ދުނިޔެ

ކޯޓަށް ހުށައެޅިފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް މާފު ދިނުމަށް ނަތަންޔާހޫ އިޒްރޭލްގެ ރައީސްގެ ކިބައިން ނަތަންޔާހޫ އެދިއްޖެ

ކޯޓަށް ހުށައެޅިފައިވާ ކޮރަޕްޝަންގެ މައްސަލަތަކަށް މާފު ދިނުމަށް ނަތަންޔާހޫ އިޒްރޭލްގެ ރައީސްގެ ކިބައިން ނަތަންޔާހޫ އެދިއްޖެ

ބެންޖަމިން ނަތަންޔާހޫ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

30 ނޮވެމްބަރު 2025، 04:56

30 ނޮވެމްބަރު 2025، 04:56

އިޒްރޭލްގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ، އޭނާގެ މައްޗަށް ހިނގަމުންދާ ކޮރަޕްޝަންގެ މައްސަލަތަކާ ގުޅިގެން އިޒްެރާއިލްގެ ރައީސްގެ ފަރާތުން މާފަށް އެދިއްޖެއެވެ.

 އިޒްރޭލްގެ ރައީސްގެ އޮފީހުން އާދީއްތަ ދުވަހު ބުނެފައިވާ ގޮތުގައި، ނަތަންޔާހޫ ވަނީ ރައީސް އައިޒެކް ހެރްޒޯގްއަށް މާފަށް އެދި ސިޓީއެއް ހުށަހަޅުއަޅާފައެވެ. ނަތަންޔާހޫގެ މައްޗަށް 2019 ވަނަ އަހަރު ވަކިވަކިް ތިން ކޮރަޕްޝަންގެ މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މި މައްސަލަތަކުގެ ތެރޭގައި ރިޝްވަތު ނެގުމާއި، މަކަރާއި ހީލަތް އަދި އިތުބާރު ނަގާލުމުގެ ތުހުމަތުތައް ހިމެނެއެވެ. ނަމަވެސް، އެމަނިކުފާނު ވަނީ މި ތުހުމަތުތައް ދޮގުކޮށް، ކުށަށް އިންކާރު ކޮށްފައިވެއެވެ.

އިޒްރާއިލްގެ ރައީސްގެ އޮފީހުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، “މިއީ އާދަޔާ ޚިލާފު އެދުމެއް ކަމާއި، މީގެ ސަބަބުން ބޮޑެތި އަސަރުތަކެއް ފޯރާނެކަން ރައީސްގެ އޮފީހަށް އެނގެއެވެ. ހުރިހާ ގުޅުންހުރި ރައުޔުތައް ލިބުމަށްފަހު، ރައީސް މި އެދުމަށް ޒިންމާދާރުކަމާއެކު އަދި އިޚްލާސްތެރިކަމާއެކު ބައްލަވާނެ” ކަމަށެވެ.

ނަތަންޔާހޫ މާފަށް އެދުނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މި މައްސަލަތަކުގައި ނަތަންޔާހޫއަށް މާފު ދިނުމަށް ހެރްޒޯގްއަށް ބާރުއަޅުއްވަމުންދާ ދަނޑިވަޅެއްގައެވެ. 

ޓްރަމްޕް ވަނީ މި ނޮވެމްބަރު މަހުގެ ކުރީކޮޅު ވެސް ހެރްޒޯގްއަށް ސިޓީއެއް ފޮނުއްވައި، މާފު ދިނުމަށް އެދިވަޑައިގެންފައެވެ. އޮކްޓޯބަރު މަހު ޓްރަމްޕް އިޒްރޭލަށް ކުރެއްވި ދަތުރުފުޅުގައި ވެސް، އިޒްރޭލްގެ ޕާލިމެންޓަށް ކުރެއްވި ތަޤްރީރެއްގައި ނަތަންޔާހޫއަށް މާފު ދިނުމަށް ހެރްޒޯގްއަށް ވަނީ ބާރުއަޅުއްވާފައެވެ. 

