ޚަބަރު
ގިނަ އަދަދެއްގެ ވޭޕާއި، ވޭޕް ވިއްކަމުންދިޔަ ޕޭޖު ފުލިހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި
ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަ ވޭޕް: ފޮޓޯ- ފުލުހުން
ފަރުދުން
06 ޑިސެމްބަރު 2025، 08:50
06 ޑިސެމްބަރު 2025، 08:50
ގިނަ އަދަދެއްގެ ވޭޕާއި، ވޭޕް ވިއްކަމުންދިޔަ ޕޭޖު ފުލިހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.
ދިވެހި ފުލުހުންގެ ޚިދުމަތުން ވިދާޅުވީ، ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން 2025 ޑިސެންބަރު 5 ވަނަ ދުވަހު ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ކޯޓު އަމުރެއްގެ ދަށުން މާލޭގެ ދެ ގެއަކާއި ދެ އުޅަނދެއް ބަލައިފާސްކޮށްފައިވާކަމަށެވެ.
ފުލުހުން ހިންގި މި އޮޕަރޭޝަނުގައި ބަލައިފާސްކުރި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖް ފެނިފައިވާކަމަށް އެ އިދާރާއިން ހާމަކުރެއެވެ. ހަމައެއާއެކު ބަލައިފާސްކުރި ދެގޭގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވާކަމަށް ފުލުހުން ވިދާޅުވިއެވެ. މީގެއިތުރުން މިމައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ފުލުހުންގެ ބާރުގެ ދަށަށް ގެނެސްފައިވާކަމަށްވެސް ފުލުހުން ވިދާޅުވެފައި ވެއެވެ.
ފުލުހުން އިތުރަށް ވިދާޅުވީ މިމައްސަލައާ ގުޅިގެން މީހަކު ޖޫރިމަނާކޮށްފައިވާކަމަށާއި މި މައްސަލާގައި އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި ނުވާކަމަށެވެ. މިމައްސަލަ ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.
ވޭޕްގެ މައްސަލައިގައި މިދިޔަ އޮކްޓޯބަރު މަހު 35 މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށާއި އެ ޖޫރިމަނާގެ ޖުމްލަ 226،000ރ. އަށް އަރާ ކަމަށް ފުލުހުން މީގެ ކުރިން ބުނެފައިވެއެވެ. ދުޅަހެޔޮ މުޖުތަމަޢެއް ބިނާކުރުމުގެ ގޮތުން ސަރުކާރުން ވަނީ ރާއްޖޭގައި ވޭޕް ބޭނުން ކުރުމާއި ވޭޕް އެތެރެކުރުން މަނާކޮށްފަ އެވެ. އަދި އެފަދަ އެއްވެސް އަމަލެއް ކޮށްފި ނަމަ ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރަން ވެސް ގާނޫނުގައި ވަނީ ހިމަނައިފަ އެވެ.