ދުނިޔެ
ސްރީ ލަންކާއަށް މޫސުން ގޯސްވެ، "ރެޑް އެލަރޓް" ނެރެފި
ލަންކާއަށް މޫސުން ގޯސްވެ މުޅި ލަންކާއަށް ވަނީ ރެޑް އެލަރޓް ނެރެފަ
ފަރުދުން
27 ނޮވެމްބަރު 2025، 06:26
27 ނޮވެމްބަރު 2025، 06:26
ގިނަ އަދަދެއްގެ ދިވެހީން ދިރިއުޅެމުންއަންނަ އަވައްޓެރި ސްރީ ލަންކާއަށް މޫސުން ގޯސްވެ ބިންގަނޑު ކަނޑައިގެންދިއުމާއި ގުޅިގެން ހަތް ސަރަހައްދަކަށް ރެޑް އެލާޓް ނެރެފިއެވެ.
ސްރީލަންކާގެ ދެކުނު-އިރުމަތީގައި އުފެދިފައިވާ ޑީޕް ޑިޕްރެޝަނަކާ ގުޅިގެން މުޅި ލަންކާގެ ހުރިހާ ސަރަހައްދުތަކަށާއި ވަށައިގެންވާ ކަނޑުގެ ސަރަހައްދުތަކަށް ލަންކާގެ މޫސުމާބެހޭ އިދާރާއިން ވަނީ 'ރެޑް' އެލާޓެއް ނެރެފައެވެ.
އެ އިންޒާރުގައި ބަޔާންކޮށްފައިވާ ގޮތުގައި ސްރީލަންކާގެ ދެކުނު-އިރުމަތީގައި އުފެދިފައިވާ ޑިޕްރެޝަން ވަނީ ޑީޕް ޑިޕްރެޝަނަކަށް ބަދަލުވެފައެވެ. ލަަންކާގެ މޫސުމާބެހޭ އިދާރާއިން ބުނެފައިވަނީ އެ ކޮޅިގަނޑު އުތުރު ހުޅަނގަށް ދަތުރުކޮށްފާނެ ކަމަށް ބެލެވޭ ކަމުގައެވެ. އަދި ކުރިއަށް އޮތް 12 ގަޑިއިރު ތެރޭގައި މި ކޮޅިގަނޑުގެ ބާރު އިތުރަށް ގަދަވެ ސައިކްލޯނިކް ތޫފާނަކަށް ބަދަލުވެދާނެ ކަމަށްވެސް ލަފާކޮށްފައިވެއެވެ.
މޫސުމާބެހޭ އިދާރާއިން ބުނިގޮތުގައި، ލަންކާގެ ގިނަ ހިސާބުތަކަށް 200 މިލިމީޓަރަށް ވުރެ ގިނައިން ބޯކޮށް ވާރޭވެހުން އެކަށީގެންވެއެވެ. އެގޮތުން، އެރަށުގެ އެހެން ސަރަހައްދުތަކުގެ ބައެއް ހިސާބުތަކަށް 100 މިލިމީޓަރަށް ވުރެ ގިނައިން ބޯކޮށް ވާރޭވެހޭނެކަމަށް ލަފާކޮށްފައިވާއިރު ލަންކާގެ ގިނަ ހިސާބުތަކަށް ގަޑިއަކު 60 ކިލޯމީޓަރާއި 70 ކިލޯމީޓަރާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށްވެސް ބުނެފައި ވެއެވެ.
އެގައުމުގެ މޫސުމާބެހޭ އިދާރާއިން ވަނީ ބޯކޮށް ވާރޭވެހި ވައިގަދަވުމުގެ ސަބަބުން ލިބޭ ގެއްލުން ކުޑަކުރުމަށް ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށް އާންމުންނަށް އިލްތިމާސްކޮށްފައެވެ. ލަންކާއަށް މިހާރު ކުރަމުންދާ ވިއްސާރައަކީ ބޭ އޮފް ބެންގާލްގެ ހުޅަނގުން ލަންކާ ކައިރިން އުފެދިފައިވާ ކޮޅިގަނޑެއްގެ ސަބަބުން ކުރާ ވިއްސާރައެކެވެ. އެ ކޮޅިގަނޑުގެ އަސަރު ކުރިއަށްއޮތް 12 ގަޑިއިރު ތެރޭގައި ގަދަވާނެ ކަމަށްވެސް ވަނީ ލަފާކޮށްފައެވެ.