ދުނިޔެ
ކުޑަކުދީންނަށް ޔޫޓިޔުބް މަނާކުރުމުން، އެ ކުދީން އިތުރު ނުރައްކާތަކަކަށް ހުށަހެޅޭނެ: ޔޫޓިޔުބް
ޔޫޓިޔުބް.
ފަރުދުން
03 ޑިސެމްބަރު 2025، 04:16
03 ޑިސެމްބަރު 2025، 04:16
ޔޫޓިޔުބް ހިމެނޭހެން، 16 އަހަރުން ދަށުގެ ކުދީންނަށް އިޖުތިމާޢީ ސުމޭކު މަންސަތައް ބޭނުންކުރުން މަނާކުރުމަށް އޮސްޓްރޭލިޔާއިން ނިންމާފައިވާއިރު، މި ނިންމުމުގެ ސަބަބުން އެ ކުދީންނަށް އިތުރު ނުރައްކާތަކެއް ކުރިމަތިވާނެ ކަމުގައި ޔޫޓިޔުބް ކުންފުނިން ބުނެފިއެވެ. ފެށިގެން މި އުޅޭ ޑިސެންބަރު މަހުގެ 10ވަނަ ދުވަހު ޢަމަލުކުރަން ފެށުމަށް ކަނޑައަޅާފައިވާ މި އާ ޤާނޫނުގެ ދަށުން، ޢުމުރުން 16 އަހަރު ނުފުރޭ ހުރިހައި ކުދީންގެ އެކައުންޓުތައް ބަންދުކުރެވޭނެއެވެ.
އޮސްޓްރޭލިޔާއަށް އަލަށް ތަޢާރަފުކުރި މި ޤާނުނުން ލާޒިމުކުރާ ގޮތުގައި، އިޖުތިމާޢީ ވިޔުގަތައް ހިންގާ ކުންފުނިތަކުން، ޔޫޒަރުންގެ ޢުމުރު ކަށަވަރުކުރުމަށް އެކަށޭނަ ވަސީލަތްތަކެއް ބޭނުންކުރަން ޖެހޭނެއެވެ. ޔޫޒަރު އަމިއްލައަށް އޭނާގެ ޢުމުރާ ބެހޭ ގޮތުން މަޢުލޫމާތު ދިނުމަކުން ނުފުދޭނެއެވެ. އައި.ޑީ. ކާޑު އަޕްލޯޑުކުރުމާއި، މޫނުގެ ފޮޓޯ އެލެނައިޒްކުރުމާއި، ޔޫޒަރު އުޅޭނޫޅޭ ގޮތް މޮނިޓަރކުރުން، ޢުމުރު ކަށަވަރުކުރާ ގޮތްތަކުގެ ތެރޭގައި ހިމެނެއެވެ.
މި ޤާނޫނު ތަންފީޒުވެގެން ދިޔުމާ އެކު، މި މަހުގެ 10ވަނަ ދުވަހު، 16 އަހަރުން ދަށުގެ ހުރިހައި އެކައުންޓެއް ޔޫޓިޔުބުން ނައްތާލާނެއެވެ. އެހެން ނަމަވެސް، ޔޫޓިޔުބް ބޭނުންކުރުމަށްޓަކައި ސައިން-އިން ކުރުމަކީ ލާޒިމު ކަމަކަށް ނުވާތީ، އެކައުންޓެއް ނެތި ވެސް ކުޑަކުދީންނަށް އެ އެޕްލިކޭޝަން މެދުވެރިކޮށް ވީޑިޔޯތައް ބެލޭނެއެވެ. ވީމާ، އާ ޤާނޫނުގެ ސަބަބުން ޔޫޓިޔުބް ބަލާ ކުދީންނަށް މާ ބޮޑު ހެޔޮ އަސަރެއް ނުކުރާނެ ކަމަށް ޔޫޓިޔުބުން ބުނެއެވެ.
