ޚަބަރު
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ސަނީ ޢުމަރު 30 ދުވަހަށް ބަންދަށް
ސަނީ ޢުމަރު.
ފަރުދުން
03 ޑިސެމްބަރު 2025، 05:35
03 ޑިސެމްބަރު 2025، 05:35
ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރި ކަމަށް ތުހުމަތު ކުރެވޭ މައްސަލައިގައި، ސަނީ ޢުމަރު 30 ދުވަހަށް ބަންދު ކުރުމަށް ކްރިމިނަލް ކޯޓުން އަދު އަމުރު ކޮށްފިއެވެ.
މޯލްޑިވްސް ޙަލާލް ޓްރެވަލް ބްރޭންޑުގެ ދަށުން ޓްރެވަލް އެޖެންސީއަކާއި ދާއިރާގެ ޚަބަރުތައް ގެނެސްދޭ މީޑިޔާތައް ހިންގަމުން އައިސްފައިވާ ސަނީ ޢުމަރުގެ މައްޗަށް ކުރެވޭ ޖިންސީ ގޯނާގެ ތުހުމަތުގެ މައްސަލަތަކެއްގެ ވާހަކަ ފެންމަތި ވެފައި ވަނިކޮށް، ޢާއިލާއިން ވަނީ މައްސަލަ ފުލުހަށް ރިޕޯޓުކޮށްފައެވެ. މައްސަލަ ފަޅާއެރި ދަނޑިވަޅުގައި އޭނާ ރާއްޖެއިން ބޭރަށް ދިޔުމަށް ފަހު އެނބުރި އައުމުން، ސުވާލު ކުރުމަށް ފުލުސް އިދާރާއަށް ވަނީ ޙާޒިރު ކޮށްފައެވެ. ނަމަވެސް އަނެއްކާ ވެސް ފުރަައިގެން ދާން އުޅެނިކޮށް، ހޯމަ ދުވަހުގެ ރޭ، އެއާޕޯޓުގައި ހުއްޓައި އޭނާ ހައްޔަރު ކުރެވުނެވެ.
އޭގެ ފަހުން އޭނާ ދޫކޮށްލާފައި ވަނިކޮށް، ކޯޓު އަމުރެއްގެ ދަށުން އިއްޔެ އަލުން ހައްޔަރު ކުރިއެވެ.
ޕްރޮސެކިޔުޓަރ ޖެނެރަލްގެ އޮފީހުން ބުނީ، ކުޑަކުދީންނަށް ޖިންސީ ފުރައްސާރަ ކުރާ މީހުންނާ މެދު ޢަމަލު ކުރާނޭ ގޮތުގެ ޤާނޫނުގެ 30ވަނަ މާއްދާއާއި 33ވަނަ މާއްދާގެ ދަށުން، 30 ދުވަހުގެ މުއްދަތަކަށް ސަނީ ޢުމަރު ބަންދުގައި ބެހެއްޓުމުގެ އަމުރެއް ނެރެދިނުން އެދި މިއަދު ކްރިމިނަލް ކޯޓަށް ހުށަހެޅި ކަމަށެވެ.
ޕީ.ޖީ. އޮފީހުގެ އެ ހުށަހެޅުމާ އެއްގޮތަށް، 30 ދުވަހަށް އޭނާ ބަންދުގައި ބެހެއްޓުމަށް ކްރިމިނަލް ކޯޓުން ވަނީ އަމުރު އިއްވާފައެވެ.
މައްސަލައިގެ ތަޙުޤީޤަށް ކުރިއެރުން ލިބެމުންދިޔަ ވަރަކުން، ޤާނޫނުގައި ބަޔާން ކޮށްފައިވާ ގޮތުގެ މަތިން ބަންދުގެ މުއްދަތު އިތުރު ކުރުމަށް، އަދި ޝަރީޢަތް ނިމެންދެން ބަންދު ކުރުމުގެ އަމުރަކަށް އެދި ހުށަހަޅަން ޤަޞްދު ކުރަމެވެ.
ޕީ.ޖީ. އޮފީހުން ބުންޏެވެ.
ސަނީ ޢުމަރު ޖިންސީ ގޯނާ ކުރި ކަމަށް ޚަބަރުތަކުގައި މަޝްހޫރު ވެފައި ވަނީ، އަނބިމީހާގެ ޢާއިލާގެ އެތައް ކުދީންތަކަކަށެވެ. ނަމަވެސް ފުލުހުން މިއަދު ޙިއްޞާކުރި މެސެޖުގައި ވަނީ، އޭނާ ބަންދު ކުރުމަށް އަމުރު ކުރީ، "ކުޑަކުއްޖަކަށް" (މާނައަކީ: އެއް ކުއްޖަކަށް) ޖިންސީ ގޯނާ ކުރުމުގެ ތުހުމަތުގައި ކަމަށެވެ. މީގެ ކުރިން ފުލުހުން ޙިއްޞާ ކުރި މަޢުލޫމާތުގައި ވެސް، ޢާއިލާއިން ރިޕޯޓު ކުރީ އެއް ކުއްޖެއްގެ މައްސަލަ ކަމަށް ވަނީ ބުނެފައެވެ.