Ads by Stelco

ޚަބަރު

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިފި

ދިއްދޫ އިސްލާމީ މަރުކަޒު ހުޅުވައިފި

ދިއްދޫ އިސްލާމީ މަރިކަޒު ހުޅުވުން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

28 ނޮވެމްބަރު 2025، 04:00

28 ނޮވެމްބަރު 2025، 04:00

ހުލާސާ


ހއ. ދިއްދޫގައި ތަރައްޤީކޮށްފައިވާ އިސްލާމީ މަރުކަޒު ރަސްމީކޮށް މިއަދު ހުޅުވައިފިއެވެ.

 މި މަރުކަޒު ހުޅުއްވައިދެއްވީ އިސްލާމީ ކަންތައްތަކާބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. މަރުކަޒު ހުޅުވައިފައިވަނީ މިއަދުގެ ހުކުރު ވަގުތާ ކައިކޮށެވެ. މިއީ އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ ބޮޑު މިސްކިތެއް ހިމެނޭ މަރުކަޒެކެވެ.

ދިއްދޫގައި ތަރައްޤީކޮށްފައިވާ މި އިސްލާމީ މަރުކަޒަށް ނަން ދީފައިވަނީ 1988 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 3 ވަނަ ދުވަހު ނިރުބަވެރި ޖަމާޢަތަކުން ރާއްޖެއަށް ދިން ޢުދުވާނީ ހަމަލާގައި ޝަހީދުވި، އޭރު މާލެ އިސްލާމީ މަރުކަޒުގެ މުވައްޒަފެއްގެ ގޮތުގައި ހުންނެވި، ޝަހީދު ޢުމަރު އަޙްމަދުގެ ނަންފުޅަށް ނިސްބަތްކޮށެވެ. ޝަހީދު ޢުމަރު އަޙްމަދު ނިސްބަތްވަނީ ހއ. ދިއްދޫއަށެވެ. އިސްލާމީ މަރުކަޒެއްގައި ޚިދުމަތްކުރައްވަނިކޮށް ޝަހީދުވި ޢުމަރު އަޙުމަދުގެ ޒިކުރާ ދިރުވައި އާލާކުރުމުގެ ގޮތުން، ދިއްދޫގެ މި ފަޚުރުވެރި މަރުކަޒުގެ މިސްކިތަށް ވަނީ ޝަހީދު ޢުމަރު އަޙްމަދު މިސްކިތްގެ ނަން ދެއްވާފައެވެ.

މި މަޝްރޫޢު ހިންގާފައިވަނީ ރަޝީދު ކާޕެންޓްރީ އެންޑް ކޮންސްޓްރަކްޝަނާ (އާރްސީސީ) ހަވާލުކޮށްގެންނެވެ. މި މަޝްރޫޢަށް ސަރުކާރުން ޖުމްލަ 50 މިލިޔަން ރުފިޔާ ޚަރަދުކުރައްވާފައިވެއެވެ. މި މަރުކަޒަކީ އެއްފަހަރާ 1500 މީހުންނަށް ނަމާދުކުރެވޭނެ ޖާގައިގެ މިސްކިތެއްގެ އިތުރުން އިތުރު ޚިދުމަތްތައް ދިނުމަށްޓަކައި ގާއިމުކުރެވިފައިވާ މަރުކަޒެކެވެ.

މި މަރުކަޒުގައި އިސްލާމީ ލައިބްރަރީއަކާއި، ޤުރުއާނާ ބެހޭ މަރުކަޒުގެ އައުޓްރީޗް ސެންޓަރެއްވެސް ވަނީ ގާއިމުކޮށްފައެވެ. އަދި 450 މީހުންގެ ޖާގައިގެ މަލްޓި ޕަރޕަސް ހޯލަކާއި، 30 ކުދިންގެ ޖާގައިގެ 5 ކްލާސްރޫމް ހިމެނޭ ގޮތަށް ޢިލްމީ ދިރާސާތަކަށް ޚާއްސަ ޖާގަތަކެއް ހުރެއެވެ. މީގެ އިތުރުން 2 ސެމިނަރ ރޫމާއި އޮފީސް ޖާގައެއްވެސް މި މަރުކަޒުގައި ހިމެނެއެވެ.

މި އިސްލާމީ މަރުކަޒު ތަރައްޤީކޮށްފައިވަނީ ދިއްދޫގެ ހިއްކި ބިން ސަރަޙައްދުގައެވެ. މިއީ ރަށުގައި އަލަށް މީހުން އާބާދުވަމުންދާ ސަރަޙައްދެކެވެ. ދިއްދޫގައި މިވަގުތު 6 މިސްކިތުގައި ނަމާދުކުރަމުންދާއިރު، ހުކުރުކުރާ މިސްކިތުގެ ގޮތުގައި ބޭނުންކުރެވެނީ 3 މިސްކިތެވެ. މިހާރު މި ހުޅުވުނު ބޮޑު އިސްލާމީ މަރުކަޒާއެކު، ރަށުގެ މިސްކިތުގެ ޖާގައިގެ މައްސަލަ ހައްލުވެ، ޚާއްސަކޮށް އަލަށް އާބާދުވާ ސަރަޙައްދުގެ ރައްޔިތުންނަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް ބެލެވެއެވެ.

 

 

Ads by MSS

މި ލިޔުން ކިޔާލުމުން