ޚަބަރު
ޖިންސީ ގޯނާގެ މައްސަލައިގައި ސުވާލުކުރުމަށް، ސަނީ ޢުމަރު ފުލުހަށް ޙާޒިރުކޮށްފި
ސަނީ ޢުމަރު.
ފަރުދުން
01 ޑިސެމްބަރު 2025، 04:58
01 ޑިސެމްބަރު 2025، 04:58
ޢާއިލާގެ ކުޑަކުދީންތަކަކަށް ޖިންސީ ގޮތުން ފުރައްސާރަކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި "ދަ ޓްރެވެލް ގައިސް ޕްރައިވެޓް ލިމިޓެޑް"ގައި އިސްކޮށް އުޅުނު ޙުސައިން ސަނީ ޢުމަރު، އެ މައްސަލައާ ގުޅިގެން ސުވާލުކުރުމަށް ފުލުސް އިދާރާއަށް ޙާޒިރުކޮށްފިއެވެ.
ޙަލާލް ޓޫރިޒަމް ބްރޭންޑުގެ ދަށުން ހިންގާ ޓްރެވެލް އެޖެންސީއަކާއި، ޓްރެވެލް ދާއިރާގެ މީޑިއާއެއް ހިންގާ ޕީ.އާރް. ފާމުގައި ވެސް އިސްކޮށް އުޅުނު ސަނީއަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތު ފުލުހަށް ހުށަހެޅީ، ގޯނާކުރެވުނު ކުދީންގެ ޢާއިލާގެ ފަރާތުން ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވި ގޮތުގައި، ސަނީ ޢުމަރުގެ މައްޗަށް ތުހުމަތުކުރެވޭ މައްސަލައާ ގުޅިގެން ސުވާލު ކުރުމަށް ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން އިދާރާއަށް އޭނާ މިއަދު ޙާޒިރުކުރިއެވެ. ނަމަވެސް، އޭނާ ހައްޔަރުކުރި ކަމެއް ނުވަތަ ނޫން ކަމެއް އަދި ހާމަކޮށްފައެއް ނުވެއެވެ.
މި މައްސަލަ ރިޕޯޓް ކުރިއިރު އޭނާ ރާއްޖެއިން ބޭރަށް ގޮސްފައިވީ ކަމަށް ބުނެވުނު ނަމަވެސް، އޭނާ ފުލުހަށް ޙާޒިރުކުރީ ސީދާ މާލެ އައިތަނުން ކަމެއް އަދި ޔަޤީނެއް ނޫނެވެ. މި ކަމާ ގުޅޭ ތަފްޞީލުތައް ފުލުހުން ޢާންމުކޮށްފައެއް ވެސް ނުވެއެވެ.
މި މައްސަލައާ ގުޅިގެން "ދަ ޓްރެވެލް ގައިސް"އިން ނެރުނު ނޫސްބަޔާނެއްގައި ބުނީ، އެ ތުހުމަތުތަކާ ގުޅިގެން ސަނީ ޢުމަރުގެ ޙިއްޞާ އަތުލުމަށް އެ ކުންފުނީގެ ބޯޑުން ނިންމާފައިވާ ކަމަށާއި، އޭނާގެ ޙިއްޞާ އަތުލި ނަމަވެސް އެހެން ފަރާތަކަށް އަދި ވިއްކާލާފައި ނުވާނެ ކަމަށެވެ.
މީގެ އިތުރުން، ޓްރެވަލް ގައިސްއިން ހިންގާ "ޓްރެވެލޫއުޝަން މީޑިއާ" ފުރަތަމަ ދުވަހުން ފެށިގެން ވެސް ހިންގަމުން އައީ އިންޓަރނޭޝަނަލް ކޯ ޓީމަކުން ކަމަށާއި، އަދި ދުވަހުން ދުވަހަށް އެ މީޑިއާ ހިންގުމުގައި ސަނީ ޢުމަރުގެ ބައިވެރިވުން ކުޑަވަމުންދާ ކަމަށް އެ ކުންފުނިން ހާމަކުރެއެވެ.