ދުނިޔެ
ބާރުގަދަ ތޫފާނަށްފަހު ލަންކާއަށް އަނެއްކާވެސް ބޯކޮށް ވާރޭ ވެހި، އާންމު ޙާލަތަށް ރުޖޫޢަވުމަށް ކުރާ މަސައްކަތަށް ހުރަސްއެޅިއްޖެ
ލަންކާގެ ފެން ބޮޑުވެފައިވާ ސަރަހައްދު
މިދިޔަ ހަފްތާގައި ސްރީ ލަންކާއަށް އެރި ބާރުގަދަ ތޫފާނެއްގެ ސަބަބުން އެތައް ސަތޭކަ ބަޔަކު މަރުވެ، އެތައް ހާސް ބަޔަކު ހާލުގައި ޖެހުނުއިރު، އެ ޤައުމުގެ ހާލަތު އަނބުރާ ރަނގަޅު ކުރުމުގެ މަސައްކަތްތަކަށް، ބޯ ވާރޭ އަނެއްކާވެސް ހުރަސްއަޅާފައިވާކަމަށް އޮފިޝަލުން ވިދާޅުވެއެވެ.
ލަންކާގެ އިދާރާތަކުން ބުނި ގޮތުގައި ބުރާސްފަތި ދުވަހު 15 ގަޑިއިރުގެ ތެރޭގައި ދެކުނު ލަންކާއަށް 130 މިލިމީޓަރު (5.1 އިންޗި)ގެ ވާރޭ ވަނީ ވެހިފައެވެ. އަދި ހުކުރު ދުވަހުވެސް ދެކުނާއި ހުޅަނގު ދެކުނުގެ ސަރަޙައްދުތަކަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. ތޫފާން ދިތުވާއަކީ ފާއިތުވި ދިހަ އަހަރުގެ ތެރޭގައި ލަންކާއަށް އެންމެ ބޮޑަށް ފެންބޮޑުވުން ކުރިމަތިވި ތޫފާނެވެ. މި ތޫފާން އާދިއްތަ ދުވަހު ރަށް ދޫކޮށް ދިޔައިރު، މިހާރުވެސް ވާރޭ ވެހެމުން ދިއުމުގެ ސަބަބުން ސާފުކުރުމާއި އަލުން ބިނާކުރުމުގެ މަސައްކަތްތަކަށް ވަނީ ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ.
ޤައުމުގެ ކާރިސާ މެނޭޖްމަންޓް ސެންޓަރު (ޑީއެމްސީ) އާއި ލޯކަލް އޮފިޝަލުންގެ މައުލޫމާތުތަކަށް ބަލާއިރު، މި ތޫފާނުގެ ސަބަބުން 486 މީހުން މަރުވެ، 50،000 އަށް ވުރެ ގިނަ ގެއަށް ވަނީ ގެއްލުން ވެފައެވެ. އަދި 170،000 މީހުން ރިލީފް ސެންޓަރުތަކުގައި ބައިތިއްބާފައިވެއެވެ. މިހާރުވެސް 341 މީހުން ގެއްލިގެން ހޯދަމުން ދެއެވެ. ރައީސް އަނޫރަ ކުމާރަ ދިއްސަނާޔަކަ މި ކާރިސާ ސިފަކުރައްވަނީ، މިއީ އެ ޤައުމުގެ ކުރިއެރުމަށް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމުގެ ގޮތުގައެވެ.
"މި މަސައްކަތަކީ އަޅުގަނޑުމެންގެ ޤައުމުގެ ތާރީޚުގައި ކުރެވޭ އެންމެ އުނދަގޫ މީހުން ސަލާމަތްކުރުމުގެ އޮޕަރޭޝަން ކަމަށް އަޅުގަނޑުމެން ޤަބޫލުކުރަން،" ރައީސް އަނޫރާ ވިދާޅުވިއެވެ.