ނަތަންޔާހޫގެ މައްޗަށް ހޭގްގައި ހުންނަ އިންޓަނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ) އިން ވެސް ވަނީ ހޯދާފައެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އައި.ސީ.ސީ. އިން ވަނީ ނަތަންޔާހޫއާއި ކުރީގެ ދިފާޢީ ވަޒީރު ޔޯއާވް ގެލަންޓްގެ މައްޗަށް ޣައްޒާގައި ހިންގި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތަކުގެ ދަޢުވާގައި ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ.

ނަތަންޔާހޫއަކީ، އިޒްރޭލްގެ ތާރީޚްގައި މަގާމުގައި ހުރެގެން ކޮރަޕްޝަންގެ މައްސަލަތަކެއްގައި ދަޢުވާ އުފުލުނު ހަމައެކަނި ބޮޑުވަޒީރެވެ. އޭނާގެ މައްޗަށް އުފުލިފައިވާ ދަޢުވާތަކުގެ ތެރޭގައި މަކަރާއި ހީލަތް، އިތުބާރު ނަގާލުން އަދި މުއްސަނދި ސިޔާސީ އެހީތެރިންނާ އެކު ފައިދާ ބަދަލުކުރުމުގެ ތުހުމަތުތައް ހިމެނެއެވެ. މި މައްސަލަތަކުގެ ތެރޭގައި ވިޔަފާރިވެރިންގެ ފަރާތުން ގާތްގަނޑަކަށް 700,000 ޝެކެލް (211,832 ޑޮލަރު) އަގުހުރި ހަދިޔާ ޤަބޫލުކުރުމުގެ ތުހުމަތުތައް ވެސް ހިމެނެއެވެ.

އިޒްރޭލްގެ ރައީސްގެ މަޤާމަކީ މައިގަނޑު ގޮތެއްގައި ރަސްމިއްޔާތުތަކާ ގުޅުންހުރި މަޤާމެއް ނަމަވެސް، އާދަޔާ ޚިލާފު ޙާލަތްތަކުގައި ކުށް ސާބިތުވާ ފަރާތްތަކަށް މާފު ދިނުމުގެ ބާރު ހެރްޒޯގްއަށް ލިބިގެންވެއެވެ. ނަމަވެސް، 2020 ވަނަ އަހަރު ފެށުނު ނަތަންޔާހޫގެ ޝަރީޢަތް އަދި ނިމިފައެއް ނުވެއެވެ.

ވީޑިއޯ ބަޔާނެއްގައި ނަތަންޔާހޫ ބުނީ، މި ޝަރީޢަތުގެ ސަބަބުން ޤައުމު ބައިބައިވެފައިވާ ކަމަށާއި، މާފު ދިނުމަކީ ޤައުމީ އެއްބައިވަންތަކަން އަލުން ޤާއިމުކުރުމަށް އެހީތެރިވެދޭނެ ކަމެއް ކަމުގައެވެ. އަދި ހަފްތާއަކު ތިން ފަހަރު ކޯޓަށް ހާޒިރުވާން ޖެހުމަކީ، ޤައުމުގެ ކަންތައްތަކަށް ލީޑަރޝިޕް ދިނުމަށް ދަތިވާ ކަމެއް ކަމަށް ވެސް އޭނާ ބުނެފައިވެއެވެ. ނަތަންޔާހޫގެ މާފަށް އެދުނު ސިޓީގައި  ދެ ލިޔުމެއް ހިމެނެއެވެ.

އެއީ އޭނާގެ ވަކީލު ސޮއިކޮށްފައިވާާ ތަފްޞީލީ ސިޓީއަކާއި، ނަތަންޔާހޫ ސޮއިކޮށްފައިވާ ސިޓީއެކެވެ. މި ލިޔުންތައް ރައުޔު ހޯދުމަށްޓަކައި ޖަސްޓިސް މިނިސްޓްރީއަށް ފޮނުވޭނެއެވެ. އެއަށްފަހު، ރައީސްގެ އޮފީހުގެ ލީގަލް އެޑްވައިޒަރަށް ފޮނުވައި، ރައީސަށް އިތުރު ރައުޔުތައް އެކުލަވާލެވޭނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން