ޚަބަރު
ފާއިތުވި ދެ އަހަރުތެރޭގައި ދަނޑުވެރިކަމުގެ ދާއިރާއިން 478 މީހުން ތަމްރީނުކޮށްފި
ށ.ޅައިމަގުގައި ހިންގި ދަނޑުވެރިކަމުގެ ތަމްރީން ޕްރޮގްރާމެއް
ދަނޑުވެރިންނަށް ޚާއްޞަކޮށްގެން ކުރިއަށް ގެންދިޔަ އެކިޕްރޮގްރާމްތަކުގެ ދަށުން ފާއިތުވި ދެ އަހަރު ތެރޭގައި 478 ދަނޑުވެރިން ތަމްރީނުކޮށްފައިވާކަމަށް، ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ހާމަކުރައްވައިފިއެވެ.
މި މަސައްކަތަކީ ރާއްޖޭގެ ދަނޑުވެރިކަން ކުރިއަރުވާ، ދަނޑުވެރިންނަށް އިލްމީ ގޮތުންނާއި އަމަލީ ގޮތުން ތަޖުރިބާ ހޯދައިދިނުމަށް އެ ވުޒާރާއިން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ކުރިއަށް ގެންދިޔަ ޕްރޮގްރާމްތަކެކެވެ.
ދަނޑުވެރިކަމާއި ދިރޭތަކެއްޗާއި ބެހޭ ވުޒާރާއިން ވިދާޅުވީ، ރާއްޖޭގެ އެކި ކަންކޮޅުތަކަށް ޒިޔާރަތްކޮށް ދަނޑުވެރިންނަށް ޚާއްޞަކޮށްގެން ތަފާތު އެކި ޕްރޮގްރާމްތައް ހިންގާފައިވާ ކަމަށެވެ. މިގޮތުން ޒަމާނީ ދަނޑުވެރިކަމަށް އަހުލުވެރިކުރުމުގެ ގޮތުން ހައިޑްރޮޕޯނިކްސް ޓްރެއިނިން ދިނުމާއި، ގްރީން ހައުސްގައި ދަނޑުވެރިކަން ކުރުމުގެ އިތުރުންވެސް ދަނޑުވެރިންނަށް ބޭނުންވާ ފަންނީ މައުލޫމާތުތައް ވަނީ ފޯރުކޮށްދީފައެވެ. ފާއިތުވި 2 އަހަރު ތެރޭގައި ރާއްޖޭގެ 28 ރަށަކުން 478 ދަނޑުވެރިން ވަނީ މި ޕްރޮގްރާމްތަކުގައި ބައިވެރިވެ ތަމްރީނު ހާސިލުކޮށްފައެވެ.
މީގެ އިތުރުން، ދަނޑުވެރިކަމާއި ބެހޭ ވުޒާރާއިން ދަނީ ދަނޑުވެރިކަމުން އުފައްދާ ތަކެއްޗަށް އަގުއެއްކޮށްގެން (ވޭލިއު އެޑިޝަން) ޕްރޮސެސްކުރުމަށްވެސް ދަނޑުވެރިންނަށް މައުލޫމާތު ދެމުންނެވެ. ދަނޑުވެރިން އުފައްދާ މޭވާ، ތަރުކާރީ ފަދަ ބާވަތްތައް އޭގެ އަސާސީ ގޮތުގައި ވިއްކުމުގެ ބަދަލުގައި، އެ ތަކެތިން ތަފާތު ބާވަތްތައް އުފެއްދުމަށް ދަނޑުވެރިންނަށް ވަނީ ހިތްވަރުދީފައެވެ. މިގޮތުން ޖޫސް، ޖޭމް، ހިއްކި މޭވާ/ތަރުކާރީ އަދި އެހެނިހެން ކާބޯތަކެތި ތައްޔާރުކޮށް ވިއްކުމަށް ދަނޑުވެރިންނަށް ވަނީ އިރުޝާދު ދީފައެވެ.
ވުޒާރާއިން ވިދާޅުވީ މިކަމުގެ ސަބަބުން އުފެއްދުންތައް ހަލާކުނުވެ ހުންނަ މުއްދަތު އިތުރުވެ، ދަނޑުވެރިންނަށް ލިބޭ މާލީ މަންފާ އިތުރުވެގެންދާނެ ކަމަށެވެ. މިފަދަ ޓްރެއިނިންގ ޕްރޮގްރާމްތަކުގެ ސަބަބުން ދަނޑުވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، އިޤްތިޞާދަށް ފައިދާ ކުރާނެ ކަމަށް ލަފާކުރެވެއެވެ.