ކޮލަމް

އިޙްތިރާމް: މުޖުތަމަޢުގެ ބިންގާ، އަމިއްލަ ޤަދަރުގެ މަތިވެރިކަން

އިޙްތިރާމް: މުޖުތަމަޢުގެ ބިންގާ، އަމިއްލަ ޤަދަރުގެ މަތިވެރިކަން

ޚިޔާލީ ފޮޓޯއެއް

farudhun logo

ފަރުދުން

04 ޑިސެމްބަރު 2025، 09:37

04 ޑިސެމްބަރު 2025، 09:37

މުޖުތަމަޢެއްގެ ހަމަޖެހުމާއި އުފާވެރިކަމަށްޓަކައި އެންމެ މުހިންމު ސިފަތަކުގެ ތެރޭގައި އެއްބަޔަކު އަނެއްބަޔަކަށް އިޙްތިރާމްކުރުން ހިމެނެއެވެ. އިސްލާމީ އަޚްލާޤީ ރިވެތި ސިފައެއްގެ ގޮތުގައިވެސް އަދި ދިވެހި މުޖުތަމަޢުގެ އާދަކާދައާ ގުޅިފައިވާ އަސާސީ އަގެއްގެ ގޮތުގައިވެސް އިޙްތިރާމަކީ އަބަދުވެސް ދިރުވައި އާލާކުރަންޖެހޭ އަސާސެކެވެ.

އެއްވެސް މީހެއްގެ މަޤާމާއި، މާލީ ފުދުންތެރިކަމާއި، ޢިލްމީ ދަރަޖައަށް ބެލުމެއްނެތި އެންމެނަށްވެސް އިޙްތިރާމުކުރުމަކީ އިންސާނިއްޔަތުގެ ރިވެތި ސިފައެކެވެ. ތިބާއަށްވުރެ ދަށް މީހަކު ކަމުގައި ހީވާ މީހަކަށް ވިޔަސް އެމީހާއަށް އިޙްތިރާމްކުރުމަކީ ވަރަށް މުހިންމު ކަމެކެވެ. މިގޮތަށް އެހެން މީހުންނަށް އިޙްތިރާމުކުރުމުގެ ސަބަބުން ތިބާގެ ހަށިގަނޑުން އުނިވާނެ އެއްވެސް އެއްޗެއް ނެތްކަން ހަނދާންކުރާން ޖެހެއެވެ. ބަދަލުގައި އެއީ ތިބާގެ ޝަޚްސިއްޔަތު މަތިވެރިކޮށްދޭ އަދި ތިބާގެ ކިބައިގައި ހުރި ރިވެތި އަޚްލާޤީ ސިފައެއްކަން އަންގައިދޭނެ ކަމެކެވެ. ތިމާ ދައްކާ އިޙްތިރާމަކީ އެހެން މީހުންގެ ހިތްތަކުގައި ތިމާއަށް އޮންނަ ލޯތްބާއި ޤަދަރު އިތުރުކޮށްދޭނެ ކަމެކެވެ.

ކޮންމެ ހަސަބަކާއި ނަސަބަކުން އައި ކަމުގައިވިޔަސް، ކޮންމެ މީހަކީވެސް އިޙްތިރާމު ޙައްޤު މީހެކެވެ. ތަނަވަސްކަމާއި ފަޤީރުކަމުގެ ތަފާތެއް ނެތި، ޢިލްމުވެރިޔާ އާއި ޢާންމު ރައްޔިތާ މީހާ، އާދެ! ކޮންމެ ފަރުދަކީވެސް އިޙްތިރާމާއެކު މުޢާމަލާތްކުރަންޖެހޭ މީހެކެވެ. އިޙްތިރާމުކުރުމަކީ ތިމާގެ ޤަދަރާއި ޢިއްޒަތް އުފުލިގެން ދާ މަތިވެރި ކަމެކެވެ. އެހެން މީހުންނަށް އިޙްތިރާމުކުރާ މީހަކަށް އެހެން މީހުންވެސް އިޙްތިރާމް ކުރާނެއެވެ. މިއީ މުޖުތަމަޢުގައި އޮންނަ މުހިންމު ގުޅުމެކެވެ. ޚާއްޞަކޮށް ދިވެހިރާއްޖެ ފަދަ އިސްލާމީ މުޖުތަމަޢެއްގައި މިކަންކަމަށް ފަރުވާތެރިވުމަކީ ދީނާއި ސަގާފަތުންވެސް ބާރުލިބޭ ކަމެކެވެ. އެހެންކަމުން، ދިވެހި މުޖުތަމަޢުގައި އިޙްތިރާމުގެ ރޫޙު ދެމެހެއްޓުމަށް އަބަދުވެސް މަސައްކަތްކުރުން މުހިންމެވެ.

މާތް ނަބިއްޔާ މުޙައްމަދު ﷺ އަކީ އެންމެ މަތިވެރި އަޚްލާޤްފުޅުގެ ވެރިއެކެވެ. އިސްލާމްދީނުގެ މުޅި ރިސާލަތް ބިނާވެފައިވަނީ ރިވެތި އަޚްލާޤުގެ މައްޗަށެވެ. އިޙްތިރާމްކުރުމަކީ، އިސްލާމްދީން ބާރުއަޅާ އެންމެ މުހިންމު އަޚްލާޤީ ސިފަތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މާތް ﷲ ސުބުޙާނަހޫ ވަތަޢާލާ ވަނީ އިންސާނާ އިޙްތިރާމާއި ޝަރަފު ލިބިގެންވާ މަޚްލޫގެއްގެ ގޮތުގައި ހައްދަވާފައެވެ.

އެހެންކަމުން އަޅުގަނޑުމެން އެކަކު އަނެކަށް އިޙްތިރާމް ނުކުރަންޖެހޭ އެއްވެސް ސަބަބެއް ނެތެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން