ދުނިޔެ
ޣައްޒާގެ ސަރުކާރު ވާންޖެހޭނީ މުޅިން ފަލަސްޠީނުގެ ސަރުކާރަކަށް: ނޯވޭގެ ޚާރިޖީ ވަޒީރު
ނޯވޭގެ ޚާރިޖީ ވަޒީރު އެސްޕެން ބާރތު އީޑީ
ޣައްޒާގެ ސަރުކާރު ވާންޖެހޭނީ މުޅިން ފަލަސްޠީނުގެ ސަރުކާރަކަށް ކަމަށް ނޯވޭގެ ޚާރިޖީ ވަޒީރު އެސްޕެން ބާރތު އީޑީ ވިދާޅުވެއްޖެއެވެ.
އަލްޖަޒީރާއަށް ދެއްވި ބަސްދީގަތުމެއްގައި އެސްޕެން ބާރތް ވިދާޅުވީ، އިސްރާއީލުން ހުޅަނގުއައްސޭރިއާއި ޣައްޒާގައި ކުރަމުންދާ ކަންތައްތަކަކީ ވަރަށް ނުރައްކާތެރި ކަންތައްތަކެއް ކަމަށާއި، ޣައްޒާގައި ހިނގަމުންދާ ބިރުވެރި ހަނގުރާމަ އަދި ނިމިފައިނުވާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ ވަރަށް ބަލިކަށި އެއްބަސްވުމެއް ކަމަށް އޭނާ ސިފަކުރެއްވިއެވެ.
ދޯހާ ފޯރަމް 2025 ގެ 23 ވަނަ ނަސްޚާގެ ހަވާސާގައި އަލްޖަޒީރާއަށް ދެއްވި އިންޓަވިއުއެއްގައި ނޯވޭގެ ވަޒީރު ވިދާޅުވީ، ޣައްޒާގެ ހާލަތު ވަރަށް ދަތި ކަމަށެވެ. ނަމަވެސް، ހަނގުރާމަ ނިންމުމުގެ އިތުރުން، ފަލަސްޠީނާއި އިސްރާއީލާ ދެމެދު އޮތް ދެކޮޅުވެރިކަމަށް ހައްލެއް ހޯދުމަށް މަގުފަހިކުރުމުގެ ފުރުސަތެއް ވެސް އެބައޮތް ކަމަށް އޭނާ ވިދާޅުވިއެވެ.
އެގޮތުން، ދުނިޔޭގެ ގިނަ ޤައުމުތަކުން މިހާރު ފަލަސްޠީނުގެ ދައުލަތް ބަލައިގަންނަމުންދާ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ.
އޭނާ ދެކެވަޑައިގަންނަވާ ގޮތުގައި އެންމެ މުހިންމު ކަމަކީ، "ޣައްޒާގެ މުސްތަޤުބަލުގެ ސަރުކާރު ވާންޖެހޭނީ މުޅިން ފަލަސްޠީނުގެ ސަރުކާރަކަށް" ކަމަށާއި، އަދި "ދިގު މުއްދަތުގައި އެ ސަރުކާރު ވާންޖެހޭނީ ޣައްޒާ، ހުޅަނގު އައްސޭރިއަދި ޤުދުސްގެ ބައެއް ހިމެނޭ ފަލަސްޠީނުގެ ދައުލަތެއްގެ ބައެއް" ކަމަށެވެ.
އެމެރިކާގެ ޕްލޭންގެ ދަށުން ޣައްޒާގައި ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް އަވަހަށް ފެށުމުގެ މުހިންމުކަން އޭނާ ފާހަގަކުރެއްވިއެވެ. މިކަމާ ގުޅިގެން އޭނާ ވިދާޅުވީ، "ހަނގުރާމަ ކުރިއަށް ގެންދިއުމުގެ ބަދަލުގައި، ޣައްޒާގައި ހިނގަމުންދާ ކަންތައްތަކަށް ވަރަށް ބޮޑަށް ސަމާލުކަން ދޭންޖެހޭ" ކަމަށެވެ. އަދި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުމާއި ޣައްޒާ ސަރަހައްދުގައި ހަމަޖެހުން ޤާއިމުކުރުން މުހިންމު ކަމަށް އޭނާ ވިދާޅުވިއެވެ.
އަނެއްކޮޅުން، ނޯވޭގެ ވަޒީރު ވިދާޅުވީ ހުޅަނގު އައްސޭރީގެ ހާލަތު ވަރަށް ދަށް ކަމަށާއި، އަދި އިސްރާއީލުގެ ވަޒަންވެރިން ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް އިތުރު ހަމަލާތައް ދެމުންދާތީ ހާލަތު ދަނީ ގޯސްވަމުންކަމަށެވެ.
