Ads by Stelco

ޚަބަރު

މޫޑީސްއިން ރާއްޖޭގައި ކުރިން އޮތް "ނެގެޓިވް" ކްރެޑިޓް އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފި

މޫޑީސްއިން ރާއްޖޭގައި ކުރިން އޮތް "ނެގެޓިވް" ކްރެޑިޓް އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފި

ކެބިނެޓް ބައްދަލުވުން/ފޮޓޯ: ރައީސް އޮފީސް

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

27 ނޮވެމްބަރު 2025، 05:04

27 ނޮވެމްބަރު 2025، 05:04

ކްރެޑިޓް ރޭޓިން އޭޖެންސީ މޫޑީސްއިން ރާއްޖޭގެ ކްރެޑިޓް ރޭޓިންގ Caa2 ގައި ދަމަހައްޓައި، ކުރިން އޮތް "ނެގެޓިވް" އައުޓްލުކް "ސްޓޭބަލް" އަށް ބަދަލުކޮށްފި އެވެ.

ދިވެހިރާއްޖޭގެ ކްރެޑިޓް ރޭޓިންގ ގެ އައުޓްލުކް މޫޑީޒް އިން "ސްޓޭބަލް" އަށް ބަދަލުކުރިކުރުމަކީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ފާއިތުވި ދެ އަހަރުގެ ތެރޭގައި އެޅުއްވި ހަރުދަނާ މާލީ ސިޔާސަތުތަކާއި، މިހާރު ވެސް ތަންފީޒުކުރަމުންދާ މުހިންމު ފިޔަވަޅުތަކުގެ ނަތީޖާ ވަރަށް ވެސް ރަނގަޅުކަމުގެ ހެއްކަން ޔަޤީނެވެ. ހަމަ އެހެންމެ، މިކަމުން ހާމަވަނީ ރާއްޖެއިން ދަރަނި ދެއްކުމަށާއި، މާލީ ޤާބިލުކަން އިތުރުކުރުމަށް ކުރަމުން އަންނަ މަސައްކަތްތައްކަމަށް މާލީ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.

މި ސަރުކާރުން ވެރިކަމާ ހަވާލުވިއިރު، ރާއްޖޭގެ މާލީ ޙާލަތު އޮތީ ދަރަނި އަދާނުކުރެވޭ މިސްރާބެއްގައި ކަމަށް ބައިނަލްއަޤުވާމީ މާލީ އިދާރާތަކުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ބޭރުފައިސާއިން ނަގާފައިހުރި ދަރަނިތައް އަދާކުރުރަންޖެހުމުން ނަތީޖާއަކަށް ވެގެން ދިޔައީ، ދައުލަތުގެ ރަސްމީ ރިޒަރވް ފަހުގެ ތާރީޚެއްގައި ހީނަރު ނުވާ މިންވަރަށް ހީނަރުވެގެން ދިއުމެވެ. ނަމަވެސް، މިހާލަތުން އަރައިގަނެ، ޤައުމު ކޮޅަށްޖަހާ، ދެމެހެއްޓެނިވި ގޮތެއްގައި މަތިން މާލީ ކަންކަން ތަރުތީބުކުރުމަށް މިދިޔަ އަހަރުން ފެށިގެން ސަރުކާރުން ވަނީ ހަރުދަނާ ފިޔަވަޅުތަކެއް އަޅައިފައެވެ.

