ދުނިޔެ
ހަތިޔާރުތައް 'ފްރީޒްކުރުން ނުވަތަ ރައްކާކުރުމާ' ބެހޭގޮތުން މަޝްވަރާކުރަން ތައްޔާރު: ޙަމާސް
ބައްސާމް ނަޢީމް
އިޒްރޭލާއި ޙަމާސްއާ ދެމެދު ވެފައިވާ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ކޮޅުނެތިދާނެ ކަމުގެ ކަންބޮޑުވުންތައް އުފެދިފައިވާ ދަނޑިވަޅެއްގައި، ޙަމާސްއިން ވަނީ އެ ޖަމާއަތުގެ ހަތިޔާރުތައް “ފްރީޒްކުރުން ނުވަތަ ރައްކާކުރުމާ” ބެހޭގޮތުން މަޝްވަރާކުރުމަށް ތައްޔާރަށް އޮތް ކަމަށް ބުނެފިއެވެ.
އާދީއްތަ ދުވަހު ޤަތަރުގައި އެސޯސިއޭޓެޑް ޕްރެސް (އޭޕީ) އަށް ދެއްވި ބަސްދީގަތުމެއްގައި، ޙަމާސްގެ އިސް އޮފިޝަލެއް ކަމަށްވާ ބާސިމް ނަޢީމް ވިދާޅުވީ، އެ ޖަމާއަތުގެ ބާކީ ހުރި ހަތިޔާރުތަކާމެދު ކަންތައް ކުރާނެ ގޮތަކާމެދު ޙަމާސްއިމް ގެންގުޅެނީ ވަރަށް ހުޅުވާލެވިފައިވާ ވިސްނުމެއް ކަމަށެވެ.
އެމެރިކާ މެދުވެރިވެގެން ވެފައިވާ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގައި ޣައްޒާގެ އަސްކަރީ ނިޒާމު ނައްތާލުމުގެ ދަށުން، މިނިވަން މޮނިޓަރުންގެ ބެލުމުގެ ދަށުން ޙަމާސްއިން އެ ޖަމާއަތުގެ ހަތިޔާރުތައް ދޫކޮށްލުމަށް ލާޒިމުކުރެއެވެ. ހަތިޔާރު ނައްތާލުމަކީ 20 ނުކުތާގެ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާގެ މުހިންމު ބައެކެވެ.
ނަޢީމް އޭޕީއަށް ވިދާޅުވީ، “މި ހަމަލާ ހުއްޓާލުމުގެ ނުވަތަ ޓްރޫސްގެ ވަގުތު ތެރޭގައި އެއްގޮތަކަށްވެސް އެ ހަތިޔާރު ބޭނުންނުކުރުމަށް ފަލަސްޠީނުގެ ގެރެންޓީއާއެކު، ހަތިޔާރުތައް ފްރީޒްކުރުން ނުވަތަ ރައްކާކުރުން ނުވަތަ ތިރިކުރުމާ ބެހޭގޮތުން އަޅުގަނޑުމެންނަށް މަޝްވަރާކުރެވިދާނެ” ކަމަށެވެ. މީގެ އިތުރުން، އާދީއްތަ ދުވަހު އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ބުނީ، ޣައްޒާގެ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމުގެ ދެވަނަ މަރުހަލާއަށް ދިއުމާ އިޒްރޭލު ވަރަށް “ގާތަށް” ޖެހިފައިވާ ކަމަށެވެ. ނަމަވެސް، އެއްބަސްވުމުގެ މުހިންމު ބައެއް ކަމަށްވާ، ޣައްޒާއަށް ހަމަޖައްސާފައިވާ ބައިނަލްއަޤްވާމީ ސަލާމަތީ ބާރުގައި ބައިވެރިވާނެ ޤައުމުތަކާއި ބެހޭގޮތުން މުހިންމު ތަފްސީލުތައް އަދިވެސް ވަނީ ނުލިބިފައެވެ. ނަތަންޔާހޫ ވަނީ ދެވަނަ މަރުހަލާގައި އިޒްރޭލުން އިސްކަންދޭ ކަންތައްތަކުގެ ތެރޭގައި “ޙަމާސްއާ ހަތިޔާރު ނައްތާލުމާއި ޣައްޒާގެ އަސްކަރީ ނިޒާމު ނައްތާލުން” ހިމެނޭކަން ފާހަގަކުރައްވާފައެވެ.
ނަޢީމް ވިދާޅުވި ގޮތުގައި ހަތިޔާރުތައް “ފްރީޒްކުރުން ނުވަތަ ރައްކާކުރުން” އިޒްރޭލުގެ ހަތިޔާރު ނައްތާލުމުގެ އެދުމާ އެއްގޮތްވާނެތޯ ނުވަތަ ނޫންތޯ އަދި ސާފުނޫން ކަމަށެވެ.
ނަމަވެސް، އޭނާ ވަނީ ބައިނަލްއަޤްވާމީ ކޮންމެ ބާރަކަށްވެސް، އދ. ގެ ސަލާމަތީ މަޖިލީހުގެ ޤަރާރެއްގެ ދަށުން ނަމަވެސް، ޣައްޒާގައި އޮންނާނީ ވަރަށް ކުޑަ ބާރެއް ކަމަށް ވިދާޅުވެފައެވެ.
“ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމަށް ބެލުމަށް، ހަމަލާގެ ކޮންމެ އިތުރުވުމެއް ހުއްޓުވުމަށް، އަދި ހިނގާ ކަންތައްތަކުގެ ރިޕޯޓުކުރުމަށް، ބޯޑަރުތަކުގެ ކައިރީގައި އދ. ގެ ބާރެއް އޮތުމަށް އަޅުގަނޑުމެން މަރުޙަބާ ކިޔަން.” އެހެން ނަމަވެސް، “މި ބާރުތަކަށް ފަލަސްޠީނުގެ ސަރަޙައްދުތަކުގެ ތެރޭގައި އެއްވެސް ކަމެއް ކުރުމަށް ނުވަތަ ތަންފީޒުކުރުމަށް ބާރުދޭ އެއްވެސް މެންޑޭޓެއް އޮތުމަކަށް އަޅުގަނޑުމެން ޤަބޫލެއް ނުކުރަން.” ނަޢީމް ވިދާޅުވިއެވެ.
ހޮނިހިރު ދުވަހު ދޯހާ ފޯރަމްގައި، ޤަތަރާއި މިޞްރާއި ނޯވޭއިން ވަނީ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުން ނުރައްކަލުގެ ތެރޭގައިވާ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައެވެ.
އަދި ދެން އަންނަ މަރުހަލާގެ މަޝްވަރާތައް ވަރަށް މުހިންމު ދަނޑިވަޅެއްގައިވާ ކަމަށް އެ ޤައުމުތަކުން ބުނެއެވެ. ޤަތަރުގެ ބޮޑުވަޒީރު މުޙައްމަދު ބިން ޢަބްދުއްރަޙްމާން އާލް-ޘާނީ ވިދާޅުވީ، “މިހާރު، އަޅުގަނޑުމެން މިތިބީ (ޣައްޒާގެ ހަމަލާ ހުއްޓާލުމުގެ) ވަރަށް މުހިންމު ދަނޑިވަޅެއްގައި. އެކަން އަދި ފުރިހަމައެއް ނުވޭ، އެހެންކަމުން އަޅުގަނޑުމެން މިހާރު ކޮށްފައި މިވަނީ ހަމައެކަނި ޕޯޒެއް.” ކަމަށެވެ.