ޚަބަރު
ތޫފާނުގައި ގެއްލުންވި ލަންކާ ރައްޔިތުންނަށް އެހީވުމަށް ދިވެހި ރެޑްކްރެސެންޓުން ރިލީފް ފަންޑެއް ހުޅުވައިފި
ލަންކާގައި ފެންބޮޑުވެފައިވާ މަގެއް
ހުލާސާ
މޯލްޑިވްސް ރެޑްކްރެސެންޓް (އެމްއާރްސީ) އިން ވަނީ، ތޫފާން "ޑިޓުވާ" ގެ ސަބަބުން ލަންކާގެ ރައްޔިތުންނަށް ލިބުނު ގެއްލުންތަކަށް އެހީވުމަށް ޚާއްސަ ރިލީފް ފަންޑެއް ހުޅުވާފައެވެ.
މި ފަންޑުގެ ނަމަކީ "އެމްއާރްސީ ސްރީ ލަންކާ ރިލީފް ފަންޑް" އެވެ. މި އެހީގެ މަޤްޞަދަކީ، ލަންކާގެ ރެޑްކްރޮސް ޖަމާއަތް މެދުވެރިކޮށް، ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމެވެ.
ރެޑްކްރެސެންޓުން ވިދާޅުވެފައިވާ ގޮތުގައި، ތޫފާން ޑިޓުވާގެ ސަބަބުން ސްރީ ލަންކާގެ ގިނަ ސަރަހައްދުތަކެއްގައި ފެން ބޮޑުވުމާއި، ބިންގަނޑު ކަނޑައިގެން ދިއުމާއި، ކޯރުތައް ބަންޑުންވުމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއް ލިބިފައިވެއެވެ. މި ކާރިސާއާ ގުޅިގެން ޙާލުގައި ޖެހިފައިވާ ފަރާތްތަކަށް އެހީވުމަށްޓަކައި މި ފަންޑަށް ފައިސާގެ އެހީތެރިކަން ފޯރުކޮށްދިނުމަށް ހުޅުވާލެވިފައިވަނީ މި މަހުގެ އެއްވަނަ ދުވަހުން ފެށިގެން އަށް ވަނަ ދުވަހުގެ ނިޔަލަށެވެ.
އެމްއާރްސީން ވަނީ ފައިސާ ހަދިޔާކުރާ ފަރާތްތަކަށް ޚާއްސަ އިލްތިމާސެއް ކޮށްފައެވެ. އެއީ ގިނަ ޢަދަދެއްގެ ދިވެހި ފައިސާ ޑޮލަރަށް މާރުކުރުމުގައި ދިމާވެދާނެ ގޮންޖެހުންތައް ކުޑަކުރުމަށް އަދި ވީ އެންމެ އަވަހަކަށް ލަންކާގެ ރެޑް ކްރޮސް ޖަމާއަތަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި، ޑޮލަރު މެދުވެރިކޮށް އެހީތެރިކަން ފޯރުކޮށްދިނުމަށެވެ.
ފަންޑަށް ފައިސާ ޖަމާކުރެވޭނެ އެކައުންޓް ނަންބަރުތައް:
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް):
ދިވެހި ރުފިޔާގެ އެކައުންޓް: 7730000379010 (މޯލްޑިވިއަން ރެޑް ކްރެސެންޓް)
ޑޮލަރު އެކައުންޓް: 7701176022002 (މޯލްޑިވިއަން ރެޑް ކްރެސެންޓް)
މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ):
ދިވެހި ރުފިޔާގެ އެކައުންޓް: 99010155500036100 (މޯލްޑިވިއަން ރެޑް ކްރެސެންޓް)
ޑޮލަރު އެކައުންޓް: 990101555036200 (މޯލްޑިވިއަން ރެޑް ކްރެސެންޓް)
ރެޑްކްރެސެންޓުން ޔަޤީންކަން ދެއްވާފައިވާ ގޮތުގައި، މި ފަންޑަށް ލިބޭ ހުރިހާ ފައިސާ އެއް ފޯރުކޮށްދޭނީ ކާރިސާއިން އެންމެ ބޮޑު އަސަރުކޮށްފައިވާ ފަރާތްތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށްޓަކައި ލަންކާ ރެޑް ކްރޮސް ސޮސައިޓީއަށެވެ. މި އެހީތެރިކަމުގެ ސަބަބުން ލަންކާގެ ޙާލުގައި ޖެހިފައިވާ ރައްޔިތުންނަށް އަވަސް އެހީތެރިކަމެއް ލިބިގެންދާނެ ކަމަށް އެމްއާރްސީން ބުނެއެވެ.