މޫޑީޒްއިން ނެރުނު ބަޔާނުގައި، ރޭޓިންގ އަށް މި ލިބުނު ކުރިއެރުމުގެ މައިގަނޑު ސަބަބަކީ ރާއްޖޭގެ ފިސްކަލް އަދި މަނިޓަރީ ސިޔާސަތުތަކުގެ ނަތީޖާއެއްގެ ގޮތުން ރާއްޖޭގެ މެކްރޮފިސްކަލް ހާލަތު ރަނގަޅުވުން ކަމުގައި ވަނީ ފާހަގަކޮށްފައެވެ. އެގޮތުން، ބޭރު ފައިސާގެ އާމްދަނީ އިތުރުކުރުމަށް އެއަރޕޯޓް ޓެކުހާއި ފީ، ގްރީން ޓެކްސް އަދި ޓީޖީއެސްޓީގެ ރޭޓުތައް މުރާޖަޢާކޮށް، ބޭރު ފައިސާގެ ޤާނޫނާއި ޤަވާއިދު ތަންފީޒުކޮށްފައިވުމުގެ ސަބަބުން ރަސްމީ ރިޒަރވް އަދި ބޭރު ފައިސާގެ ލިކުއިޑިޓީ ވަނީ ރަނގަޅުވެފައެއިކަމަށް އެ ބަޔާނުގައި ވަނީ ފާހަގަކޮށްފައެވެ.

މީގެ އިތުރުން، މިދިޔަ އަހަރު ސޮވްރިން ޑިވެލޮޕްމަންޓް ފަންޑުގައި ބޭރު ފައިސާގެ ކޭޝް ބެލެންސް 15 މިލިއަން އެމެރިކާ ޑޮލަރުގައި ހުރުމަށްފަހު، މި ސިޔާސަތުތަކާއެކު 9 ނޮވެންބަރު 2025 ގެ ނިޔަލަށް މި އަދަދު 126 މިލިއަން އެމެރިކާ ޑޮލަރަށް އިތުރުވެފައިކަން މޫޑީޒްގެ ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. ހަމަ އެހެންމެ، ސަރުކާރުން ބަޖެޓު ތަންފީޒުކުރުމުގައި، ޚަރަދުތައް ކޮންޓްރޯލްކޮށް މި އަހަރުގެ ބަޖެޓް ޑެފިސިޓް ކުޑަކުރުމަށް ކޮށްފައިވާ މަސައްކަތްތައްވެސް ފާހަގަކޮށްފައިވެއެވެ.

2026 އިން 2028 ވަނަ އަހަރަށް ފާސްކޮށްފައިވާ މެދުރާސްތާގެ ބަޖެޓުގައި ރާއްޖޭގެ އިޤްތިޞާދަށް ނޭދެވޭ އަސަރެއް ނުކުރާނެ ފަދަ މިންވަރަކަށް ސަރުކާރުގެ ޑެފިސިޓް ކުޑަކުރަމުން ގެންދިއުމަށް ނިންމާފައިވާއިރު، ޖީޑީޕީގެ ނިސްބަތުން ޖުމުލަ ދަރަނި ދަށްކޮށް، ރާއްޖޭގެ ދަރަނީގެ ދެމެހެއްޓެނިވިކަން އިތުރުކުރުމުގެ ގޮތުން، ސޮވްރިން ޑިވެލޮޕްމަންޓް ފަންޑު ޤާއިމުކުރި މަޤްޞަދާ އެއްގޮތަށް، އެ ފަންޑަށް ޖަމާކުރަމުންދާ ބޭރު ފައިސާއިން، ކޮންމެ އަހަރަކުވެސް އަދާކުރަންވާ ބޭރުގެ ދަރަނި އަނބުރާ ދެއްކުމަށް ވަނީ ރާވާފައެވެ.

ދަރަނީގެ މިންވަރު މަތވެފައިވުމުގެ ސަބަބުން މޫޑީޒް އިން ދީފައިވާ Caa2 ގެ ރޭޓިންގ ދަމަހައްޓާފައިވީ ނަމަވެސް، 2026 ވަނަ އަހަރު މެޗުއަރވާ 500 މިލިއަން އެމެރިކާ ޑޮލަރުގެ ސުކޫކު އަދި އެހެނިހެން ދަރަނި އަދާކޮށް، މެދުރާސްތާގައި ދަރަނީގެ މިންވަރު ދަށްކުރެވޭނެ މިސްރާބަކަށް ގެނައުމަށް ވެސް ސަރުކާރުން ވަނީ ރާވާފައެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން