ޚަބަރު
ދިވެހި ތަރިކައިގެ ބައެއް ނަކަލު ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކޮށްފި
ތަކެތި ހަވާލުކުރުން/ފޮޓޯ: ވުޒާރާ
މޯލްޑިވްސް ޕޮލިޓެކްނިކުން ތައްޔާރުކޮށްފައިވާ ދިވެހި ތަރިކައިގެ ބައެއް ނަކަލު ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއާ ހަވާލުކޮށްފި އެވެ.
ޕޮލިޓެކްނިކްގައި މިކަމަށްޓަކައި ބޭއްވި ޚާއްޞަ ރަސްމިއްޔާތެއްގައި، ވުޒާރާއާ ތަކެތި ހަވާލުކޮށްދެއްވީ ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީނެވެ. އަދި ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ތަކެއްޗާ ހަވާލުވެވަޑައިގަތީ ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީޚުގެ އިސްވާރު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރެވެ.
ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން ވިދާޅުވީ، ޕޮލިޓެކްނިކްގެ ފަރާތުން އެ ވުޒާރާއަށް ހަވާލުކުރެއްވި ތަކެތީގެ ތެރޭގައި ހިމެނެނީ ޝާހީ ގުރުޒަކާއި، ރާއްޖޭގެ ބައެއް ރަސްރަސްކަލުން ތުރުކުރެއްވި ބައެއް ހެދުންކޮޅުތަކުގެ ނަކަލު ކަމަށެވެ. އަދި ގުރުޒުގެ ނަކަލު ތައްޔާރުކުރެއްވީ ޕޮލިޓެކްނިކްގެ ކާޕެންޓްރީ ފެކަލްޓީން ކަމަށާއި، ރަސްރަސްކަލުން ތުރުކުރެއްވި ހެދުންކޮޅުތަކުގެ ނަކަލު ތައްޔާރުކުރެއްވީ އެ އިދާރާގެ ފެޝަން ޑިޒައިނިންގ ފެކަލްޓީންކަމަށް ވުޒާރާއިން ވިދާޅުވިއެވެ.
ޕޮލިޓެކްނިކްގެ ސީއީއޯ ޒޫޝާން ކަމާލުއްދީން ވިދާޅުވީ، ދިވެހި ތަރިކައިގެ ބައެއް ނަކަލު ތައްޔާރުކުރެއްވުމަށް ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާއިން އެ މަރުކަޒަށް ހުށަހެޅުއްވުމަކީ ލިބިވަޑައިގެންނެވި ވަރަށް ބޮޑު ފުރުޞަތެއް ކަމަށެވެ.
އަޅުގަނޑުމެން މި މަސައްކަތް ކޮށްފައިވާނީ އަސްލު ހެދުންކޮޅާއި އަސްލު ގުރުޒާ އެންމެ ގާތްކުރާގޮތަށް. އަޅުގަނޑުމެންނަށް މިކަހަލަ ފުރުޞަތެއް ފުރަތަމަ ފަހަރަށް ލިބުނީމާ ވުޒާރާއިން ބޭނުންވާ ފެންވަރަށް މިމަސައްކަތް ކުރެވުނުކަމަށް އަޅުގަނޑުމެން އުއްމީދުކުރަން. މިފުރުޞަތު ދެއްވީތީ، ވަޒީރު އަދި ވުޒާރާގެ ޓީމަށް ޝުކުރު ދަންނަވަން.
ޒޫޝާން ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ދިވެހިބަހާއި ސަޤާފަތާއި ތަރިކައާ ބެހޭ ވުޒާރާގެ ފަރާތުން ދިވެހި ޤައުމިއްޔަތުގެ އިސްވަރު ކައުންސިލްގެ ދިވެހި ތާރީޚުގެ އިސްވާރު އަލްއުސްތާޛު ކަށިމާ އަޙްމަދު ޝާކިރު ވިދާޅުވީ، ދިވެހި ތަރިކައިގެ ބައެއް ނަކަލު ތައްޔާރުކުރެއްވުމަށް ޕޮލިޓެކްނިކާ ހަވާލުކުރެއްވީ އެފަދަ މަސައްކަތެއް ކުރުމަކީ އެކަމުގެ ހުނަރާއި ފަންނާ އަދި ތަޖުރިބާ ހުރި ބަޔަކަށް ނޫނީ ކުރެވޭނެ މަސައްކަތަކަށް ނުވާތީ ކަމަށެވެ. އަދި ރާއްޖެއިން ލިބެން ހުރި ތަކެތި ބޭނުންކުރައްވައިގެން ނަމޫނާ ތައްޔާރުކުރައްވާފައިވަނީ އަސްލާ ވަރަށް އެއްގޮތަށް އަދި އެހާމެ ކަވި، ބުރަ މަސައްކަތްތަކެއް ކުރައްވައިގެންކަން ޝާކިރު ފާހަގަކުރެއްވިއެވެ.
ޕޮލިޓެކްނިކްގެ މަސައްކަތުގެ ފުރިހަމަކަން ފާހަގަކުރައްވައި ޝާކިރު ވަނީ، ޕޮލިޓެކްނިކްގެ އިސްވެރިންނާއި މަސައްކަތުގައި އުޅުއްވި ބޭފުޅުންނަށް ޝުކުރު އަދާކުރައްވާފައެވެ.