ޚަބަރު
ދިވެހީންގެ ފަރާތުން ލިބެމުންދާ ދީލަތި އެހީއަށް ލަންކާގެ ރައީސް ޝުކުރު ދަންނަވައިފި
ރައީސުލްޖުމްހޫރިއްޔާ، ލަންކާގެ ރައީސްއާއެކު/ފޮޓޯ: ރައީސް އޮފީސް
ސްރީ ލަންކާއަށް އެރި ތޫފާން "ޑިޓްވާ" ގައި އެ ޤައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް ދިވެހީންގެ ފަރާތުން ލިބެމުންދާ ދީލަތި އެހީއަށް އެ ޤައުމުގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ޝުކުރު ދަންނަވައިފިއެވެ.
މީސް މީޑިއާގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ސްރީލަންކާގެ ރައީސް އަނުރާ ކުމާރާ ޑިސަނާޔަކަ ވިދާޅުވީ، ލަންކާއަށް ދިމާވި ކާރިސާގެ ދަތި ދަނޑިވަޅާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ފޮނުއްވި މެސެޖާއި، ސްރީލަންކާއަށް ދިވެހި ސަރުކާރުން ވެދެއްވި ދީލަތި އެހީތެރިކަން އުފަލާއެކު ބަލައިގަންނަ ކަމަށެވެ. ހަމަ އެހެންމެ، މި ދަނޑިވަޅުގައި ދިވެހިރާއްޖެއިން ދައްކުވައިދިން އެއްބައިވަންތަކަމަކީ ލަންކާގެ ރައްޔިތުންނަށް ވަރަށް ބޮޑު ހިތްހަމަޖެހުމެއް ގެނެސްދިންކަމެއްކަމަށް އެ ޤައުމުގެ ރައީސް ވަނީ ފާހަގަކުރައްވާފައެވެ.
މީގެ އިތުރުން، މިއީ ދެ ޤައުމުގެ ދެމެދުގައި އޮތް ޒަމާންވީ ބަދަހިގުޅުން ދައްކުވައިދޭ ކަމެއްކަމަށް ވެސް ލަންކާގެ ރައީސް ވަނީ ވިދާޅުވެފައެވެ.
I am grateful to President @MMuizzu for his kind message and for the generous support extended by the Maldives to Sri Lanka. The solidarity demonstrated by our neighbour has been deeply reassuring to our people and reflects the strength of our longstanding relationship.
— Anura Kumara Dissanayake (@anuradisanayake) December 3, 2025
ލަންކާއަށް އެރި ތޫފާނުގައި އެ ޤައުމަށް ލިބުނު ގެއްލުންތަކުން އަރައިގަތުމަށް އެހީވުމުގެ ގޮތުން ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވުމަށް ކަނޑައެޅުއްވި 50 ހާސް ޑޮލަރު އެ ޤައުމާއި މިހާރު ވަނީ ހަވާލުކޮށްފައެވެ. ހަމަ އެހެންމެ، އެ ޤައުމަށް 25،000 މަސް ދަޅު ކޭސް ހިފައިގެން އެމްއެސްއެސްގެ ބޯޓެއް މިހާރު ރާއްޖެއިން ފުރާފައިވާއިރު، ލަންކާއަށް އެހީވުމަށް މީޑިއާތަކުން ކުރިއަށް ގެންދިޔަ ޓެލެތޯނުން ލިބުނު 8 ލައްކަ ޑޮލަރު ވެސް ވަނީ ހަވާލުކޮށްފައެވެ.
ލަންކާއަށް ދިމާވި ކާރިސާގައި އެ ޤައުމުން މަރުވި މީހުންގެ ޢަދަދު 450 އަށް ވުރެ މައްޗަށް އަރާފައިވާއިރު، އެ ޤައުމަށް ފޫނުބެއްދޭވަރުގެ ބޮޑެތި ގެއްލުންތަކެއް ވަނީ ކުރިމަތިވެފައެވެ.