ޚަބަރު
ގެވެށިއަނިޔާގެ 45 މައްސަލައެއް އޮކްޓޯބަރު މަހު އާއިލާތަކާ ބެހޭ ވުޒާރާއަށް ހުށައަޅައިފައިވޭ
ގެވެށިއަނިޔާގެ 45 މައްސަލައެއް އޮކްޓޯބަރު މަހު ހުށައެޅިފައިވޭ
ގެވެށިއަނިޔާގެ 45 މައްސަލައެއް އޮކްޓޯބަރު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ހުށައަޅައިފައިވާކަމަށް އެވުޒާރާގެ ތަފާސްހިސާބުތަކުން ދައްކައިފިއެވެ.
އެވުޒާރާއިން ހާމަކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާގޮތުން އޮކްޓޯބަރު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ ޖުމްލަ 45 މައްސަލަ ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ޖިސްމާނީ އަނިޔާކުރުމުގެ މައްސަލައެވެ. އެގޮތުން، މި ބާވަތުވެ 20 މައްސަލައެއް ވަނީ އޮކްޓޯބަރު މަހު އެެ ވުޒާރާއަށް ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 17 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 03 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ނަފްސާނީ އަނިޔާކުރުން/ އަނގަބަހުން ކުރެވޭ އަނިޔާގެ މައްސަލަތަކެވެ. އެގޮތުން މި ބާވަތުގެ 16 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އަންހެނުންނާއި ގުޅޭ 15 މައްސަލައަކާއި ފިރިހެނުންނާއި ގުޅޭ 01 މައްސަލައެކެވެ.
ހަމައެހެންމެ، މީގެ ތެރޭގައި ގަދަކަމުން ޖިންސީ ގޯނާ ކުރުމުގެ 04 މައްސަލައާއި، ބިރުދެއްކުމުގެ ގޮތުން ކުރެވޭ ކަންކަމުގެ 03 މައްސަލައާއި، ނަހަމަ ގޮތުގައި ބޭނުންކުރުމުގެ 01 މައްސަލަ އަދި މާލީ/ އިޤްތިޟާދީ ފުދުންތެރކަން ފޯރުކޮށްދިނުމުގައި ހުރަސްއެޅުމުގެ 01 މައްސަލަ ހިމެނެއެވެ.
ވަކި ޖިންސަކަށް ވީތީ ކުރާ އަނިޔާ އަދި ގެވެށި އަނިޔާގެ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، އަންހެނުންނާއި ގުޅޭ 41 މައްސަލައަކާއި ފިރހެނުންނައި ގުޅޭ 04 މައްސަލައެކެވެ.
މީގެއިތުރުން އޮކްޓޯބަރު މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް ޢާއިލީ މައްސަލަތަކާ ގުޅޭ 28 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ކުދިންނާއި ބައްދަލުކުރުމުގައި ޖެހޭ މައްސަލަތަކެވެ. އެގޮތުން، މި ބާވަތުވެ 20 މައްސަލައެއް ވަނީ ވުޒާރާއަށް ރިޕޯޓުކޮށްފައިވެއެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެން ކުދިންނާއި ގުޅޭ 08 މައްސަލައަކާއި އަންހެން ކުދިންނާއި ގުޅޭ 12 މައްސަލައެކެވެ.
ދެވަނައަށް އެންމެ ގިނައިން ރިޕޯޓުކޮށްފައިވާ މައްސަލައަކީ ކުދިން ބެލުމުގައި ޖެހޭ މައްސަލަތަކެވެ. އެގޮތުން، މި ބާވަތުވެ 05 މައްސަލައެއް ވަނީ އޮކްޓޯބަރު މަހު އެވުޒާރާއަށް ރިޕޯޓުކޮށްފައެވެ. ހަމައެހެންމެ، ހަޟާނާގެ މައްސަލަތަކުގެ 03 މައްސަލަ ވެސް ވަނީ ރިޕޯޓުކޮށްފައެވެ.
