ޚަބަރު
އެމްގެޕް ސްޓޭންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމުގެ ވޯކްޝޮޕް 55 ދަނޑުވެރިންނާއެކު ފަށައިފި
ވޯކްޝޮޕްގެ ތެރެއިން/ފޮޓޯ: ވުޒާރާ
އެމްގެޕް ސްޓޭންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ބާއްވާ ވޯކްޝޮޕް 55 ދަނޑުވެރިންނާއެކު ފަށައިފި އެވެ.
މި ވޯކްޝޮޕަކީ، އެ ވުޒާރާ އާއި ޔުނައިޓެޑް ނޭޝަންސް ޑެވެލޮޕްމެންޓް ޕްރޮގްރާމްގެ ޕްރޮޖެކްޓް ފޯ ޑެވެލޮޕިންގ ސަސްޓެއިނަބަލް އެގްރިކަލްޗަރ އިކޮނޮމީ (PDSAE) ގެ ދަށުން މޯލްޑްވްސް ގުޑް އެގްރިކަލްޗަރަލް ޕްރެކްޓިސަސް (M-GAP) ސްޓެންޑަރޑަށް ދަނޑުވެރިން އަހުލުވެރިކުރުމާއި، ސްޓެންޑަރޑް ކުރިއެރުވުމުގެ ގޮތުން މިމަހުގެ 7 އިން 8 އަށް ދެދުވަހުގެ މުއްދަތަކަށް ކުރިއަށްދާ ވޯކްޝޮޕެކެވެ.
މީރުމާ މާލަމުގައި ކުރިޔަށް ދާ މި ވޯކްޝޮޕްގައި ރާއްޖޭގެ 22 ރަށަކުން 55 ފަރާތަކުން ވަނީ ބައިވެރިވެފައެވެ. މީގެ ތެރޭގައި ހިމެނެނީ ބައިވެރިވި ކޮންމެ ރަށަކުން ކައުންސިލް އޮފިޝަލަކާއި ދަނޑުވެރިއެއްކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ. މި ވޯކްޝޮޕްގައި ސްޓެންޑަރޑްގެ ތިއަރީ ބައި މާލޭ ސިޓީގައި މިހާރު ކުރިއަށްދާއިރު، ޕްރެކްޓިކަލް ބައި ކުރިއަށް ގެންދިއުމަށް ވޯކްޝޮޕްގެ ބައިވެރިން މާދަމާ އއ. ތޮއްޑޫ އަށް ދާނެކަމަށް އެ ވުޒާރާއިން ވަނީ ވިދާޅުވެފައެވެ.
ކާނާގެ ޔަޤީންކަން ކަށަވަރު ކުރުމަށާއި، ރައްކާތެރިކަން ކަށަވަރު ކުރުމަށް އެމްގެޕް އަކީ މުހިންމު ސްޓޭންޑަރޑެއް ކަމަށާއި، މިހާތަނަށް ރާއްޖޭގެ 10 ދަނޑު އެމްގެޕް ސެޓިފައިޑް ވެފައިވާކަމަށް އެ ވުޒާރާއިން މަޢުލޫމާތުދެއެވެ.