ޚަބަރު
ޤާޟީ ފާއިޒް މަޤާމުން ވަކިކުރެއްވުމަށް މަޖިލީހަށް ހުށަހެޅުއްވުމަށް ނިންމަވައިފި
ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒް
ފަރުދުން
26 ނޮވެމްބަރު 2025، 06:47
26 ނޮވެމްބަރު 2025، 06:47
ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެއްވުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުއްްވުމަށް ޖުޑީޝައަލް ސަރވިސް ކޮމިޝަން، ޖޭއެސްސީން ނިންމަވައިފިއެވެ.
ޤާޟީ އަލްއުސްތާޛު ޙުސައިން ފާއިޒް ރަޝާދު ފަނޑިޔާރުކަމުގެ މަޤާމުން ވަކިކުރެއްވުމަށް ނިންމަވާފައި މިވަނީ، ފުލުހުންގެ ބެލުމުގެ ދަށަށް ގެންދެވުނު ފަރާތެއްގެ ބަންދާމެދު ގޮތެއް ކަނޑައެޅުމުގައި، ކްރިމިނަލް ކޯޓުގެ ޤާޟީ ފާއިޒް ޤާނޫނާއި ޚިލާފަށް ކޮށްފައިވާކާން ތަޙްޤީޤު ކޮމިޓީއަށް ސާބިތުވެފައި ވާތީއެވެ.
ޖޭއެސްސީން ވިދާޅުވީ ޤާޟީ ފާއިޒްގެ މި ޢަމަލަކީ، ޤާނޫނު އަސާސީއާއި ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި ޚިލާފުވާ އަމަލަކަށްވާތީ އޭނާ ފަނޑިޔާރުކަމުން ވަކިކުރުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމަށް ނިންމާފައިވާކަމަށެވެ. އެހެންނަމަވެސް ޤާޟީ ފާއިޒް ފަނޑިޔާރުކަމުން ވަކިކުރަނީ ކޮން މައްސަލައެއްގައި ކަމެއް ޖޭއެސްސީން ހާމައެއްނުކުރައްވައެވެ.
ކްރިމިނަލް ކޯޓުގެ ޤާޟީ ހުސައިން ފާއިޒް ރަޝާދާ ގުޅޭ ގޮތުން ޖުޑީޝަލް ސާވިސް ކޮމިޝަން، ޖޭއެސްސީން ބަލަމުން ދިޔަ ދެ މައްސަލައަކާ ގުޅިގެން މިމަހުގެ 23 ވަނަ ދުވަހު އޭނާ ވަނީ ސަސްޕެންޑުކޮށްފައެވެ. މަޢުލޫމާތު ލިިބިފައިިވާ ގޮތުގައި ޤާޟީ ފާއިޒް ސަސްޕެންޑްކުރީ ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ތުހުމަތުކުރާ އަލީ އަންވަރު މުހައްމަދު ބަންދުން ދޫކޮށްލުމާއި ގުޅިގެނާއި މަރުގެ މައްސަލައެއްގައި ޝަރީއަތް ނިމެންދެން ބަންދުކޮށްފައި ހުރި ހަލީމަތު ލަމްހާ ބަންދާ މެދު އަމަލުކުރި ގޮތާ މެދު ހުށަހަޅާފައިވާ މައްސަލަތަކަކާ ގުޅިގެންނެވެ.
ޤާޟީ ފާއިޒް މީގެ ކުރިން، 2021 ވަނަ އަހަރު ވެސް ސަސްޕެންޑް ކޮށްފައިވެއެވެ. އެ ފަހަރު ސަސްޕެންޑުކޮށްފައިވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ހުކުމްކުރި މައްސަލައާ ބެހޭ ގޮތުން ވާހަކަ ދައްކާފައިވާ ކަމަށް ބުނާ އޯޑިއޯތަކެއް ލީކުވި މައްސަލައިގަ އެވެ. ނަމަވެސް ތަޙުޤީޤަށްފަހު، އޯޑިއޯތައް ޞައްޙަ ނޫން ކަމަށް ނިންމުމުން ޖޭއެސްސީން ވަނީ ޤާޟީ ފާއިޒްގެ ސަސްޕެންޝަންއުވާލާފައެވެ.