ޔޫޓިޔުބް ކުންފުނިން ބުނީ، ކުޑަކުއްޖެއްގެ ގޮތުގައި ޔޫޓިޔުބް އެކައުންޓެއް ގެންގުޅޭ ނަމަ، ސަލާމަތްތެރިކަން ކަށަވަރުކޮށްދޭ މުހިންމު ގިނަ ޚިދުމަތްތަކެއް ލިބިގެންދާ ކަމަށެވެ. މި ކަންކަމުގެ ތެރޭގައި، ވަކި ކަހަލަ ކޮންޓެންޓެއް ފުރާނާލުމުގެ އިޚުތިޔާރާއި، ވަކި ކަހަލަ ޗެނަލުތަކެއް ބުލޮކުކޮށްލުމުގެ ފުރުޞަތާއި، އަދި މާ ގިނަ އިރު ވީޑިޔޯ ބަލަން އިނދެފި ނަމަ ސްކުރީނާ ދުރަށް ޖެހިލުމަށް ހަނދާންކޮށްދިނުން ހިމެނެއެވެ. ޔޫޓިޔުބުން ބުނީ، މި ފީޗަރތަކުގެ ޒަރީޢާއިން ބެލެނިވެރީންނަށް ކުޑަކުދީންގެ ޢަމަލުތައް މޮނިޓަރކުރެވޭނެ ކަމަށެވެ. އިސްވެ ދެންނެވުނު ކަންކަމުގެ އަލީގައި، އޮސްޓްރޭލިޔާ ޔޫޓިޔުބްގެ ޕަބްލިކް ޕޮލިސީ ސީނިއަރ މެނޭޖަރ ރޭޗެލް ލޯޑު ވިދާޅުވީ، އިންޓަރނެޓަކީ ކުޑަކުދީންނަށް ރައްކާތެރި ތަނަކަށް ހެދުމުގެ މަޤުޞަދުގައި އޮސްޓްރޭލިޔާއިން އެކުލަވާލި އާ ޤާނޫނުގެ ސަބަބުން، އެ ޤާނޫނުގެ މަޤުޞަދުގެ ދިމާ އިދިކޮޅު ނަތީޖާއެއް ކުރިމަތިވާނެ ކަމަށެވެ.
އޮސްޓްރޭލިޔާގެ މުވާޞަލާތާ ބެހޭ ވަޒީރު އަނިކާ ވެލްސް ވަނީ، ޔޫޓިޔުބުގެ ދަޢުވާތަކަށް ރައްދު ދެއްވާފައެވެ. ވަޒީރު އަނިކާ ވިދާޅުވީ، ޚުދު އެ ކުންފުނީގެ އަމިއްލަ ގެއްލުންތައް ޔޫޓިޔުބުން ކިޔައިދިނުމަކީ، ވަރަށް "ވިއަރޑް" ކަމެއް ކަމަށެވެ. "ޔޫޓިޔުބް ރައްކާތެރި ނޫންކަން ޔޫޓިޔުބުން އަހަރެމެންނަށް ހަނދާންކޮށްދެއްޏާ، އެއީ ހަމަ ޔޫޓިޔުބުން ރަނގަޅުކުރަން ޖެހޭ މައްސަލައެއް." ވަޒީރު ވިދާޅުވިއެވެ.
އޮސްޓްރޭލިޔާގެ އިންޓަރނެޓް ސޭފްޓީ ކޮމިޝަނަރ ވިދާޅުވީ، އޮސްޓްރޭލިޔާއިން ކުޑަކުދީންނަށް މަނާކުރާ އެޕްލިކޭޝަންތަކުގެ ތެރޭގައި ޔޫޓިޔުބް ހިމެނުމަށް ނިންމީ، އެ އެޕަކީ 10 އަހަރާއި 15 އަހަރާ ދެމެދުގެ ކުދީންނަށް ގެއްލުންދެނިވި ކޮންޓެންޓް އެންމެ ގިނައިން ފެންނަ މަންސަ ކަމަށް ދިރާސާތަކުން ސާބިތުވާތީ ކަމަށެވެ. އޮސްޓްރޭލިޔާގެ އާ ޤަވާޢިދުގެ ދަށުން 16 އަހަރުން ދަށުގެ ކުދީން ބޭނުންކުރުމަށް ހުރަސް އެޅިގެންދާނެ އެހެނިހެން އެޕްތަކުގެ ތެރޭގައި، ސްނެޕްޗެޓް، ފޭސްބުކް، އިންސްޓަގްރާމްގެ އިތުރުން ރެޑިޓް ވެސް ހިމެނިގެން ވެއެވެ.
އޮސްޓްރޭލިޔާއިން ތަޢާރަފުކޮށްފައިވާ އާ ޤަވާޢިދާ ޚިލާފުވާ ކުންފުނިތައް، 49.5 މިލިޔަން އޮސްޓްރޭލިޔާ ޑޮލަރާ ހަމައަށް ޖޫރިމަނާކުރުމަކީ، އެ ޤައުމުގެ ޤާނޫނުގެ ދަށުން އެކަށީގެންވާ ކަމެކެވެ. އެމެރިކާ ޑޮލަރުން ބަލާ ނަމަ އެއީ ގާތްގަނޑަކަށް 32.6 މިލިޔަން ޑޮލަރެވެ.
އޮސްޓްރޭލިޔާ ސަރުކާރުގެ ނިންމުމަކީ މާ ފައިދާހުރި ގޮތެއް ނޫން ކަމަށް ޔޫޓިޔުބުން ބުނި ނަމަވެސް، އެ ޤަވާޢިދު ތަންފީޒުކުރުމަށް އެ ކުންފުނިން ވެސް ވަނީ އެއްބަސްވެފައެވެ.