ދުނިޔެ

ނަތަންޔާހޫއަށް މާފު ދިނުމަށް އެދި ހުށަހެޅުމާ ގުޅިގެން ޔައްފާގައި ބޮޑު މުޒާހަރާއެއް

ނަތަންޔާހޫއަށް މާފު ދިނުމަށް އެދި ހުށަހެޅުމާ ގުޅިގެން ޔައްފާގައި ބޮޑު މުޒާހަރާއެއް

ޔައްފާގައި ކުރިއަށް ގެންދިޔަ މުޒާހަރާގެ ތެރެއިން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

01 ޑިސެމްބަރު 2025، 12:44

01 ޑިސެމްބަރު 2025، 12:44

އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ މައްޗަށް ހިންގާ ކޮރަޕްޝަންގެ މައްސަލަތަކުން މާފު ދިނުމަށް އެދި ރައީސަށް ހުށަހެޅުމާ ގުޅިގެން، ޔައްފާ (ތެލް އަވީވް)ގައި ހުންނަ ރައީސް އިސްހާޤް ހެރްޒޯގްގެ ގޭގެ ބޭރުގައި އިޒްރޭލުގެ ގިނަ އަދަދެއްގެ ރައްޔިތުން އެއްވެ، ނުރުހުން ފާޅުކޮށް މުޒާހަރާކޮށްފިއެވެ.

އުމުރުން 76 އަހަރުގެ ނަތަންޔާހޫ، އޭނާގެ މައްޗަށް ހިންގާ ދިގު މުއްދަތުގެ ކޮރަޕްޝަންގެ ޝަރީޢަތުން މާފު ދިނުމަށް އެދި ރައީސްގެ ކިބައިން އެދިފައި ވަނީ އޭނާ ކުށެއް ކުރި ކަމަށް ޤަބޫލު ނުކޮށް ހުށަހެޅި ހުށަހެޅުމަކަށް ވުމުން، މިދިޔަ އާދީއްތަ ދުވަހުގެ ރޭ މި މުޒާހަރާ ބާއްވާފައި ވަނީ އެކަމާ ދެކޮޅު ހެދުމުގެ ގޮތުންނެވެ. 

އިދިކޮޅު މެންބަރުންގެ ތެރެއިން ނާޢަމާ ލަޒީމީ ވެސް ހިމެނޭ ގޮތަށް، އެތައް އެކްޓިވިސްޓުން ވަނީ "މާފަކީ ބަނާނާ ރިޕަބްލިކެއް" މި ނަމުގައި ހެރްޒޯގްގެ ގޭގެ ބޭރުގައި ބޭއްވި މި މުޒާހަރާގައި ބައިވެރިވެ، އެ އެދުން ބަލައިނުގަތުމަށް ރައީސަށް ގޮވާލާފައެވެ.

މުޒާހަރާގެ ބައިވެރިއަކު ޖަލުގެ އޮރެންޖް ކުލައިގެ ހެދުމެއްގައި ނަތަންޔާހޫގެ ގޮތުގައި ހެދުން އަޅާފައި ހުރިއިރު، އަނެއް ބަޔަކު ވަނީ ބޮޑު އަދަދެއްގެ ދޮންކެޔޮ އެއްކޮށްފައިވާ ތަނެއްގެ ފަހަތުގައި ތިބެ، "މާފު" ލިޔެފައިވާ ބޯޑެއް ހިފައިގެން ތިބެފައެވެ. ސަރުކާރާ ދެކޮޅު ހަދާ މަޝްހޫރު އެކްޓިވިސްޓެއް ކަމަށްވާ ޝިކްމާ ބްރެސްލާ ބުނީ، "އޭނާ އެދެނީ އޭނާގެ ޝަރީޢަތް އެއްކޮށް ކެންސަލް ކުރުމަށެވެ. އެއްވެސް ޒިންމާއެއް ނުނަގައި، އަދި އޭނާ މި ޤައުމު ބައިބައިކޮށްލި ކަމުގެ އަގު ނުދައްކައެވެ. އިޒްރޭލުގެ ރައްޔިތުންނަށް އެނގޭ މިވަގުތު މި އޮތީ ކޮން ކަމެއްކަން، އަދި މިއީ އަހަރެމެންގެ ޤައުމުގެ މުސްތަޤްބަލް” ކަމަށެވެ.

ޤައުމުގެ އެންމެ ދިގު މުއްދަތަށް ބޮޑުވަޒީރުކަން ކޮށްފައިވާ ނަތަންޔާހޫގެ މައްޗަށް ވަނީ ފަސް އަހަރު ދުވަހުގެ ތެރޭގައި ތިން ކޮރަޕްޝަންގެ މައްސަލައެއްގައި ޝަރީޢަތް ހިންގާފައެވެ. މި މައްސަލަތަކުގެ ތެރޭގައި ރިޝްވަތު، މަކަރާއި ހިޔާނާތް އަދި ޚިޔާނާތުގެ ދަޢުވާތައް ހިމެނެއެވެ.

 އެއް މައްސަލައެއްގައި، ނަތަންޔާހޫ އާއި އޭނާގެ އަނބިމީހާ ސާރާގެ މައްޗަށް ވަނީ ސިޔާސީ ފައިދާ ހޯދުމުގެ ބަދަލުގައި ބިލިއަނަރުންގެ ކިބައިން އަގުބޮޑު ސިނގެރޭޓާއި، ގަހަނާ އަދި އަގުބޮޑު ރަލުގެ ބާވަތްތައް ފަދަ 260،000 ޑޮލަރަށް ވުރެ ގިނަ އަގުގެ ލަގްޒަރީ ތަކެތި ޤަބޫލުކުރި ކަމުގެ ތުހުމަތުކުރެވިފައެވެ. އަދި އަނެއް ދެ މައްސަލައިގައި، އިޒްރޭލުގެ ދެ މީޑިއާ އިދާރާއަކުން އޭނާއަށް ފައިދާވާ ގޮތަށް ޚަބަރުތައް ގެނައުމަށް މަސައްކަތްކުރި ކަމުގެ ތުހުމަތު ވެސް ކުރެވިފައިވެއެވެ.

ނަތަންޔާހޫ ވަނީ މި ދަޢުވާތައް ދޮގުކޮށްފައެވެ. އޭނާގެ ވަކީލުން ރައީސްގެ އޮފީހަށް ފޮނުވި 111 ސަފްޙާގެ ސިޓީގައި ބުނެފައި ވަނީ، ބޮޑުވަޒީރު އަދިވެސް ޤަބޫލުކުރަނީ ޤާނޫނީ މި ކަންކަމުގެ ނަތީޖާއަކީ އޭނާ އެއްކޮށް ކުށުން ބަރީއަވުން ކަމަށެވެ. ނަތަންޔާހޫ ކުރު ވީޑިއޯ ބަޔާނެއްގައި ބުނީ އޭނާ މި ޕްރޮސެސް ނިންމާލަން ބޭނުންވާ ކަމަށާއި، "ނަމަވެސް ސަލާމަތީ އަދި ސިޔާސީ ޙަޤީޤަތާއި ޤައުމީ މަޞްލަޙަތު އެހެން ގޮތަކަށް ޢަމަލުކުރުމަށް ލާޒިމުކުރާ" ކަމަށެވެ. 

"ޝަރީޢަތް ކުރިއަށް ގެންދިއުމަކީ އަޅުގަނޑުމެން އެތެރެއިން ބައިބައިކޮށްލާ، ވަރުގަދަ ބައިބައިވުންތަކެއް އުފައްދާ، ރޫޅުންތައް އިތުރުކުރާ ކަމެކެވެ،" އޭނާ އިތުރަށް ބުނެފައިވެއެވެ.

ހެރްޒޯގްގެ އޮފީހުން ވަނީ ނަތަންޔާހޫގެ އެދުން ލިބިފައިވާކަން ކަށަވަރުކޮށްދީފައެވެ. 

 މިދަޢުވާތަކުގެ އިތުރުން، ނަތަންޔާހޫ އަކީ ހޭގްގައި ހުންނަ އިންޓަރނޭޝަނަލް ކްރިމިނަލް ކޯޓް (އައި.ސީ.ސީ.) އިން ވެސް އެކޯޓަށް ހާޒިރުކުމަށް ބޭނުންވެ އިޢުލާނުކޮށްފައިވާ މީހެކެވެ.

 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު، އައި.ސީ.ސީ. އިން ވަނީ ނެތަންޔާހޫ އާއި ކުރީގެ ދިފާޢީ ވަޒީރު ޔޯއާވް ގެލަންޓްގެ މައްޗަށް ޣައްޒާގައި ހިންގާ ޤަތުލުޢާންމުގެ ހަނގުރާމައިގައި ހަނގުރާމައިގެ ކުށްތަކާއި އިންސާނިއްޔަތާ ޚިލާފު ކުށްތައް ކުރި ކަމުގެ ދަޢުވާތަކުގައި ހައްޔަރުކުރުމުގެ އަމުރު ނެރެފައެވެ. އިޒްރޭލުން ފަލަސްޠީނުގެ ސަރަޙައްދަށް ދެމުންދާ ހަމަލާތަކުގައިި 70،000 އަށް ވުރެ ގިނަ މީހުން ޝަހީދުވެފައިވާއިރު، އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުދިންނެވެ. އަދި 171،000 އަށް ވުރެ ގިނަ މީހުން ވަނީ ޒަޚަމްވެފައެވެ. 

ނަތަންޔާހޫ މާފަށް އެދި ހުށައަޅައިފައި މި ވަނީ، އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް އިޒްރޭލުގެ މަޖިލީހުގައި ވާހަކަ ދައްކަވަމުން ނަތަންޔާހޫއަށް މާފު ދިނުމަށް ހެރްޒޯގްގެ ކިބައިން އެދިވަޑައިގެންނެވިތާ ހަފްތާތަކެއް ފަހުންނެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން