Ads by Stelco

ޚަބަރު

ކާޑު ލިމިޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފަނީ، 100އަށް ވުރެ ގިނަ ކާޑުން އެކަކު މުޢާމަލާތްކޮށްފި!

ކާޑު ލިމިޓުގެ ބޭނުން ނަހަމަ ގޮތުގައި ހިފަނީ، 100އަށް ވުރެ ގިނަ ކާޑުން އެކަކު މުޢާމަލާތްކޮށްފި!

ކާޑު ލިމިޓުގެ ބޭނުން ނަހަމަ ގޮތުގައި ނުހިފުމަށް ބޭންކުން ވަނީ އެދިފައި.

farudhun logo

ފަރުދުން

07 ޑިސެމްބަރު 2025، 06:41

07 ޑިސެމްބަރު 2025، 06:41

ބޭންކް އޮފް މޯލްޑިވްސްގެ ކާޑު ލިމިޓު ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފާހަގަވެފައިވާ ކަމަށާއި، 100އަށް ވުރެ ގިނަ ކާޑު ބޭނުންކޮށްގެން އެކަކު މުޢާމަލާތްކޮށްފައިވާ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެފިއެވެ.

މިދިޔަ މަހުގެ 11ވަނަ ދުވަހުން ފެށިގެން ބީ.އެމް.އެލް.އިން ވަނީ ދިވެހި ރުފިޔާ އެކުންޓަށް ދޫކޮށްފައިވާ ޑެބިޓް ކާޑުން ރާއްޖެއިން ބޭރުގައި ބޭނުންކުރެވޭ ފައިސާގެ ޢަދަދު އިތުރުކޮށްފައެވެ. ކަސްޓަމަރުންގެ އަސާސީ ބޭނުންތަކަށް ރިޢާޔަތްކޮށް ގެނެސްފައިވާ މި ބަދަލުގައި، ރާއްޖެއިން ބޭރުގައި ކާޑު މެޝިނުގައި ކުރެވޭ މުޢާމަލާތްތަކަށް މަހަކު 1،000 ޑޮލަރު، އަދި ޓިކެޓާއި ހޮޓެލް ބުކިންގއަށާއި ޞިއްޙީ ބޭސްފަރުވާއަށް ފައިސާ ދެއްކުމަށް މަހަކު 3،000 ޑޮލަރާ ހަމަޔަށް ލިމިޓް އިތުރުކޮށްފައިވެއެވެ.

ނަމަވެސް ބީ.އެމް.އެލް.އިން މިއަދު ޢާންމުކުރި ބަޔާނެއްގައި ބުނީ، މި ލިމިޓުތައް ބައެއް ފަރާތްތަކުން ނަހަމަ ގޮތުގައި ބޭނުންކުރާކަން ފަށާފައިވާ ކަމަށެވެ. އެ ގޮތުން، ބައެއް ކަސްޓަމަރުން އެ ކަސްޓަމަރެއްގެ އަމިއްލަ ބޭނުމަށް، އަމިއްލަ އެކައުންޓަށް ނަގާފައިވާ ކާޑުތައް އެހެން ފަރާތްތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ދިނުމާއި، އޭގެ ތެރެއިން އެކަކު 100އަށް ވުރެ ގިނަ ކާޑު ބޭރު ޤައުމަކަށް ގެންގޮސް، ބޭރު ފައިސާ ހޯދުމަށް ވަކި މަރޗެންޓެއްގެ ކާޑު މެޝިނުގައި އެ ކާޑުތައް ބޭނުންކޮށްގެން މުޢާމަލާތްކޮށްފައިވާ ކަން އެ ބޭންކުން ވަނީ ހާމަކޮށްފައެވެ.

މީގެ އިތުރުން، ރާއްޖެއިން ބޭރަށް ދަތުރުނުކުރާ މީހުންގެ ކާޑުތައް ބޭނުންކޮށްގެން ގިނަ ޢަދަދުތަކަށް، ޓިކެޓް އަދި ހޮޓެލް ބުކިންގއަށް ކަނޑައަޅާފައިވާ ލިމިޓް ބޭނުންކުރާކަން ވެސް ފާހަގަކުރެވޭ ކަމަށް ބޭންކް އޮފް މޯލްޑިވްސްއިން ބުނެއެވެ.