ޢާއިލީ މައްސަލަތަކުގެ ތެރޭގައި ޖުމްލަކޮށް ހިމެނެނީ، އަންހެންކުދިންގެ 14 މައްސަލައާއި ފިރިހެން ކުދިންގެ 14 މައްސަލައެވެ.
އޮކްޓޯބަރު މަހު ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކާއި އުމުރުން ދުވަސްވީ މީހުނަށް އަޅައިލުމާއި އެހީތެރިވުމާއި ގުޅޭ 08 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މި ބާވަތުގެ މައްސަލަތަކުގެ ތެރެއިން އެންމެ ގިނައިން ރިޕޯޓުކޮށްފައިވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް އަޅައިލުމާއި އެހީތެރިވުމުގެ މައްސަލައެވެ. އެގޮތުން މި ބާވަތުގެ 06 މައްސަލައެއްވަނީ ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ 05 މައްސަލައަކާއި އަންހެނުންނާއި ގުޅޭ 01 މައްސަލައެކެވެ.
ހަމައެހެންމެ، އުމުރުން ދުވަސްވީ މީހުންނަށް އަޅައިލުމާއި އެހީތެރިކަމުގެ 02 މައްސަލަ ވެސް ވަނީ އޮކްޓޯބަރު މަހު މި ވުޒާރާއަށް ރިޕޯޓުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ ފިރިހެނުންނާއި ގުޅޭ 01 މައްސަލައަކާއި އަންހެނުންނާއި ގުޅޭ 01 މައްސަލައެކެވެ.
އޮކްޓޯބަރު މަހު އެ ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އަޅާލުމާއި އެހީތެރިވުމާއި ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންގެ 06 މައްސަލައާއި އަންހެނުންގެ 02 މައްސަލައެވެ.
ހަމަމިއާއެކު ފާއިތުވި މަހު އިޖުތިމާޢީ އަދި ޢާއިލީ ތަރައްޤީއާ ބެހޭ ވުޒާރާއަށް އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ 03 މައްސަލައެއް ރިޕޯޓުކޮށްފައިވެއެވެ.
މިގޮތުން، ރިޕޯޓުކޮށްފައިވަނީ ބޯހިޔާވަހިކަން ފޯރުކޮށްދިނުމުގެ ކުޅަދާނަކަން ނެތުމުގެ 03 މައްސަލަ މައްސަލައެވެ.
އޮކްޓޯބަރު މަހު ވުޒާރާއަށް ރިޕޯޓުކޮށްފައިވާ އިޖުތިމާޢީ އެހީތެރިކަން ފޯރުކޮށްދިނުމާއި ދުޅަހެޔޮކަން ކަށަވަރުކުރުމާ ގުޅޭ މައްސަލަތަކުގެ ތެރޭގައި ހިމެނެނީ، ފިރިހެނުންނާއި ގުޅުންހުރި 02 މައްސަލައާއި އަންހެނުންނާއި ގުޅުންހުރި 01 މައްސަލައެވެ.
ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން 2025 ވަނަ އަހަރުގެ އޮކްޓޫބަރު 31 ވަނަ ދުވަހުގެ ނިޔަލަށް ދައުލަތުގެ ބެލުމުގެ ދަށުގައި ތިބީ ޖުމްލަ 155 ކުދިންނެވެ. އެގޮތުން، ހިމެނެނީ 84 ފިރިހެން ކުދިންނާއި 71 އަންހެން ކުދިންނެވެ.
ހަމައެހެންމެ، އޮކްޓޫބަރު މަހު ދައުލަތުގެ ބެލުމުގެ ދަށުގައިވާ 02 ކުއްޖަކުވަނީ ޢާއިލާތަކާއި ރީއިންޓެގްރޭޓް ކުރެވިފައިވާ ކަމަށާއި އަދި 02 ކުއްޖަކު ފޯސްޓަރ ޢާއިލާތަކާއި ހަވާލުކުރެވިފައިވާކަމަށްވެސް އެވުޒާރާއިން ބުނެފައިވެއެވެ.