ޚަބަރު
ފްލެޓު ލިބޭ 3880 ފަރާތަކާއެކު އެއްބަސްވުން ތައްޔާރުކޮށް ނިމިއްޖެ
ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ޤާއިމްކޮށްފައިވާ ފްލެޓްތަކެއް
ފަރުދުން
27 ނޮވެމްބަރު 2025، 07:59
27 ނޮވެމްބަރު 2025، 07:59
ގެދޮރުވެރިޔާ ސްކީމްގެ ދަށުން ހުޅުމާލޭގެ ދެވަނަ ފިޔަވަހީގައި ފަހި ދިރިއުޅުން ކޯޕަރޭޝަން، އެފްޑީސީން ތަރައްޤީކޮށްފައިވާ 4000 ހައުސިންގ ޔުނިޓުގެ ތެރެއިން، ފްލެޓު ލިބޭ 3880 ފަރާތަކާއެކު އެއްބަސްވުން ހަދާ، އެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހަވާލުކޮށްފައިވާކަމަށް ހައުސިން މިނިސްޓްރީން ވިދާޅުވެއްޖެއެވެ.
އެމިނިސްޓްރީން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ މިހާތަން ފްލެޓު ލިބޭ 3880 ފަރާތެއްގެ މަޢުލޫމާތު ފަހި ދިރިއުޅުން ކޯޕަރޭޝަނާއި ހިއްސާކުރައްވާފައިވާ ކަމަށެވެ.
ހަފުތާ104: ގެދޮރުވެރިޔާ ސްކީމުގެ ދަށުން ދޫކުރާ 4000 ފްލެޓާ ގުޅޭ މަސައްކަތް pic.twitter.com/V63j0MWA3k
— Ministry of Construction, Housing & Infrastructure (@MoCImv) November 25, 2025
ފްލެޓްތަކުގެ އަދާހަމަ ހާމަކުރައްވާ އެފްޑީސީން ވިދާޅުވީ 4000 ހައުސިންގ ޔުނިޓުގެ އެއްބަސްވުންތަކުގައި ސޮއި ކުރުމުގެ މަސައްކަތް ފަށާ، ނިމުމަކާއި ހަމަޔަށް ވާސިލުވެފައިވާކަމުގައެވެ. ހަމައެއާއެކު އެފްޑީސީން ވޭތުވެދިޔަ 104 ހަފްތާގެ ތެރޭގައި ކުރެވުނު މަސައްކަތްތަކުގެ ތެރެއިން، ފަހި ޕޯޓަލްގެ ނަމުގައި ޕޯޓަލްއެއް ތައްޔާރުކޮށް އެ ޕޯޓަލްއިން ޚިދުމަތް ފޯރުކޮށްދޭން ފެށެފައިވާކަމަށާއި، މި ޕޯޓަލް މެދުވެރިކޮށް ރޭވުންތެރިކަމާއެކު އެއްބަސްވުންތަކުގައި ސޮއިކުރުމުގެ މަސައްކަތް ކުރިއަށް ގޮސްފައިވާކަމަށްވެސް އެ ކޯޕަރޭޝަނުން ވިދާޅުވެއެވެ.
އެއްބަސްވުމުގައި ސޮއި ކުރުމުގެ މަސައްކަތް އަދިވެސް ކުރިޔަށްދާއިރު، ފްލެޓު ލިބޭ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތްވެސް ވަނީ ފަށާފައެވެ. މިގޮތުން، އެއްބަސްވުމުގައި ސޮއިކޮށް ޑިޕޮސިޓް ދައްކާފައިވާ ފަރާތްތަކަށް ތަޅުދަނޑި ހަވާލުކުރަމުން ދާއިރު، މިހާތަނަށް ހާހަކަށް ވުރެ ގިނަ މީހުން ވަނީ ޑިޕޮސިޓްގެ ފައިސާ ދައްކާފައެވެ. އަދި ފްލެޓްތަކުގައި މީހުން މިހާރު ވަނީ ދިރިއުޅެންވެސް ފަށާފައެވެ.