އިސްވެ ދެންނެވުނު ގޮތަށް އެހެނިހެން ފާރަތަކަށް ކާޑު ދިނުމާއި، ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަކީ ކާޑުގެ ވެރިފަރާތާއި ބޭންކާ ދެމެދު ވެވިފައިވާ އެއްބަސްވުމާ މުޅީން ޚިލާފު ޢަމަލެއް ކަމަށާއި، ޕަރސަސަނަލް ކާޑުން ބޭރުގެ މުޢާމަލާތްތަކަށް ކަނޑައަޅާފައިވާ ލިމިޓަކީ، އެ ކާޑުގެ ވެރިފަރާތުގެ އަމިއްލަ ބޭނުންތަކަށް ކުރަން ޖެހޭ ޚަރަދުތައް ކުރުމަށް ދީފައިވާ ލިމިޓެއް ކަމަށް ވެސް ބޭންކުގެ ބަޔާނުގައި ވެއެވެ.

އެހެންކަމުން، މި ފަދަ މުޢާމަލާތްތަކަކީ ޢާންމުކޮށް ފައިސާގެ މުޢާމަލާތް ހިންގުމުގެ އުޞޫލުތަކާ ޚިލާފު މުޢާމަލާތްތަކަށްވާތީވެ، ކުރިޔަށް އޮތް ތާނގައި މި ފަދަ މުޢާމަލާތްތައް ބަލައި، ފިޔަވަޅު އެޅުމަށްޓަކައި ކަމާ ބޭހޭ ފަރާތްތަކަށް ހުށަހަޅަމުން ގެންދާނެ ވާހަކަ ދަންނަވަމެވެ.

ބީ.އެމް.އެލް.އިން މިއަދު ޝާއިޢުކުރި ބަޔާން

ބޭންކުން ބުނީ، ނަހަމަ ގޮތުގައި ބޭނުންކުރާ ކާޑުތަކަށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ކަނޑައެޅިފައިވާ ލިމިޓް ކަނޑާލުމާއި، އެ ފަދަ މަރޗެންޓްތަކުގައި މުޢާމަލާތް ނުކުރެވޭ ގޮތް ހެދުން ފަދަ ފިޔަވަޅުތައް އަޅަން ޖެހިދާނެ ކަމަށެވެ.

ބޭންކުން އިތުރަށް ބުނީ، ޑެބިޓް ކާޑު މެދުވެރިކޮށް ރާއްޖެއިން ބޭރުގައި ބޭނުންކުރުމަށް ލިމިޓު ބޮޑުކޮށްފައިވަނީ، ރާއްޖެއިން ބޭރަށް އެކި ބޭނުންތަކުގައި ދަތުރުކުރާއިރު ޒަރޫރީ ބޭނުންތަކަށާއި އެހެނިހެން ކަންތައްތަކަށް ވީހައި ވެސް ލުއިފަސޭހަ ގޮތްތައް ހަމަޖައްސައިދިނުމުގެ ބޭނުމުގައި ކަމަށެވެ. ވީމާ، ދެމެހެއްޓެނިވި ގޮތެއްގައި އެ ޚިދުމަތް ދެވޭނީ، ނަހަމަ ގޮތުގައި ކާޑު ބޭނުންކުރުމަށް ހިންގާ ޢަމަލުތައް ހުއްޓިގެން ކަމަށް އެ ބޭންކުން ބުންޏެވެ.

ކާޑުގެ ވެރިފަރާތުގެ އެކައުންޓުގެ ރައްކާތެރިކަމަށާއި، ޤަވާޢިދުތަކާ އެއްގޮތަށް ޢަމަލުކުރެވޭކަން ކަށަވަރުކުރުމަށާއި، ބޭންކުން ދީފައިވާ މި ފަދަ ޚިދުމަތްތައް ދެމެހެއްޓެނިވި ގޮތެއްގައި ދެމުން ގެންދެވޭނެ ގޮތް މަގުފަހިކުރުމަށްޓަކައި، އަމިއްލަ ކާޑު އެހެން ފަރާތްތަކުން ފައިދާ ނެގެމަށް ނުދިނުމަށް ބޭންކުން ވަނީ އިލްތިމާސްކޮށްފައެވެ.


ކާޑުލިމިޓްގެ ބޭނުން ބައެއް ފަރާތްތަކުން ނަހަމަގޮތުގައި ބޭނުންކުރާކަން ފާހަގަކުރެވުން https://www.bankofmaldives.com.mv/storage/document/1752/10369/foreign-transaction-limits-being-misused-dv.pdf

Posted by Bank of Maldives on Sunday, December 7, 2025

Ads by MSS

މި ލިޔުން ކިޔާލުމުން