ޚަބަރު
ރައީސް ހެއްދެވީ މުތްލަޤް ދޮގެއްކަމަށް ވިދާޅުވިއިރު، ނާއިފްއަކީ އެބައްދަލުވުމުގަ އިންނެވި ބޭފުޅެއް ނޫން : ވަޒީރު އަސްވާޑު
ޔޫތު އެމްޕަވަމަންޓް، އިންފޮމޭޝަން އެންޑް އާޓްސް މިނިސްޓަރު އިބްރާހިމް ވަހީދު (އަސްވާޑް) ފޮޓޯ: އެމްވީ ޕްލަސް
ރާއްޖޭގެ ނޫސްވެރިކަމުގެ މިނިވަންކަމާއި ގުޅޭގޮތުން ދިވެހި ނޫސްވެރިންގެ ޖަމިއްޔާ (އެމް.ޖޭ.އޭ) ގެ ރައީސް އަހްމަދު ނާއިފް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒަށް ބުހުތާނު ދޮގު ހައްދަވާކަމަށް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުން، ޔޫތް މިނިސްޓަރު ވަނީ ނާއިފްއަށް އެކަން ނޭނގޭނެކަމަށް ވިދާޅުވެފައެވެ.
ޔޫތް މިނިސްޓަރު ވިދާޅުވީ، ރައީސް ދޮގު ހެއްދެވިކަމަށް ނާއިފްއަށް ދަންނަވާކަށް ނޭނގޭނެ ކަމަށާއި، އެއީ ނާއިފް އިންނެވި ބައްދަލުވުމެއް ނޫންކަމަށެވެ. އެ ބައްދަލުވުމުގައި އެޑިޓަރަކު ސަރުކާރާ އިދިކީލި އެޑިޓޯރިއަލް ޕޮލިސީއެއް އޮންނަކަން ދެފަހަރެއްގެ މަތިން ބަޔާންކުރެއްވި ކަމަށް ޔޫތް މިނިސްޓަރު ވަނީ ހާމަކުރައްވާފައެވެ. މިނިސްޓަރު މިހެން ވިދާޅުވީ ނާއިފް ކުރެއްވި ތުހުމަތުތަކަށް ރައްދު ދެއްވަމުންނެވެ.
އެކުވެރި ނާއިފް، ތީ އަޅުގަނޑު އިން ބައްދަލުވުމެއް. ރައީސް ހެއްދެވީ މުތްލަޤް ދޮގެއްކަމަށް ވިދާޅުވިއިރު، ނާއިފްއަކީ އެބައްދަލުވުމުގަ އިންނެވި ބޭފުޅެއް ނޫން. އެބައްދަލުވުމުގަ އެޑިޓަރަކު ދެ ފަހަރަކު ވިދާޅުވި އެނޫހުގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ އިދިކީލި އެޑިޓޯރިއަލް ޕޮލިސީއެކޭ. https://t.co/2Mw6bZiwXM
— Asward I. Waheed (@AswardWaheed) December 5, 2025
އެމް.ޖޭ.އޭގެ ރައީސް ނާއިފް ވަނީ ރައީސް މުޢިއްޒު ރައްޔިތުން މެނިޕިއުލޭޓް ކުރެއްވުމަށް "ދީނީ ކާޑު" ބޭނުންކުރައްވާ ކަމަށް ތުހުމަތު ކުރައްވާފައެވެ. ނާއިފް ވިދާޅުވީ ނޫސްވެރިކަމުގެ މިނިވަންކަން ދިނުމަކީ ރެކޯޑް ޕްރެސް ކޮންފަރެންސް ބޭއްވުން އެކަނި ނޫން ކަމަށާއި، ނޫސްވެރިން ގާނޫނުއަސާސީގެ ހުދޫދުގެ ބޭރުން ހިޔާލުފާޅުކުރަން ފުރުސަތު ދޭށޭ ނުބުނާނެ ކަމަށެވެ. މީގެ އިތުރުން، ނޫހެއްގެ އެޑިޓަރަކު އެނޫހުގެ އެޑިޓޯރިއަލް ޕޮލިސީއަކީ ސަރުކާރާ ދެކޮޅު ޕޮލިސީއެކޭ ނުބުނާނެ ކަމަށް ނާއިފް ވިދާޅުވިއެވެ. ނަމަވެސް