ޚަބަރު / ރިޕޯޓް
މިއީ ކޮންމެހެންވެސް ބަހުސް ކުރަންޖެހޭ މައުޟޫޢެއްތަ؟
ތަޢުލީމީ ވުޒާރާއިން ޔުނިފޯމަށް ގެނައުމަށް ނިންމަވާފައިވާ ބަދަލުތަށް
"މުއުމިނު ފިރިހެނުންނަށް އެއުރެންގެ ބެލުންތައް ތިރިކުރުމަށާއި، އެއުރެންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ. އެގޮތް އެއުރެންނަށްޓަކައި ޠާހިރުކަން ބޮޑެވެ. ހަމަކަށަވަރުން ﷲ އީ އެއުރެން ކުރާކަންތައް މޮޅަށް ދެނެވޮޑިގެންވާ ރަސްކަލާނގެއެވެ. އަދި މުއުމިނު އަންހެނުންނަށް އެކަނބަލުންގެ ބެލުންތައް ތިރިކުރުމަށާއި، އެކަނބަލުންގެ ފަރުޖުތައް ރައްކާތެރިކުރުމަށް ކަލޭގެފާނު ވިދާޅުވާށެވެ"
މީ ނޫރް ސޫރަތުގެ 30-31 ވަނަ އާޔަތުގައި ﷲ ތަޢާލާ ވަޙީކުރައްވާފައިވާ ބަސްފުޅެއްގެ މާނައެެވެ. މި އާޔަތުން ދޭހަވަނީ އައުރަ ނިވާކުރުމާއި ބެލުންތަށް ތިރިކުރުމަށް އިސްލާމްދީނުގައި ބާރު އަޅުއްވާފައިވާ މިންވަރެވެ. ޢައުރަ ނިވާކުރުމަކީ އިސްލާމްދީނުގައި ނުހަނު ބާރުއަޅުއްވާފައިވާ ކަމެކެވެ. ހެދުން އެޅުމުގައި ފަރުވާ ކުޑަކޮށް ނިވާކަން ކުޑަ ހެދުން އެޅުމާއި ނިވާކަން ކުޑަ ހެދުން އެޅުމަށް ބާރުއެޅުުން މިހާރު ވަނީ ވަރަށް ބޮޑަށް އާންމުވެފައެވެ. މިކަމުގެ ސަބަބުން ސަބަބުން މުޖުތަމަޢުގައި ގިނަގުނަ ފާޙިޝްކަންތައްތައް މިވަނީ ފެތުރިފައެވެ. ޢައުރަ ނިވާކުރުމަށް އަންގަވާފައިވާ ފަދައިން ބެލުންތައް ތިރިކުރުމަށް ވެސް އިސްލާމްދީނުގައި ވަނީ އަމުރު ކުރައްވާފައެވެ.
ޢަރަބިއްޔާ ސްކޫލް ދަރިވަރުން ޔުނީފޯމާއެކު: ފޮޓޯ- މިހާރު
ދައްކަން މިއުޅެނީ ސަރުކާރު ސްކޫލްތަކުގެ ރަސްމީ ޔުނިފޯމާއި އެކްޓިވިޓީ ޔުނިފޯމަށް 2027 އިން ފެށިގެން ގެންނަން ނިންމާފައިވާ ބަދަލުގެ ވާހަކައެވެ. އިސްލާމީ މުޖުތަމަޢެއްގައި މި ބަދަލަކީ ކޮންމެހެންވެސް ގެންނަންޖެހޭ ބޭނުންތެރި ބަދަލެއް ކަމުގައި އަޅުގަނޑު ދެކެމެވެ. އެގޮތުން ވަކި އުމުރުފުރާއަކުން ފެށިގެން ދަރިވަރުން ހަރުވާޅު ލާން ޖެހުމާއި ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް ހަދާފައިވުމަކީ ގިނަ ބެލެނިވެރިންނާއި އާންމުރައްޔިތުން އަދި ދަރިވަރުންވެސް ނުހަނު އުފާކުރާ ކަމެކެވެ. މިހާހިސާބުން ކޮންމެސް ބަޔަކު މިކަމުގައި ތާޢީދުކުރާ މީހުންނަކީ ހަރުކަށި ފިކުރުގެ މީހުން ކަމަަށްވެސް ބުނެފާނެއެވެ. މިހެން މިދެންނެވީ ޔުނީފޯމު އެޅުމުގެ އައު އުސޫލުގެ ޚަބަރުތަކާއި ލިޔުންތަކުގެ ކޮމެންޓުތަށް ނުވަތަ ޚިޔާލު ތަކުގެ ތެރޭގައި ދަރިވަރުންނަށް "މަޖުބޫރު ކޮށްގެން" ކަންކަން ކުރަން އުޅެނީކަމަށް ބުނެފައިވާ މީހުންގެ ޢަދަދު ގިނަކަމުންނެވެ. އަދި އެއީ ކުޑަ ކުދިންނާއި މުސްތަޤުބަލުގައި ޒުވާނުން ކަމުން އެބަޔަކު ބޭނުން ގޮތަކަށް ހެދުން އެޅުމުގެ އިޚްތިޔާރު އޮންނަން ވާނެ ކަމަށް ބުނެފައި ވެއެވެ. މިކަމުގައި ލާދީނިއްޔަތަށް ތާޢީދުކުރާ ގިނަ ބަޔަކުވެސް ހިމެނޭކަން މިފުރުސަތުގައި ފާހަގަކޮށްލަމެވެ.
