ޚަބަރު
ފުލުހުން ހިންގި އޮޕަރޭޝަނެއްގައި ދެ ގެއަކުން ވޭޕްއާ ގުޅޭ ގިނަ އަދަދެއްގެ ސާމާނު ހޯދައިފި
ފުލުހުން ހުކުރު ދުވަހު ހިންގި އޮޕަރޭޝަންގައި ހޯދި ބައެއް ތަކެތި ފެންނަ ފޮޓޯއެއް---
ދިވެހި ފުލުހުންގެ ޚިދުމަތުން މާލޭ ސިޓީގައި ހިންގި އޮޕަރޭޝަނެއްގައި ދެ ގެއަކުން ވޭޕްއާ ގުޅޭ ގިނަ އަދަދެއްގެ ސާމާނު ހޯދައިފިއެވެ.
ފުލުހުންނަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން މި އޮޕަރޭޝަން ހިންގާފައި ވަނީ މިދިޔަ ހުކުރު ދުވަހުއެވެ. މި އޮޕަރޭޝަން ހިންގާފައި ވަނީ ރާއްޖެއަށް އެތެރެކޮށް ވިއްކުން މަނާ ވޭޕް އަދި ވޭޕް ކާޓްރިޖްގެ ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމަތަކާ ގުޅިގެންނެވެ.
އެގޮތުން ކޯޓު އަމުރެއްގެ ދަށުން ދެ ގެއެއް ބަލާފާސްކުރިއިރު އެއް ގެއިން 190 ފްލޭވަރޑް ކާޓްރިޖް، 9 ނެނޯ ސްޓިކް އަދި ޑިސްޕޮސަބަލް ޕޮޑެއް ފެނިފައިވާކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ.
އަދި ފުލުހުން ވަނީ އަނެއް ގެއިން 331 ފްލޭވަރޑް ކާޓްރިޖް، 6 ރިފިލް ކާޓްރިޖް އަދި 7 ޕޮޑް ހޯދާފައެވެ.
އެހެންކަމުން އެ ދެގެއިން ވޭޕްއާ ގުޅޭ ޖުމްލަ 544 އައިޓަމެއް ވަނީ ފެނިފައިވެއެވެ.
މީގެ އިތުރުން، ވޭޕް އަދި ވޭޕް ކާޓްރިޖް ވިޔަފާރިކުރާކަމަށް ލިބުނު މަޢުލޫމާތަކާ ގުޅިގެން، ފުލުހުން ހިންގި އެހެން އޮޕަރޭޝަނެއްގައި ސައިކަލެއްގެ މަޑިދަށުން 89 ވޭޕް ކާޓްރިޖާއި، ބަލައި ފާސްކުރި ދެ ގެއެއްގެ ތެރެއިން އެއް ގެއެއްގެ އެޕާޓްމަންޓަކުން ޖުމްލަ 59 ވޭޕް އަދި ވޭޕް ކާޓްރިޖް ފެނިފައިވެއެވެ.
މީގެ އިތުރުން މި މައްސަލައާ ގުޅިގެން ވޭޕް ވިއްކަމުން ދިޔަ ފޭސްބުކް ޕޭޖެއް ވެސް ފުލުހުންގެ ބާރުގެ ދަށަށް ވަނީ ގެންގޮސްފައެވެ. މި މައްސަލައާ ގުޅިގެން މީހަކު ޖޫރިމަނާކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. ނަމަވެސް އެއްވެސް މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެއް ނުވެއެވެ.
މި ދެ މައްސަލަ ވެސް ފުލުހުން ދަނީ ތަޙުޤީޤު ކުރަމުންނެވެ.