ދުނިޔެ
އިންގިރޭސި ވިލާތުގެ ބައެއް ސަރަޙައްދުތަކަށް ގަދައަށް ސްނޯ ފައިބާ އިންތިހާއަށް ފިނި ވުމުގެ އިންޒާރު
ޔޫކޭއަށް ސްނޯފައިބާފަ ފޮޓޯ: އިންޓަނެޓް
ބްރިޓިޝް މޫސުމާބެހޭ އިދާރާތަކުން އަންނަ ހަފްތާއަށް މޫސުމީ އިންޒާރެއް ނެރެފިއެވެ. އިނގިރޭސިވިލާތާއި ސްކޮޓްލެންޑްގެ ބައެއް ސަރަހައްދުތަކުގެ ރައްޔިތުންނަށް ސްނޯ ފޭބުމާއި ފިނިހޫނުމިން ވަރަށް ބޮޑަށް ދަށްވުން އެކަށީގެންވާތީ ތައްޔާރުވުމަށް ވަނީ އަންގާފައެވެ.
މޫސުން ލަފާކުރާ ފަރާތްތަކުން ބުނީ އުތުރުން އަންނަ ފިނިވައިގެ ސަބަބުން ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހާއި 10 ވަނަ ދުވަހު ގަދަޔަށް ސްނޯފައިބާ ، ގިނަ ސަރަހައްދުތަކެއްގެ ދަތުރުފަތުރާއި ދިރިއުޅުމަށް ހުރަސް އެޅިދާނެ ކަމަށެވެ. މޫސުމުގެ މި އިންޒާރު ގާތްވަމުން އަންނަ ވަރަކަށް މެޓް އޮފީހުން އިތުރު އިންޒާރުތައް އާކުރާނެ ކަމަށް ލަފާކުރެވެއެވެ.
ފުރަތަމަ ލަފާކުރެވޭ ގޮތުގައި ބައެއް ސަރަހައްދުތަކުގައި، ޚާއްސަކޮށް ރޭގަނޑު، ފިނިހޫނުމިން -2°C އަށް ދަށްވެދާނެއެވެ. ސްނޯ ގަނޑުވުމާއި ސްނީ ގަދައަށް ފޭބުމުގެ ނުރައްކަލާއެކު، މަގުތައް ނުރައްކާތެރިވެ، ފެންނަ މިންވަރު ދަށްވެ، ރޭލު އަދި ވައިގެ ދަތުރުފަތުރަށް ދިމާވެދާނެ ލަސްވުންތަކާ މެދު އިންޒާރު ދީފައިވެއެވެ.
މިކަމާ ގުޅިގެން، ލޯކަލް ކައުންސިލްތަކުން ވަނީ ތައްޔާރީތައް ފަށާފައި ކަމަށް ރިޕޯޓުކޮށްފައެވެ. ގްރިޓިންގ ވެހިކަލްތައް ބޭނުންކުރުމާއި ކުއްލި ހާލަތްތަކަށް އެހީތެރިވާ ޓީމުތައް ހަރުދަނާކުރުން ހިމެނެއެވެ. މޫސުމުގެ މި ހާލަތުގައި ރައްޔިތުން ބޭނުންވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް އިދާރާތަކުން ވަނީ އިލްތިމާސްކޮށްފައެވެ، ޚާއްސަކޮށް ސްނޯ ގިނައިން ފައިބާ، ދިގުދެމިގެންދާނެ ކަމަށް ލަފާކުރެވޭ އުސް ސަރަހައްދުތަކަށެވެ.
ދަތުރުފަތުރާބެހޭ އޮފިޝަލުން ވަނީ ޑްރައިވަރުންނަށް މޫސުމުގެ ޚަބަރުތައް ބަލަމުން ގެންދިއުމަށާއި، އެންމެ ގަދަޔަށް ސްނޯ ފައިބާ ގަޑިތަކުގައި ބޭކާރު ދަތުރުތައް ނުކުރުމަށާއި، ވެހިކަލްތައް ފިނިމޫސުމަށް ތައްޔާރުކޮށްފައި ހުރިތޯ ޔަގީންކުރުމަށް އިރުޝާދު ދީފައެވެ. ރޭލު ދަތުރުކުރާ ކުންފުނިތަކުންވެސް ވަނީ ފިނިހޫނުމިނުގެ ސަބަބުން ރޭލު ދަތުރުތަކުގެ ޓައިމްޓޭބަލްއަށް ބަދަލު އަތުވެދާނެ ކަމަށް އިންޒާރު ދީފައެވެ.
އާންމު ސިއްހަތާބެހޭ އިދާރާތަކުންވެސް ރައްޔިތުންނަށް، ޚާއްސަކޮށް އުމުރުން ދުވަސްވީ ފަރާތްތަކަށާއި ދާއިމީ ބަލިތައް ހުންނަ މީހުންނަށް، ގޭތެރޭގެ ހޫނުމިން ރައްކާތެރި މިންވަރެއްގައި ބެހެއްޓުމަށާއި ގަދަ ފިނިއާ ދިގު މުއްދަތަކަށް ހުށަހެޅިފައި ނުތިބުމަށް އަންގާފައިވެއެވެ. ޗެރިޓީތަކުން ވަނީ މޫސުމަށް ހުށަހެޅޭނެ މީހުންނަށް އަވައްޓެރިންނަށް އެހީވުމަށް ހިތްވަރުދީފައެވެ.އިނގިރޭސިވިލާތުގައި ކޮންމެ ފިނިމޫސުމެއްގައި ސްނޯ ފޭބުމާއި ފިނިކަން އައުމަކީ އާދަޔާޚިލާފު ކަމެއް ނޫން ނަމަވެސް، މިފަދަ ގަދަ ފިނިމިނަކީ އެހާ އާންމު ކަމެއް ނޫނެވެ.