Ads by Stelco

ޚަބަރު

މިދައުރުގައި ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާ ދެވިއްޖެ: ވަޒީރު ޢާއިޝަތު ޝިހާމް

މިދައުރުގައި ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާ ދެވިއްޖެ: ވަޒީރު ޢާއިޝަތު ޝިހާމް

އެޗްޑީސީ އިން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ވަޒީފާގެ ފުރުސަތު ދީ އެކަމުގެ ލިޔުން ހަވާލުކުރުމަށް ބޭއްވި ޙަފްލާގެ ތެރެއިން. ފޮޓޯ: އެޗްޑީސީ

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

03 ޑިސެމްބަރު 2025، 10:01

03 ޑިސެމްބަރު 2025، 10:01

މިސަރުކާރުން މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދީފައިވާކަމަށް އިޖްތިމާޢީ އަދި އާއިލީ ތަރައްޤީއާ ބެހޭ ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވެއްޖެވެއެވެ.

ވަޒީރު މިކަން ހާމަކުރެއްވީ ބައިނަލްއަޤުވާމީ ގޮތުން ފާހަގަކުރާ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހާ ގުޅިގެން ދެއްވި މެސެޖުގައެވެ.

ކޮންމެ އަހަރެއްގެވެސް ޑިސެންބަރުމަހުގެ 3ވަނަ ދުވަސް ފާހަގަކުރަނީ ބައިނަލްއަޤްވާމީ ގޮތުން ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ދުވަހުގެ ގޮތުގައެވެ. މިދުވަސް ފާހަގަ ކުރުމުގެ މައިގަނޑު ބޭނުމަކީ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ޙައްޤުތައް ކަށަވަރު ކުރުމާއި އެމީހުން ބާރުވެރިކުރުމުގައި ކޮންމެ ފަރުދެއްގެވެސް ޒިންމާއާއި ހިއްސާ އޮންނާނެކަން ހަނދާންކުރުމެވެ.

މި އަހަރުގެ ޝިޢާރަކީ "އިޖްތިމާޢީ ކުރިއެރުން ހޯދުމަށް ޝާމިލް މުޖްތަމަޢެއް ބިނާކުރުން" މިއެވެ. މި ޝިޢާރުން އެންމެ ބޮޑަށް ބާރު އަޅަނީ މުޖްތަމަޢުގެ ތެރޭގައި ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ބައިވެރިވުން އިތުރުކުރުމަށެވެ.

ވަޒީރު ޑރ. ޢާއިޝަތު ޝިހާމް ވިދާޅުވީ އިޖުތިމާޢީ ރައްކާތެރިކަން އެންމެ ބޭނުންވާ އެއް ގިންތިއަކީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ގިންތިކަމަށެވެ. އެފަރާތްތަކުގެ ޙައްޤުތައް ކަށަވަރުކޮށް، ބާރުވެރިކުރުމަކީ އޯގާތެރި މުޖުތަމަޢެއް ޤާއިމްކޮށް، ހަރުދަނާ ޢާއިލާތަކެއް ބިނާކުރުމުގެ އެއް އަސާސެވެ. އަދި މިއީ މިސަރުކާރުގެ ވަރަށް މުހިންމު އެއް އަމާޒުކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.

ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ލާބަޔަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ކުރައްވާ މަސައްކަތްޕުޅު ވަޒީރުވަނީ ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް އެމީހުންނަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވުމަށް ކުރައްވަމުން ގެންދަވާ މަސައްކަތްޕުޅު ފާހަގަކުރައްވަމުން ވަޒީރު ވިދާޅުވީ މިދައުރުގައި މިހާތަނަށް ނުކުޅެދުންތެރިކަން ހުންނަ 350 މީހަކަށް ވަޒީފާގެ ފުރުޞަތު ފަހިކޮށްދެއްވާފައިވާ ކަމަށެވެ. އަދި މިއީ ވަރަށް މުހިންމު އެހާމެ ބޭނުންތެރި ނިންމެވުމެއްކަމަށް ވިދާޅުވިއެވެ.

ވަޒީރު ވިދާޅުވީ މިސަރުކާރުގެ ފާއިތުވި ދެ އަހަރު މިކަމުގައި ހިއްސާވާ އެންމެހާ ފަރާތްތަކާއެކު ވަރަށް ގާތުން މަސައްކަތް ކުރެވުނުކަމަށާއި، މިކަމުން ދަސްވި އެންމެ ބޮޑު އެއް ފިލާވަޅަކީ އެކުގައި ގުޅިގެން މަސައްކަތް ކުރުމުން ހާސިލް ކުރަން ބޭނުންވާ ނަތީޖާ ހާސިލްވުމެވެ. ކުރިމަގުގައިވެސް މިގޮތުގައި މަސައްކަތް ކުރުމުގައި ދެމި ތިބޭނެކަމުގެ ޔަޤީންކަން ވަޒީރުވަނީ ދެއްވާފައެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ޚިދުމަތް ދިނުމުގެ ފަސްމަގަށް ބަލައި 3 ކަމެއް ވަޒީރު ވަނީ ފާހަގަކުރައްވާފައެވެ. އެއީ ޅަފަތުގައި ނުކުޅެދުންތެރިކަން ދެނެގަނެ އަދި ފަރުވާ ދެވޭނެ ހަރުދަނާ ނިޒާމެއްގެ ޤާއިމްވެފައި އޮތުމުގެ މުހިއްމުކަމާއި، ސްކޫލް މަރުހަލާ ނިންމާ، ޤާބިލް މީހުންނަށް، އާމްދަނީ ހޯދޭނެ ހަރުދަނާ ނިޒާމެއްގެ ބޭނުންތެރިކަމާއި، އެފަދަ މީހުންނަށް ދިރިއުޅުމަށް ތަފާތު ހުނަރުތައް ލިއްބައިދިނުން މުހިންމުކަމެވެ. މީގެ އިތުރުން ސިޔާސަތު ތަންފީޒު ކުރުމުގައި ގުޅުން ހުރި މުހިންމު ދާއިރާތައް ގުޅިގެން އެކުގައި މަސައްކަތް ކުރުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމުގައި ވެސް ވަޒީރު ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން