ޚަބަރު
ޙާލުގައި ޖެހިފައިތިބި ލަންކާ ރައްޔިތުންނަށް ރާއްޖެއިން ހަދިޔާކުރި މަސްދަޅުތައް ރަަސްމީކޮށް ލަންކާ ސަރުކާރާ ހަވާލުކޮށްފި
ލަންކާއަށް ހަދިޔާކުރި މަސްދަޅުތައް ހަދިޔާކުރުން
ދިވެހިރާއްޖެއިން ސްރީ ލަންކާއަށް ހަދިޔާކުރާ، 25،000 މަސްދަޅު ކޭސް މިއަދު ރަސްމީކޮށް ލަންކާ ސަރުކާރާ ޙަވާލުކޮށްފިއެވެ. މި އެހީތެރިކަން ފޯރުކޮށްދީފައިވަނީ ދިތުވާ ތޫފާނާ ގުޅިގެން ލަންކާއަށް ކުރިމަތިވި ކާރިސާގައި ޙާލުގައި ޖެހިފައިތިބި އެ ޤައުމުގެ ރައްޔިތުންނަށެވެ.
ރާއްޖޭގެ ފަރާތުން މި ތަކެތި ލަންކާއާ ރަސްމީކޮށް ޙަވާލުކޮށްދެއްވީ ރާއްޖެއިން ލަންކާއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު މަސްޢޫދު އިމާދުއެވެ. ލަންކާގެ ފަރާތުން މި އެހީތެރިކަމާ ޙަވާލުވެވަޑައިގަތީ އެ ޤައުމުގެ ޑިޒާސްޓަރ މެނޭޖްމަންޓް ސެންޓަރ (ޑީ.އެމް.ސީ)ގެ ޑިރެކްޓަރ އޮފް އޮޕަރޭޝަންސް ބްރިގޭޑިއަރ ރޯޝަން ދަރްމާވަކްރަމާއެވެ.
ދިވެހި ސަރުކާރުން ލަންކާއަށް ދިނުމަށް ނިންމި އެހީގެ ތެރޭގައި 50،000 ޑޮލަރުގެ ފައިސާ އާއި 25،000 މަސްދަޅު ކޭސް ހިމެނެއެވެ. މަސްދަޅު ކޭސްތައް ލަންކާއަށް ފޮނުވާފައިވަނީ ރާއްޖޭގެ ޝިޕިން ކުންފުނި، މޯލްޑިވްސް ސްޓޭޓް ޝިޕިންގެ ގަލެނާ ކާގޯ ބޯޓުގައެވެ. 14 ކޮންޓެއިނަރު ހުރި މި ކާގޯ ބޯޓު ލަންކާގައި ބަނދަރުކޮށްފައިވަނީ މިއަދު ހެނދުނުގެ ވަގުތެއްގައެވެ.
މި އެހީތެރިކަން ރަމްޒު ކޮށްދެނީ، ދެ ޤައުމުގެ ދެމެދުގައި އޮތް ގާތް އެކުވެރި ގުޅުމާއި، މިފަދަ އުނދަގޫ ދަނޑިވަޅެއްގައި އެ ޤައުމުގެ ރައްޔިތުންނާއެކު ދިވެހި ރައްޔިތުން ތިބިކަންކަމަށް ސަރުކާރުން ފާހަގަކުރައްވައެވެ. ދިވެހި ސަރުކާރުން އެހީގެ ގޮތުގައި ދެއްވި 50،000 ޑޮލަރުގެ ފައިސާވެސް މިހާރު ވަނީ ލަންކާ ސަރުކާރާ ހަވާލުކޮށްފައެވެ. މީގެ އިތުރުން މީޑިއާތައް ގުޅިގެން ކުރިއަށް ގެންދިޔަ ޓެލެތޯންގައި، އެކިއެކި މުއައްސަސާތަކާއި ރައްޔިތުންގެ ފަރާތުން ލަންކާއަށް އެހީވުމަށް 800،000 ޑޮލަރު ހަދިޔާކޮށްފައިވާއިރު، މި ފައިސާވެސް މިހާރު ވަނީ ޚާރިޖީ ވުޒާރާއާއި ހަވާލުކޮށްފައެވެ.
ތޫފާން ދިތުވާގެ ސަބަބުން ސްރީ ލަންކާއަށް ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފައިވާއިރު، އެ ތޫފާނުގައި 479 މީހުން މަރުވެ 350 މީހުން ވަނީ ގެއްލިފައެވެ. އަދި މި ތޫފާނުގެ އަސަރު 1.2 މިލިޔަން މީހުންނަށް ކޮށްފައިވާކަމަށް ރިޕޯޓުތައް ބުނެއެވެ.