ޚަބަރު
ހުޅުމާލޭގައި ދެ ހާހެއްހައި ވެހިކަލް ޕާކުކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅައިފި
އެޗްޑީސީން ކަނޑައަޅާފައިވާ ކާރު ޕާކިންގ ސަރަހައްދެއް: ފޮޓޯ- އެޗްޑީސީ
ފަރުދުން
08 ޑިސެމްބަރު 2025، 12:01
08 ޑިސެމްބަރު 2025، 12:01
ހުޅުމާލޭގައި ދެ ހާހެއްހައި ވެހިކަލް ޕާކުކުރެވޭނެ ސަރަހައްދުތަކެއް ކަނޑައަޅައިފިއެވެ.
ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން ވިދާޅުވީ މާލޭ ސަރަޙައްދުގައި ދިމާވެފައިވާ ވެހިކަލް ޕާކިންގެ ދަތިކަމަށް ވަގުތީ ހައްލެއް ހޯދައިދިނުމުގެ ގޮތުން، ހުޅުމާލޭގައި ވަގުތީ ޕާކިން ސަރަހައްދުތަކެއް ކަނޑައަޅާފައިވާކަަމަށެވެ. މިގޮތުން ޕާކިން އަށް ކަނޑައެޅި ސަރަހައްދުތަކުގައި ހަތަރު ފުރޮޅުލީ 1964 ވެހިކަލް ޕާކު ކުރެވޭނެ ޖާގަ ކަނޑައެޅިފައި ވެއެވެ. މި މަސައްކަތަކީ ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ޓްރާންސްޕޯޓް މިނިސްޓްރީ ގުޅިގެން ކުރިއަށްގެންދާ މަސައްކަތެއް ކަމަށްވެސް އެކުންފުނިން މަޢުލޫމާތުދެއްވައެވެ.
ވަގުތީ ޕާކިން ސަރަހައްދުތައް ކަނޑައެޅުމުގެ މައިގަނޑު ބޭނުމަކީ ހުޅުމާލޭގެ ޓްރެފިކް ފްލޯ ރަނގަޅުކުރުމާއި، މަގުތަކުގައި ވެހިކަލްތައް ޕާކުކުރުމުގެ ސަބަބުން ދިމާވާ ތޮއްޖެހުން ކުޑަކުރުން ކަމަށް އެޗްޑީސީން ވިދާޅުވެފައި ވެއެވެ. ހަމައެއާއެކު މާލޭގައި ޕާކިންގެ މައްސަލަ ބޮޑުވެފައިވާ މި ދަނޑިވަޅުގައި، ހުޅުމާލެއިން މިފަދަ ބޮޑު ޖާގައެއް ހަމަޖެއްސުމަކީ މަގުތަކުގެ ތޮއްޖެހުން ކުޑަކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއް ކަމަށާއި، ވެހިކަލް ޕާކުކުރުމަށް ދިމާވެފައިވާ ދަތިކަމަށް ދާއިމީ ހައްލެއް ހޯދުމުގެ ގޮތުން ޕާކިން ބިލްޑިންގ ތަކެއް ހެދުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރަމުން އަންނަ ކަމަށްވެސް މަޢުލޫމާތުދީފައި ވެއެވެ.

އެޗްޑީސީން ކަނޑައަޅާފައިވާ ވަގުތީ ޕާކިން ސަރަހައްދުތަކާއި އެތަންތަނުން ލިބޭ ޖާގަތައް:
މަސްޖިދުލް ވާލިދައިން ކައިރި ސަރަހައްދު: 115 ޖާގަ
ގާޒީ ސްކޫލު ސަރަހައްދު: 254 ޖާގަ
ހިޔާ ޓަވަރު-16 ސަރަހައްދު: 1233 ޖާގަ
ވިނަރެސް ސަރަހައްދު: 362 ޖާގަ
ވަގުތީ މި އިންތިޒާމުގެ ސަބަބުން ހުޅުމާލޭގެ މަގުތަކުގެ ތޮއްޖެހުން ކުޑަވެ، ވެހިކަލްތަކަށާއި މަގު ބޭނުންކުރާ ހުރިހައި ފަރާތްތަކަށްވެސް ލުއިފަސޭހަވެ، ލިބޭ ރައްކާތެރިކަން ބޮޑުވާނެއެވެ. އަދި މާލެ ސަރަހައްދުގެ ޕާކިން މައްސަލައަށް ދާއިމީ ހައްލެއް ހޯދުމުގެ މަސައްކަތް ކުރިއަށްދާއިރު، މި ހުޅުވާލި ވަގުތީ ޕާކިން ސަރަހައްދުތަކުގެ ސަބަބުން އުޅަނދު ގެންގުޅޭ ފަރާތްތަކަށް ވަރަށް ބޮޑު ލުއިފަސޭހައަކަށް ވާނެއެވެ.