Ads by Stelco

ޚަބަރު

އަލިފާން ރޯވީ އިންޖީނުގޭގެ ބައު އިމާރާތުގައި، ސަބަބު ދެނެގަތުމަށް ދަނީ މަސައްކަތް ކުރެވެމުން: ފެނަކަ

އަލިފާން ރޯވީ އިންޖީނުގޭގެ ބައު އިމާރާތުގައި، ސަބަބު ދެނެގަތުމަށް ދަނީ މަސައްކަތް ކުރެވެމުން: ފެނަކަ

އަލިފާން ރޯވުމުން ކަރަންޓަށް ދިމާވި މައްސަލަ ހައްލުކުރަނީ. ފޮޓޯ: ސަން

ޙަސްނާ އަޙްމަދް

ޙަސްނާ އަޙްމަދް

04 ޑިސެމްބަރު 2025، 10:35

04 ޑިސެމްބަރު 2025، 10:35

ލ.ގަމުގައި އިއްޔެ މެންދުރު ފަހުގެ ވަގުތެއްގައި ހިނގި އަލިފާނުގެ ބޮޑު ޙާދިސާ ހިނގާފައިވަނީ ސެންޓްރަލް ޕަވަރ ހައުސްގެ ބާ އިމާރާތުގައިކަމަށާއި، ގެއްލުންވި އިމާރާތުގެ މަސައްކަތް ކުރިއަށް އޮތް ހަފްތާ ބަންދުގައި ފަށާނެކަމަށް ފެނަކަ ކޯޕަރޭޝަނުން ވިދާޅުވެއްޖެއެވެ.

މި ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް މިހާރު ދަނީ ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ގެންދަމުންނެވެ.

ގަމުގެ ސެންޓްރަލް ޕަވަރ ހައުސްގައި ޖުމްލަ 5 އިންޖީނު ބޭނުންކުރަމުން އަންނައިރު، އަލިފާން ރޯވި ބާ އިމާރާތުގައި 2 އިންޖީނު ހިންގަމުން އާދެއެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ޙިއްސާކުރައްވަމުން ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ، މުޙައްމަދު ނަޖާޙު ވިދާޅުވީ، އަލިފާނުގެ ސަބަބުން މި ދެ އިންޖީނުގެ ތެރެއިން 1 އިންޖީނަށް ގެއްލުން ނުވާކަމަށެވެ. އަދި ދެވަނަ އިންޖީނަށްވެސް ލިބިފައިވަނީ ކުދިކުދި ގެއްލުންތަކެއްކަމަށާއި، އެކަންވެސް މިހާރު ގާތްގަޑަކަށް ޙައްލުކޮށްފައިވާކަމަށް ނަޖާހު ވިދާޅުވިއެވެ.

ނަޖާހު އިތުރަށް ވިދާޅުވީ، އަލިފާން ބޮޑަށް ހިފާފައިވަނީ އިމާރާތުގައިކަމަށާއި، އެ އިމާރާތް ބޭނުން ނުކުރެވޭވަރަށް ހަލާކުވެފައިވާކަމަށެވެ. ނަމަވެސް ވަގުތީގޮތުން ބައެއް މަރާމާތުތައް ކޮށް، އިންޖީނުތައް ރައްކާތެރިކޮށްފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ހަލާކުވި އިމާރާތް ހުރި ތަނުގައި މުޅިން އައު އިމާރާތެއް އެޅުމަށް ނިންމާފައިވާކަމަށް ފެނަކައިން ބުނެއެވެ.

އައު އިމާރާތް އެޅުމުގެ ޢަމަލީ މަސައްކަތް މިހަފްތާ ބަންދުގައި ފެނަކައިގެ އިތުރު ޓީމްތައް ގޮސް ފެށުމަށް ހަމަޖެހިފައިވާއިރު، ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން އެ މަސައްކަތް ނިންމާނެކަމަށް ނަޖާހު ވިދާޅުވިއެވެ. މީގެއިތުރުން، އަލިފާނުގެ ޙާދިސާގައި ބައެއް ކޭބަލްތަކަށް ގެއްލުންވެފައިވާތީ، ހަލާކުވި ކޭބަލްތައް ބަދަލުކުރުމުގެ މަސައްކަތްވެސް ދަނީ ކުރަމުންނެވެ. ނަމަވެސް މިވަގުތަށް ކަރަންޓު ފޯރުކޮށްދިނުމަށް އެއްވެސް މައްސަލައެއް ނެތްކަމަށް ފެނަކައިން ޔަޤީންކަން ދެއެވެ.

އިއްޔެ ހިނގި އަލިފާނުގެ ޙާދިސާއާ ގުޅިގެން، 3 އަވަށަކުން ވަގުތީގޮތުން ކަރަންޓު ކެނޑުނު ނަމަވެސް، ރޭގެ ވަގުތެއްގައި ވަނީ ހުރިހާ ހިސާބުތަކަށްވެސް ކަރަންޓު ދީފައެވެ. އަލިފާނުގެ ޙާދިސާ ހިނގަން މެދުވެރިވި ސަބަބު ދެނެގަތުމުގެ މަސައްކަތް ފުލުހުންނާއި އެމްއެންޑީއެފް ގުޅިގެން ކުރިއަށް ދާނެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން