަރާއި 21 އަހަރުން ދަށުގެ ބައިވެރިންނާއި 21 އަހަރުން މަތީގެ ބައިވެރިންނެވެ. މި ދެ ގިންތީގެ އުފެއްދުންތައް އިންސާފު ކުރުމާއި، މާކުސް ދިނުން އޮންނާނީ މުޅިން ވަކީންނެވެ.
ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމުގެ ވާހަކަ ބިނާކޮށްފައި އޮންނަންވާނީ، ހުރަވީ ދުވަހުގެ ބަޠަލު އައްސުލްޠާނުލް ޣާޒީ ޙަސަން ޢިއްޒުއްދީން (ދޮންބަންޑާރައިން)ގެ ހަޔާތްޕުޅުގެ މައްޗަށެވެ. ތައްޔާރު ކުރާ ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމުގެ ދިގުމިން ވާންވާނީ 10 މިނިޓާއި 15 މިނިޓަށް ފެތޭ އުފެއްދުމަކަށެވެ.
ވުޒާރާއިން އިތުރަށް ވިދާޅުވީ، އެއްވެސް މަންޒަރެއްގައި ދޮންބަންޑާރައިންގެ މޫނުފުޅު ސިފަކޮށް ކުރިމަތިން ފެންނަ ގޮތަށް ދައްކައިގެން ނުވާނެ ކަމަށެވެ. އެއީ އެ މަނިކުފާނުގެ ރަސްމީ ނުވަތަ އިތުބާރު ހިފޭ އެއްވެސް ސިފައެއް ނޭނގޭތީ، ތާރީޚީ އޮޅުމެއް ނާރާ ގޮތް ހެދުމަށެވެ. ވީޑިއޯގައި އަސްލު މީހުން ނުވަތަ އަސްލާ އެއްގޮތް ކެރެކްޓަރުން ބޭނުން ކުރެވިދާނެ ކަމަށާއި، ވީޑިއޯގެ ރޭޓިންގ ވާންވާނީ ހުރިހާ އުމުރު ފުރައަކަށް ބެލޭ އުފެއްދުމަކަށް ކަމަށްވެސް އެ ވުޒާރާއިން ހާމަކުރެއްވިއެވެ. ކޮންމެ ވީޑިއޯއެއްގައި ނަމެއް އޮންނަންވާނެއެވެ. އަދި ހުށަހަޅާ ފަރާތުގެ ނަން ވީޑިއޯގެ ފެށުމުގައި ފެންނަންވާނެއެވެ.
މުބާރާތަށް ހުށަހަޅާ ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމުގައި އިސްލާމްދީނާއި ދިވެހިރާއްޖޭގެ ޤާނޫނާ ޚިލާފުވާ ފަދަ ވާހަކަ، މީހެއްގެ ކަރާމާތަށް ގެއްލުން ލިބިދާނެ ފަދަ ވާހަކަ، މުޖުތަމަޢުގެ އަޚްލާޤީ މިންގަނޑުތަކާ ޚިލާފުވާ ފަދަ ވާހަކަ، މުޖުތަމަޢުގައި ބައިބައިވުން އުފެދިދާނެ ފަދަ ވާހަކަ، ވަކި ފަރާތެއްގެ މަސްލަޙަތު ކުރިއަރުވަން ނުވަތަ ދަށްކޮށްލާ ފަދަ ވާހަކަ ހިމަނައިގެން ނުވާނެއެވެ. އަދި މި މުބާރާތަށް ހުށަހަޅާ އުފެއްދުމަކީ ކުރިން ޢާންމު ކުރެވިފައިވާ ނުވަތަ ހުށަހަޅާފައިވާ އުފެއްދުމަކަށް ވެގެން ނުވާނެއެވެ.
މި މުބާރާތުން ވަނަ ވަނައަށް ދާ ކުރު ފިލްމު ނުވަތަ ވީޑިއޯ ކުލިޕްތަކަށް ފައިސާގެ އިނާމުވެސް ވަނީ ކަނޑައަޅާފައެވެ. ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވި ގޮތުގައި ކޮންމެ ގިންތިއަކުން 1، 2، 3 ވަނަ ހޮވާނެއެވެ. އެގޮތުން 1 ވަނައަށް ހޮވޭ ފަރާތަކަށް 15,000 ރުފިޔާއާއި ހަނދާނީ ލިޔުން، 2 ވަނައަށް 10,000 ރުފިޔާއާއި ހަނދާނީ ލިޔުން، އަދި 3 ވަނައަށް 5,000 ރުފިޔާއާއި ހަނދާނީ ލިޔުން ދެވޭނެއެވެ.
މިކަމަށް ޝައުޤުވެރިވާ ފަރާތްތަކުން 28 ޑިސެންބަރު 2025 ވާ އާދިއްތަ ދުވަހުގެ 14:00ގެ ކުރިން، [email protected] އީމެއިލަށް ލިންކެއް މެދުވެރިކޮށް ވީޑިއޯ ކުލިޕް ނުވަތަ ކުރު ފިލްމު ހުށަހެޅުން އެދެއެވެ. މި މުބާރާތުގެ ޤަވާއިދުތަކާއި ބައިވެރިވުމަށް އެދޭ ފޯމު އިޢުލާނާއެކު ވަނީ ހިމަނާފައެވެ.