ޚަބަރު
ގަސްގަހާގެހި އެތެރެކުރުމަށް 2000 ފަރާތަކަށް ހުއްދަ ދީފި!
ގަސްވިއްކާ ފިހާރައެއްގައި އެކިބާވަތުގެ ގަހާއި ބަގީޗާ ރުކުގެބާވަތްތައް ފޮޓޯ: އިންޓަނެޓް
ދިވެހިރާއްޖެއަށް ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް އިމްޕޯޓުކުރުމަށް މިހާތަނަށް 2000 ފަރާތަކަށް ހުއްދަ ދޫކޮށްފައިވާކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. ވުޒާރާއިން ވިދާޅުވީ، ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކުރުމާއި ބޭރުކުރުމުގައި ކަނޑައެޅިފައިވާ ގަވާއިދުތަކާއި އުސޫލުތަކަށް ފުރިހަމައަށް ރިއާޔަތްކުރުމަކީ ވަރަށް މުހިންމުކަމެއް ކަމުގައެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން މައުލޫމާތު ދެއްވިގޮތުގައި، ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް ރާއްޖެއިން ބޭރުކޮށް އަދި އެތެރެކުރެވޭނީ ވުޒާރާއިން ދޫކުރާ ހާއްސަ ހުއްދައެއްގެ ދަށުންނެވެ. މި ހުއްދަތަކަށް މަކުޑި ޕޯޓަލް މެދުވެރިކޮށް އެދެވޭނެއެވެ.
ޚާއްސަކޮށް ރުކާއި ރުކުގެ ބައިތައް އެއްރަށުން އަނެއްރަށަށް ގެންދިޔުމަށް ހުއްދަދެވޭނީ ނުރައްކާތެރި ޕެސްޓެއްކަމުގައިވާ ހިސްޕިޑް ބީޓަލް ނޫޅޭ ރަށްތަކަށް އެކަނިކަމަށް ވުޒާރާއިން ފާހަގަކުރެއެވެ. މިހާތަނަށް 28 ފަރާތަކަށް ރުކާއި ރުކުގެ ބައިތައް އެއްރަށުން އަނެއްރަށަށް ގެންދިޔުމުގެ ހުއްދަ ދޫކޮށްފައިވެއެވެ.
ވުޒާރާއިން ވިދާޅުވީ، ރާއްޖެއިން ބޭރުން ގަސް އިމްޕޯޓްކުރުމަށް 2000 ފަރާތަކަށް ހުއްދަދީފައިވާ އިރު، ގަސްގަހާއި ގެހި އެކްސްޕޯޓުކުރުމަށް 3 ފަރާތަކަށް ހުއްދަ ދޫކޮށްފައިވާކަމަށެވެ. މީގެ އިތުރުން ރުކާއި ރުކުގެ ބައިތައް އިމްޕޯޓްކުރުމަށްވެސް 3 ފަރާތަކަށް ހުއްދަ ދޫކޮށްފައިވާކަމަށް އެ ވުޒާރާއިން މައުލޫމާތު ދެއްވިއެވެ. ދަނޑުވެރިކަމުގައި ބޭނުންކުރާ ތަފާތު އެކި ކެމިކަލްތަކާއި ބޭސްތައް ރާއްޖެއަށް އެތެރެކުރުމުގެ ހުއްދަ މިހާތަނަށް 1057 ފަރާތަކަށް ވަނީ ދީފައެވެ.
ތަފާސްހިސާބުތަކަށް ބަލާއިރު، މި އަހަރުގެ ޖަނަވަރީމަހުން ފެށިގެން އެޕްރީލް މަހުގެ ނިޔަލަށް ރާއްޖޭން ބޭރުން 3,869,648 (ތިން މިލިއަން އަށްލައްކަ ފަސްދޮޅަސް ނުވަހާސް ހަސަތޭކަ ސާޅިސް އަށެއް) ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް ރާއްޖެއަށް އެތެރެކޮށްފައިވެއެވެ. އަދި މި މުއްދަތުގެ ތެރޭގައި ގަސްގަހާއި ގެއްސާއި ގަހުގެ ބައިތަކުގެ 405 ޝިޕްމެންޓް ވަނީ ރާއްޖެއަށް އެތެރެކޮށްފައެވެ.
ދިވެހިރާއްޖެއިން ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް ބޭރުކުރެވޭނީ ޕްލާންޓް އެންޑް އެނިމަލް ކަރަންޓީނު ޔުނިޓުން ދޫކުރާ ފައިޓޯ ސެނިޓަރީ ސެޓްފިކެޓާއެކުގައިއެވެ. ރާއްޖެއިން ބޭރުން މިގޮތަށް ގަސްގަހާއި ގެއްސާއި ގަހުގެ ބައިތައް އެތެރެކުރާއިރު، ޤަވައިދުތަކާއި އުސޫލުތަކަށް ސަމާލުކަން ދިނުމަކީ ވަރަށް މުހިންމުކަމެކެވެ. އެގޮތުން ގަސްގަހާގެހި ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން، އެކްސްޕޯޓްކުރެވޭ ޤައުމުގެ އެން.ޕީ.ޕީ.އޯ (ގައުމީ ގަސްގަހާގެހި ރައްކާތެރިކުރުމާ ބެހޭ އިދާރާ) އިން ދޫކުރާ ފައިޓޯ ސެނިޓަރީ ސެޓްފިކެޓާއެކު މެނުވީ، އެއްވެސް މީހަކު، ގަސްގަހާގެއްސާއި، ގަހުގެ ބައިތަކުގެ އުފެއްދުންތަކާއި އެނޫން ރެގިއުލޭޓްކުރެވޭ ތަކެތި ދިވެހިރާއްޖެއަށް އިމްޕޯޓްކޮށްގެން ނުވާނެއެވެ.
ކަރަންޓީންކުރާ ޕެސްޓެއް އެތަކެތީގައި އަށަގަނެފައި ހުރިކަން އެނގިހުރެ، ގަސްގަހާގެހި، ގަހުގެ ބައިތަކުގެ އުފެއްދުންތައް، ނުވަތަ ރެގިއުލޭޓްކުރެވޭ ތަކެތި އެއްވެސް ގޮތަކަށް ހެއްދުމާއި، އަތުގައި ބެހެއްޓުމާއި، ވިއްކުމާއި، ވިއްކުމަށް ހުށަހެޅުމާއި، އެއްތަނުން އަނެއްތަނަށް ގެންދިޔުމާއި، ފޯރުކޮށްދިނުމަކީ މަނާކަމެކެވެ. މިކަންކަމަށް ސަމާލުކަންދީ، ގަސްގަހާގެހީގެ ރައްކާތެރިކަން ކަށަވަރުކުރުމަށް ވުޒާރާއިން ވަނީ އިލްތިމާސްކުރައްވާފައެވެ.