މިކަން ހިނގަނީ އެމީހުންނަށް އަދަބު ނުދިނުމުގެ ސަބަބުން ކަމަށާއި ބައެއް ފަހަރު އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން އެމީހުންނަށް އެހީތެރިވާތީ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. އަދި "ނޯވޭއިން އިސްރާއީލަށް ހުޅަނގު އައްސޭރީގައި ބޭނުންކުރުމަށް ހަތިޔާރު ވިއްކާ އެއްވެސް ކުންފުންޏެއްގައި އިންވެސްޓް ނުކުރާ" ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ.
އޮސްލޯގެ މަޝްރޫޢާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ނޯވޭގެ ވަޒީރު ވިދާޅުވީ، އެ މަޝްރޫޢުގެ އެންމެ ރަނގަޅު ކަމަކީ ފަލަސްޠީނުގެ މުއައްސަސާތައް ބިނާކުރަން ފެށުމުގެ ފުރުސަތު ލިބިގެން ދިއުން ކަމަށާއި، އެންމެފަހުން ހުރިހާ ޤައުމަކުން ބަލައިގަންނަ ފަލަސްޠީނުގެ ދައުލަތެއް ޤާއިމުކުރުމާ ހަމައަށް ދިއުމެވެ.
އެގޮތުން، އޮސްލޯ އެއްބަސްވުމުގެ ސަބަބުން އިސްރާއީލަށް ވީޓޯއެއްގެ ބާރު ލިބިގެންދިޔަ ކަމަށް އޭނާ ޤަބޫލުކުރެއްވިއެވެ. ނަމަވެސް، އިސްރާއީލުން، ޚާއްސަކޮށް ބެންޖަމިން ނަތަންޔާހޫގެ ސަރުކާރުން ފަލަސްޠީނުގެ ލިބަރޭޝަން އޮގަނައިޒޭޝަން (ޕީއެލްއޯ) އާ އެކު މަޝްވަރާ ކުރުމަށް ޝައުޤުވެރިކަމެއް ނުދޭ ކަމަށެވެ.
އެހެންކަމުން، އިސްރާއީލުން ފަލަސްޠީނު ހިފާފައިވާ ހިފުން ޤާނޫނާ ޚިލާފު ކަމަށް ސިފަކުރެވުނު ކަމަށާއި، އެކަން ބައިނަލްއަޤްވާމީ ޢަދުލުގެ ކޯޓުން ވެސް ކަށަވަރުކޮށްދީފައިވާ ކަމަށް އޭނާ ވިދާޅުވިއެވެ.
ނޯވޭގެ ޚާރިޖީ ވަޒީރު އިތުރަށް ވިދާޅުވީ، ދިގު މުއްދަތުގައި ދެ ދައުލަތުގެ ހައްލަކީ އެހެން ބަދަލެއް ނެތް ހައްލެއް ކަމަށާއި، "މި ހައްލު ހާސިލުކުރެވޭނީ މިހާރު މި ދާ މަގު ބަދަލުކޮށްގެން" ކަމަށެވެ. އަދި "އަޅުގަނޑުމެންނަށް އިސްރާއީލަށް ވީޓޯއެއް ދީގެން ނުވާނެ، އެހެންކަމުން އަޅުގަނޑުމެން ސްޕެއިން އަދި އަޔަލޭންޑާއެކު ފަލަސްޠީނުގެ ދައުލަތް ބަލައިގަތުމަށް ކުރިއަށް ދިޔައީ" ކަމަށް އޭނާ ވިދާޅުވިއެވެ.
ޔޫކްރެއިން ހަނގުރާމައާ ބެހޭގޮތުން ވާހަކަ ދައްކަވަމުން، ނޯވޭގެ ވަޒީރު ބާރުއަޅުއްވައި ވިދާޅުވީ، "ހައްލަކީ އިންސާފުވެރި، އަދި މިނިވަންކަމާއި އަމިއްލައަށް ނިންމުމުގެ ބައިނަލްއަޤްވާމީ އުސޫލުތަކާ އެއްގޮތް، އަދި ދެމެހެއްޓެނިވި އަދި ބުއްދިވެރި ހައްލަކަށް ވާންޖެހޭ" ކަމަށެވެ. އެހެންކަމުން، ބަލިކަށި ހަނގުރާމަ ހުއްޓާލުމެއް އޮވެގެން ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.