ބަހުސްގެ ބޭނުމަށް އެފަދަ ޕޮލިސީއެއް ނޫހެއްގައި އޮތަސް އެއީ މައްސަލައެއް ނޫން ކަމަށާއި، ސަރުކާރެއް ޒިންމާދާރުކޮށް ދުޅަހެޔޮ މުޖުތަމަޢެއް އުފެއްދުމަށްޓަކައި އެކި ހިޔާލުތަކަށް އާންމު ބަހުސްތަކަށް ފުރުސަތު އޮންނަން ޖެހޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. ނާއިފް ވަނީ މިފުރުސަތު ތަފާތު ގާނޫނުތައް ހަދައިގެން ބަންދުކުރުމަކީ އިސްލާމްދީނާއި އަބުރޭ ކިޔައިގެން ކުރަން ދެރަވަރު ކަންކަން ކަމަށް ސިފަކުރައްވާފައެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ މާފަންނު ރައްޔިތުންނާ ބައްދަލުކުރެއްވި ބައްދަލުވުމެއްގައި ނޫސްވެރިންނަށް ފުރުސަތު ނުދޭކަމަށް ނޫސްވެރިއަކު ފާހަގަކުރުމުން، އަދުގެ ސަރުކާރަށް ވުރެން ބޮޑަށް ނޫސްވެރިންނަށް ފުރުސަތު ދޭސަރުކާރެއް ނެތްކަމަށް ވިދާޅުވެފައެވެ.
އަދި، ނޫސްވެރިންގެ އެސޯސިއޭޝަނުން ނޫސްވެރިންގެ ކަންބޮޑުވުންތައް ޙިއްޞާކުރެއްވުމަށް 2025 އޮގަސްޓް 28 ވަނަ ދުވަހު ރައީސުލްޖުމްހޫރިއްޔާ ވަނީ އެޖަމިއްޔާގެ އިސްބޭފުޅުންނާއި ބައްދަލުކުރައްވާފައެވެ. އެއް ގަޑިއިރަށް ވުރެ ގިނައިރަށް ދެމިގެން ދިޔަ މި ބައްދަލުވުމުގައި، ރައީސުލްޖުމްހޫރިއްޔާ ވަނީ ޖާނަލިސްޓް އެސޯސިއޭޝަންގެ ފަރާތުން ހުށަހެޅުއްވި ހުރިހާ ކަންބޮޑުވުންތައް އަޑުއައްސަވާ އެކަންކަމާ މެދު ވިސްނާވަޑައިގަންނަވާނެ ކަމަށް ވިދާޅުވެފައެވެ.
މި ސަރުކާރަކީ ސަތޭކަ ޕަސެންޓް މީޑިއާ ޕްރޯ ސަރުކާރެއްކަމަށް ވިދާޅުވަމުން، ރައީސް މުޢިއްޒު ވަނީ ސަރުކާރުގެ ފަރާތުން މީޑިއާއަށް އަބަދުވެސް އެއްބާރުލުން ލިބޭނެކަމަށާއި، މީޑިއާއަށް ފަހި މާހައުލެއް ތަނަވަސްކުރުމަށް މިހާރުވެސް ގިނަ މަސައްކަތްތަކެއް ކުރައްވާ، ގިނަ ކަންތައްތަކެއް ފަހިކޮށްދެއްވަމުން ގެންދަވާކަމަށް ވިދާޅުވެފައެވެ.ރައީސުލްޖުމްހޫރިއްޔާ އަބަދުވެސް ޔަޤީންކަން ދެއްވާފައިވަނީ މީޑިއާ ރެގިއުލޭޓްކުރުމުގައި ސަރުކާރުގެ ކޮންޓްރޯލް ބާއްވަން ބޭނުންފުޅުނުވާ ކަމަށް ވިދާޅުވެފައެވެ.
ރާއްޖޭގެ މީޑިއާގެ މިނިވަންކަން ދެމެހެއްޓުމަށް ހުރިހާ ފަރާތްތަކަށް ސަރުކާރުން އަބަދުވެސް އެއްބާރުލުން ދެއްވާނެކަމުގެ ޔަޤީންކަން މޯލްޑިވްސް ޖާނަލިސްޓް އެސޯސިއޭޝަނަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވައިފައެވެ.