ޚަބަރު
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް 20 ދަރިވަރަކަށް
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ހަވާލުކުރުން / ފޮޓޯ: އޮސްޓްރޭލިއަން އެމްބަސީ
އޮސްޓްރޭލިއާ އެވޯޑްސް ސްކޮލާޝިޕް ޕްރޮގްރާމްގެ ދަށުން، މާސްޓަރސްއަށް ކިޔެވުމުގެ ފުރުސަތު 20 ދިވެހި ދަރިވަރަކަށް ދީފިއެވެ. މި ސްކޮލާޝިޕްތަކަކީ ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާގެ ޔުނިވަރސިޓީތަކުގައި މާސްޓަރސް ހާސިލުކުރުމަށް ދިން ފުރުސަތެކެވެ. މި ސްކޮލާޝިޕް ލިބުނު ދަރިވަރުންގެ ކިޔެވުން ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އަހަރުއެވެ.
އޮސްޓްރޭލިއާ އެވޯޑްސް ޕްރޮގްރާމަކީ ޤައުމުތަކުގެ ތަރައްޤީއަށް އެހީތެރިވުމަށް ހިންގާ އެންމެ މުހިންމު އެއް ތަޢުލީމީ ޕްރޮގްރާމެވެ. މި ސްކޮލާޝިޕް ލިބުނު 20 ދަރިވަރުންނަށް އެކަމުގެ ލިޔުން ހަވާލުކުރުމަށް ހާއްސަ ރަސްމިއްޔާތެއް ވަނީ ބާއްވާފައެވެ. މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވައި، ދަރިވަރުންނަށް ސްކޮލާޝިޕްގެ ލިޔުން ހަވާލުކޮށްދެއްވީ އިޖްތިމާޢީ އަދި އާޢިލީ ތަރައްޤީއާ ބެހޭ ވަޒީރު އަދި އޮސްޓްރޭލިއާގެ އެލަމްނަސް ޑރ. ޢާއިޝަތު ޝިހާމެވެ.
އޮސްޓްރޭލިއާ ހައިކޮމިޝަނުން ވިދާޅުވީ، މި ސްކޮލާޝިޕް ލިބުނު ދަރިވަރުންނަށް ތަފާތު އެކި ދާއިރާތަކުން މާސްޓަރސްއަށް ކިޔެވުމުގެ ފުރުސަތު ދޭނެކަމަށެވެ. މީގެ ތެރޭގައި ފައިނޭންސް އެންޑް އިކޮނޮމިކްސް، ސޯޝަލް ވޯކް، ޤާނޫނު އަދި ސައިބަރ ސެކިއުރިޓީ، ޕޮލިސީ އެންޑް ޑިވެލޮޕްމެންޓް ސްޓަޑީޒް، އަދި އޯޝަނޯގްރަފީ ފަދަ ރާއްޖޭގެ ތަރައްޤީއަށް މުހިންމު ދާއިރާތައް ހިމެނޭކަމަށް ހައި ކޮމިޝަނުން ފާހަގަކުރެއްވިއެވެ.
މި ޕްރޮގްރާމުގެ ދަށުން ދިވެހި ދަރިވަރުންނަށް އޮސްޓްރޭލިއާގައި މަތީ ތަޢުލީމު ހާސިލްކުރުމުގެ ފުރުސަތުތައް ދެވޭ އަދަދު އިތުރުވަމުންދާކަން ހައިކޮމިޝަނުން ފާހަގަކުރެއްވިއެވެ. އެގޮތުން 2022 ވަނަ އަހަރު 8 ދަރިވަރަަކަށް ސްކޮލާޝިޕް ދިންއިރު، މި އަހަރު ވަނީ 20 ސްކޮލާޝިޕް ދީފައެވެ. ސްކޮލާޝިޕް ދިނުމަށް ބޭއްވި މި ޚާއްޞަ ރަސްމިއްޔާތުގައި ވައިބްރަންޓް މޯލްޑިވްސް އޮސްޓްރޭލިއާ އެލަމްނައި އެސޯސިއޭޝަންގެ 10 ވަނަ އަހަރީ ދުވަސްވެސް ވަނީ ފާހަގަކޮށްފައެވެ.
އޮސްޓްރޭލިއާގެ އެވޯޑްސް ސްކޮލަރޝިޕާއި އެޤައުމުގެ ތައުލީމީ ނިޒާމަށް ރާއްޖޭގެ ރައްޔިތުންގެ އިތުބާރު ބޮޑެވެ. އޮސްޓްރޭލިއާ އެވޯޑްސް ސްކޮލަރޝިޕްގައި މީގެ ކުރިންވެސް ތަޢުލީމީ ދާއިރާ، ހޮސްޕިޓާލިޓީ ދާއިރާ، އަދި މެޑިސިންގެ ދާއިރާ ފަދަ ތަފާތު ގިނަ ދާއިރާތަކުން މަތީ ތަޢުލީމާއި ތަމްރީނު ޙާސިލްކުރުމުގެ ފުރުޞަތު ވަނީ ފަހިކޮށްދީފައެވެ. 1960ގެ އަހަރުތަކުން ފެށިގެން އޮސްޓްރޭލިއާގެ ރަސްމީ ސްކޮލާޝިޕްތަކުގައި، އޮސްޓްރޭލިއާ އެވޯޑްސްވެސް ހިމެނޭ ގޮތަށް، 750 އަށް ވުރެ ގިނަ ދިވެހިން ވަނީ އެޤައުމުގައި މަތީ ތަޢުލީމު ހާސިލްކޮށްފައެވެ.