ޚަބަރު
ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރުމަކީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް: ވަޒީރު ޝަހީމް
އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު/ފޮޓޯ: ވުޒާރާ
ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރުމަކީ މި ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއްކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިފަދައިން ވިދާޅުވީ، ޒަމާނީ ހަމަތަކާއި އޮނިގަނޑަކާއެކު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް އެކުލަވާލި ފުރަތަމަ ޒަކާތުގެ ޤާނޫނު، ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކުރުމާއި ގުޅިގެންނެވެ.
ވަޒީރު ވިދާޅުވީ، އިސްލާމީ ފިޤުހުގެ އުޞޫލުތަކުގެ އަލީގައި ހަރުދަނާގޮތެއްގެ މަތިން އިތުބާރާއި އަމާނާތްތެރިކަމާއެކު ޒަކާތު ފަންޑު ހިންގައި ބެލެހެއްޓުމަށް ޤާނޫނެއް ވުޖޫދުކުރuމަކީ ސަރުކާރުން އެޅުއްވި ހަރުދަނާ ފިޔަވަޅެއް ކަމަށެވެ. ހަމަ އެހެންމެ، މިކަމަށް ދެއްވި މުހިންމުކަމަށްޓަކައި ވަޒީރު ވަނީ އަދުގެ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުއަށް ޝުކުރު އަދާކުރައްވާފައެވެ.
އަޅުގަނޑުގެ ދުއާއަކީ ރާއްޖޭގެ ޒަކާތުގެ ނިޒާމަކީ އިސްލާމީ ދުނިޔޭގައި ފާހަގަކޮށްލެވޭ ފަދަ ކާމިޔާބު ނިޒާމަކަށް ވެގެން ދިއުން. ރާއްޖޭގެ ޒަކާތުގެ ޤާނޫނު ބިނާވެފައިވަނީ އިސްލާމީ ފިޤުހުގެ އެންމެ ފަހުގެ ޒަމާނީ އިލްމީ ދިރާސާތަކުގެ މައްޗަށް.
ވަޒީރު ވިދާޅުވިއެވެ.
ޒަމާނީ ހަމަތަކާއި އޮނިގަނޑަކާއެކު ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކުރުމަށް ފުރަތަމަ ޒަކާތުގެ ޤާނޫނެއް އެކުލަވާލުމަށް ބިލެއް ހުށަހެޅުއްވީ މި ސަރުކާރުގެ ފަރާތުންނެވެ. އެގޮތުން، މި ބިލު ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށައެޅުއްވީ، މިދިޔަ އޮގަސްޓް މަހުގެ 11 ވަނަ ދުވަހު ވިލުފުށީ ދާއިރާގެ މެންބަރު ޙަސަން ވަޙީދެވެ. އެއަށްފަހު، ޒަކާތުގެ ބިލު މަޖިލީހުން މިއަދު ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 63 މެންބަރުންގެ އިއްތިފާޤުންނެވެ.
މި ޤާނޫނުގެ މައިގަނޑު މަޤުޞަދުތަކުގެ ތެރޭގައި އިސްލާމްދީނުގައި ޒަކާތް ޝަރުޢުކޮށްފައިވާ މަޤުޞަދުތައް ޙާސިލުކުރުމަށް ޤާނޫނީ އޮނިގަނޑެއް އެކުލަވާލުމާއި، ޤާނޫނުގެ ދަށުން ދައްކަންޖެހޭ ޒަކާތުގެ ބާވަތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ ފަރާތްތަކާއި، ޒަކާތް ދެއްކުން ލާޒިމުވާ މުދަލުގެ ބާވަތްތައް ކަނޑައެޅުން ހިމެނެއެވެ. މީގެ އިތުރުން ދިރިއުޅުމުގެ ހަމަހަމަކަމާއި، އިޖުތިމާޢީ ފުދުންތެރިކަން އިތުރުކުރުމަށްޓަކައި ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާގެ ބޭނުން ފުރިހަމަ ގޮތުގައި ހިފޭނެ އުޞޫލުތައް ކަނޑައެޅުމަކީވެސް ބިލުގެ މުހިންމު މަޤުޞަދެކެވެ.
ރައްޔިތުންގެ މަޖިލީހުން މިއަދު މި ޤާނޫނު ފާސްކުރި ނަމަވެސް، މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ މި އަންނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރަތަމަ ދުވަހުން ފެށިގެންނެވެ.