ޚަބަރު
މާފަރުގެ ސިއްޙީ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށއައު އިމާރާތުގެ އަމަލީ މަސައްކަތް ފަށައިފި
މާފަރުގެ ސިއްޙީ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށއައު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް ބޭއވި ރައްމިއްޔާތު / ފޮޓޯ: ސިއްޙީ ވުޒާރާ
ފަރުދުން
27 ނޮވެމްބަރު 2025، 10:33
27 ނޮވެމްބަރު 2025، 10:33
ނ. މާފަރުގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކޮށް، އެ މަރުކަޒުގެ އައު އިމާރާތުގެ އަމަލީ މަސައްކަތް މިއަދު ފަށައިފިއެވެ.
މިކަމަށްޓަކައި އެ ރަށުގައި ބޭއްވި ޙާއްޞަ ރައްމިއްޔާތެއްގައި ޞިއްޙީ މަރުކަޒުގެ އައު އިމާރާތުގެ ބިންގާ އަޅުއްވައި ދެއްވައި، ސިއްޙީ ޚިދުމަތް 24 ގަޑިއިރަށް ބަދަލުކުރެއްވީ، ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމްއެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ވިދާޅުވީ، މިދިޔަ ޖުލައި މަހު އެ ރަށަށް ވަޑައިގެން ސިއްޙީ މަރުކަޒުގެ މަސައްކަތް ފެނަކަ ކޯޕަރޭޝަނާ ހަވާލުކުރި ކަމަށެވެ. އަދި މިއަދު އެ މަރުކަޒުގެ ޢަމަލީ މަސައްކަތް ފެށިގެން ދިޔައިރު، ދެން ފެންނާނީ ވަރަށް ބާރަށް ގޮސް މަސައްކަތް ނިމޭތަން ކަމަށެވެ.
މީގެ ކުޑަ ދުވަސްކޮޅެއް ކުރިން އަޅުގަނޑު މިރަށަށް އައިން. އެ ދަތުރުގަ މިރަށުގެ ސިއްޙީ މަރުކަޒުގެ އިމާރާތައް ބޭނުންވާ ޖާގަ އިތުރުކުރުމަށް ފެނަކަ ކޯޕަރޭޝަނާއެކު އެއްބަސްވުމެއްގައި ސޮއިކުރެވުނު. ދުވަސްކޮޅެއް ފަހުން ބިންގާ އެޅުމުގެ ރަސްމިއްޔާތު އަޅުގަނޑުމެންނަށް މި ކުރިއަށްގެންދެވުނީ. އިރާދަކުރެއްވިއްޔާ ދެން ފެނިގެންދާނީ ވަރަށް ބާރު ސްޕީޑެއްގައި މި މަސައްކަތް ކުރިއަށްގެންދެވި، މަސައްކަތް އެއްކޮށް ނިންމާލެވޭ މަންޒަރު.
ސިއްޙީ ވަޒީރު ޢަބްދުﷲ ނާޡިމް އިބްރާހީމް ވިދާޅުވިއެވެ.
މާފަރުގެ ސިއްޙީ މަރުކަޒުގެ ޚިދުމަތް މީގެ ކުރިން ދުވާލަކު 16 ގަޑިއިރު ދެމުން އައުމުން، ޚާއްޞަކޮށް ރޭގަނޑުގެ ވަގުތުތަކުގައި ކުއްލި ހާލަތްތައް މެދުވެރިވާ ދަނޑިވަޅުތަކުގައި ސިއްޙީ އެހީތެރިކަން ބޭނުންވާ ފަރާތްތަކަށް ދަތިތަކާ ކުރިމަތިލާން ޖެހުނެވެ. ނަމަވެސް ސަރުކާރުން ގެންނެވި ބަދަލާއެކު، މާފަރުގެ ރައްޔިތުންނަށް ކޮންމެ ވަގުތެއްގައިވެސް ސިއްޙީ އެހީތެރިކަން ހޯދުމުގެ ފުރުސަތު މިހާރު ވަނީ ފަހިވެގެންގޮސްފައެވެ.
މާފަރު ސިއްޙީ މަރުކަޒަށް އިތުރުކުރާ އައު އިމާރާތުގައި ޤާއިމުކުރެވޭނެ މުހިންމު ޚިދުމަތްތަކުގެ ތެރޭގައި ލެބޯޓްރީ (ލެބް) އަދި އެކްސްރޭގެ ޚިދުމަތް ހިމެނެއެވެ. އަދި އެ މަރުކަޒުން މިހާރު 24 ގަޑިއިރަށް ޚިދުމަތް ފޯރުކޮށްދޭން ފަށާފައިވާއިރު، މި މަރުކަޒުގެ ބެޑް ކެޕޭސިޓީ އިތުރުކުރުމަށްވެސް މިހާރު ދަނީ މަސައްކަތް ކުރަމުންނެވެ. މީގެ އިތުރުން، މާފަރު ސިއްޙީ މަރުކަޒު އަޕްގްރޭޑް ކުރުމުގެ މަސައްކަތުގެ ތެރެއިން ނާރސް ސްޓޭޝަނާއި، މީޓިންގ ހޯލާއި، ޕަބްލިކް ހެލްތު ޔުނިޓް ތަރައްޤީކުރުމުގެ އިތުރުން، ޕޯޓިކޯ ޤާއިމު ކުރާނެކަމަށްވެސް ސިއްޙީ ވުޒާރާއިން ހާމަކުރެއެވެ.