ޚަބަރު
މިއަހަރުގެ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުން ރ.ދުވާފަރުގައި
މަސްވެރިން: ފޮޓޯ- ޒުވާން މަސްވެރިޔާ
ފަރުދުން
06 ޑިސެމްބަރު 2025، 06:14
06 ޑިސެމްބަރު 2025، 06:14
ކޮންމެ އަހަރެއްގެވެސް ޑިސެމްބަރ މަހުގެ 10 ވަނަ ދުވަސް ފާހަގަކުރާ މަސްވެރިންގެ ދުވަސް މިއަހަރު ރަސްމީކޮށް ފާހަގަ ކުރާ ރަށެއްގެ ގޮތުގައި ރ.ދުވާފަރު ކަނޑައަޅައިފިއެވެ.
މަސްވެރިކަމާ ބެހޭ ވުޒާރާއިން ވިދާޅުވީ މިއަހަރު ފާހަގަ ކުރާ 45ވަނަ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުން އޮންނާނީ ރ.ދުވާފަރުގައި ކަމުގައެވެ. މި ދުވަހާއި ގުޅިގެން ގިނަ ހަރަކާތްތަކެއް މިހާރުވެސް ރޭވިފައިވާއިރު މަސްވެރިންގެ ދުވަސް ކުލަގަދަކޮށް ފާހަގަ ކުރުމަށް މިސަރުކާރުން ދަނީ ޚާއްޞަ ސަމާލުކަމެއް ދެއްވަމުންނެވެ.
45ވަނަ މަސްވެރިންގެ ދުވަސް ރަސްމީކޮށް ފާހަގަކުރުން އޮންނާނީ ރ.ދުވާފަރުގައި. pic.twitter.com/BJJuh9wc5Y
— Ministry of Fisheries and Ocean Resources (@MFORmv) December 6, 2025
އެގޮތުން ދިވެހިންގެ ތެރޭގައި ނެތިގެންދާ މަސްކެނޑުމުގެ އާދަތައް ދިރުވާ އާލާކުރުމުގެ މަޤްސަދުގައި މަސްކެނޑުމުގެ މުބާރާތެއް ބޭއްވުމަށް ވަނީ ނިންމާފައެވެ. މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ވެސް ދުވާފަރުގައިކަަމަށް މަސްވެރިކަމާބެހޭ ވުޒާރާއިން ވިދާޅުވެއެވެ. މީގެ އިތުރުން މިއަހަރުގެ މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ފަރުމަސްވެރިކަމުގެ މުބާރާތެއްވެސް ކުރިއަށް ގެންދިއުމަށް ވަނީ ނިންމާފައެވެ. މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާއިން ވިދާޅުވީ، މި މުބާރާތަކީ މާޅޮސްމަޑުލު އުތުރުބުރީގެ ރަށްތަކަށް ހުޅުވާލައިގެން ބާއްވާ މުބާރާތެއްކަަމަށެވެ. އަދި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ އެއަތޮޅު ދުވާފަރުގައިކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.
މަސްވެރިންގެ ދުވަހުގެ މުނާސަބަތުގައި ބާއްވާ މި މުބާރާތް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު 12ގައެވެ. އަގުހުރި އިނާމުތަކާއެކު ކުރިއަށްގެންދާ މި މުބާރާތްތަކަކީ މިދުވަހުގެ މުހިންމުކަމާއި ކުލަގަދަކަން ފާހަގަ ކުރުމަށް ބާއްވާ މުބާރާތްތަކެކެވެ..
ކޮންމެ އަހަރެއްގެވެސް މަސްވެރިންގެ ދުވަސް ފާހަގަކުރަނީ ޑިސެމްބަރުމަހުގެ 10ވަނަ ދުވަހުއެވެ. މިއަހަރުގެ މަސްވެރިކަމުގެ ދުވަސް ފާހަގަކުރުމަށް މަސްވެރިކަމާ ކަނޑުގެ ވަސީލަތްތަކާބެހޭ އަންނަނީ ގިނަ ހަރަކާތްތަކެއް ރާވަމުންނެވެ.