މި ކާރިސާއަކީ މިދިޔަ ހަފްތާގައި އިންޑޮނޭޝިއާ، ތައިލެންޑް އަދި މެލޭޝިއާއަށް ކުރިމަތިވި ބޮޑެތި ސަރަޙައްދީ ފެންބޮޑުވުންތަކާއި ބިންގަނޑު ކަނޑައިގެން ދިއުމުގެ ކާރިސާތަކުގެ ތެރެއިން އެއް ކާރިސާއެވެ. މި ހުރިހާ ޤައުމަކުން ޖުމްލަ 1،500 މީހުން ވަނީ މަރުވެފައެވެ. ލަންކާއެކޭ އެއްފަދައިން އިންޑޮނޭޝިއާގެ ގިނަ އަދަދެއްގެ ރަށްތައް އަދިވެސް ވަނީ ކިސަޑާއި ކުނިގޮނޑުތަކުގެ ދަށުގައި ވަޅުލެވިފައެވެ. ލަންކާގެ މެދުތެރޭގެ ފަރުބަދަތަކުގައި ދިރިއުޅޭ މީހުންނަށް ވަނީ އެމީހުންގެ ގެތަކަށް އަނބުރާ ނުދިއުމަށް އަންގާފައެވެ. އެއީ ފަރުބަދަތަކުގެ ސަރަހައްދުތައް އަދިވެސް ހަލާކުވެފައިވާތީއެވެ.
ރިލީފް ސެންޓަރެއްގައި އާއިލާއާއެކު ހުރި ޕްރަސަންނަ ޝާންތާ ކުމާރަ ރޮއިޓާސް ނިއުސް އެޖެންސީއަށް ބުނެފައިވަނީ "އަހަރެންގެ ގެއާއި އަހަރެންގެ ދަނޑުވެސް ގެއްލިއްޖެ. އަހަރެމެން ދެން ކުރާނެ ކަމެއް ނެތް، އަހަރެމެން މިހެން ދިރިއުޅޭނީ ކިހިނެއްތޯ؟ އަހަރެމެންނަށް އެހީތެރިކަން ބޭނުންވޭ." މިހެނެވެ.
ބޮޑެތި ގެއްލުންތައް ލިބުނު ސަރަޙައްދުތަކުގެ ރައްޔިތުން ވަނީ މިފަދަ ކާރިސާއަކަށް ސަރުކާރުން ތައްޔާރުވެފައި ނެތުމުގެ ސަބަބުން ސަރުކާރަށް ފާޑުކިޔާފައެވެ. ޢާންމު ޙާލަތައް އަނބުރާ ރުޖޫޢަވުމުގެ މަސައްކަތްތަކުގެ ކޮމިޝަނަރ-ޖެނެރަލް އޮފް އެސެންޝަލް ސަރވިސަސް ޕްރަބާތު ޗަންދުރަކީރްތީ ވިދާޅުވީ، ގެއެއް ސާފުކުރުމަށް 25،000 ރުޕީސް (81 ޑޮލަރު) ދެމުންދާ ކަމަށާއި، އަލުން ބިނާކުރުމުގެ ޚަރަދު 6-7 ބިލިއަން ޑޮލަރަށް އަރާނެ ކަމަށެވެ. ހަލާކުވި ގެތައް އަލުން ބިނާކުރުމަށް ފެށުމަށް އިތުރު 2.5 މިލިއަން ރުޕީސް (8،100 ޑޮލަރު) ދެމުންދެއެވެ.
ޗަންދުރަކީރްތީގެ އޮފީހުން ބުނީ، ޤައުމުގެ ކަރަންޓުގެ 75 އިންސައްތަ ވަނީ އަނބުރާ ޚިދުމަތައް ގެނެވިފައިވާ ކަމަށާއި، ނަމަވެސް އެންމެ ބޮޑަށް ގެއްލުން ލިބުނު ސެންޓްރަލް ޕްރޮވިންސްގެ ބައެއް ސަރަޙައްދުތަކުގައި އަދިވެސް ކަރަންޓާއި ފޯނުގެ ޚިދުމަތް ނެތް ކަމަށެވެ.
ދަ ސްޓޭޓް-އޯންޑް ޑެއިލީ ނިއުސް ރިޕޯޓްކުރި ގޮތުގައި މިއަދުވެސް ދެކުނާއި ހުޅަނގު ދެކުނުގެ ބައެއް ސަރަޙައްދުތަކަށް 75 މިލިމީޓަރު (3 އިންޗި) ގެ ވާރޭ ވެހޭނެ ކަމަށް ލަފާކުރެވެއެވެ. މީގެ ތެރޭގައި ކޮމާރޝަލް ކެޕިޓަލް ކޮލަމްބޯ ހިމެނޭ ހުޅަނގުގެ އާބަން ސަރަޙައްދުތައް ހިމެނެއެވެ. ރައީސް އަނޫރާ ވަނީ ހޮނިހިރު ދުވަހު ކުއްލި ނުރައްކަލުގެ ހާލަތު އިޢުލާނުކުރައްވައި، ބައިނަލްއަޤްވާމީ އެހީތެރިކަމާއެކު އަލުން ބިނާކުރުމުގެ ވައުދުވެ ވަޑައިގެންފައެވެ.