ތަޢުލީމީ ވުޒާރާއިން އުޞޫލު އާންމު ކުރުމާއިއެކު ބޮޑެތި ސްޓޭޓަސްތަކާއި ކޮމެންޓުތަކުން މުޅި ޤައުމުގައި ހަމަނުޖެހުން ހިންގާ ހިސާބަށް މިވަނީ ގޮސްފައެވެ. މިކަން މިހިސާބަށް ދާނެޖެހޭ އެއްވެސް ސަބަބެއް ނުވިސްނެއެވެ. ސައްތައިން ސައްތަ މުސްލިމް ޤައުމެއްގައި ދިރިއުޅޭ ރައްޔިތުން އުފާ ފާޅުކޮށް މަރުޚަބާ ކިޔަން ޖެހޭ ހާލަތުގައި މިހާބޮޑު ޒުވާބެއް ކުރާތީ ހަމަ ހައިރާންވާހާވެއެވެ.
ކައްޗަށް އެޅި ބިންގަލެއް ކެއްޗާ ހަމައަށް ނެގިޔަސް އޮންނާނީ ކައްޗަށޭ ބުނަނީ އެކަމުގައި ހުރި "ސީރިއަސް" ކަމާއި ނުރައްކާތެރިކަން އަންގައިދިނުމަށް ކަމަށްވެސް ބެލެވިދާނެއެވެ. އެގޮތުން ދަރިންނާއި ދަރިވަރުން ތަރުބިޔަތުވާނީ އެކުދިން ޅައިރުއްސުރެ ހޭނި ގޮތަކަށްކަން ބަލާލި ކޮންމެ ދިމާއަކުންވެސް ފެންނަން އެބައޮތެވެ. އެހެންކަމުން މިއަދު ބޮޑެތިވަމުންއަންނަ ޅަދަރިންނަށް އިސްލާމީ ރިވެތި އުޞޫލު ދަސްކޮށްދިނުމާއި ދިނުގައި އަންގަވާފައިވާ ގޮތަށް ހެދުން އަޅަން ދަސްކޮށްދިނުމަކީ އެދަރިންގެ ބެލެނިވެރި ފަރާތްތަކުގެ ބޮޅުގަ އެޅިފައި އޮތް ބޮޑު ޒިންމާއެކެވެ. އެގޮތުން، ދިރިއުޅޭ ގޭތެރެއިން ފެށިގެން ސްކޫލާއި ޓިއުޝަން އަދި އެކުދިންނާ ގާތް ފަރާތްތަކަކީ އެކުދިންގެ ބެލެނިވެރި ފަރާތްތަކެވެ.

މިދެންނެވި ބެލެނިވެރި އެއް ފަރާތަކީ ސްކޫލްތަކުގެ ބެލެނިވެރި ފަރާތް ކަމުގައިވާ ތަޢުލީމީ ވުވާރާއެވެ. މި ވުޒާރާއިން ދާދި ފަހުން ދަރިވަރުންގެ ޔުނީފޯމު ބަދަލެއް ގެނައުމަށް ނިންމާ އެކަން ވަނީ އާންމުކޮށްފައެވެ. އެވުޒާރާއިން ޔުނީފޯމަށް ބަދަލު ގެނައުމަށް އާންމުކޮށްފައިވާ އައު އުސޫލުގައިވާ ގޮތުން ކީ ސްޓޭޖް-2 ނުވަތަ ގްރޭޑް ހަތަރަކުން މަތީގެ ދަރިވަރުންގެ ޔުނީފޯމާ އެކު، ހަރުވާޅު ލާން ޖެހޭނެ އެވެ. އަދި ގްރޭޑް ނުވައަކުން މަތީގެ ދަރިވަރުންނަށް ތުނބުޅި ބެހެއްޓޭ ގޮތަށް ވެސް ވަނީ ހަދައިފަ އެވެ. މިއީ އިސްލާމީ އިންތަކާއި ގާތަށް ދިއުމަށް ކުރަމުންދާ މަސައްކަތުގެ ތެރެއިން ނިންމަވާފައިވާ ނިންމެވުމެކެވެ. ޚާއްޞަކޮށް ދަރިވަރުންނަކީ މުޖުތަމަޢުގެ މުސްތަޤްބަލު ބިނާކުރާ ބައެއްކަމުން، އެކުދިންގެ ސުލޫކާއި ހެދުން އެޅުމުގައި އިސްލާމީ އުޞޫލުތަކަށް ތަބާވުމަކީ ދަރިވަރުންނަށާއި މުޖުތަމަޢަށް ވެސް ފައިދާހުރި ކަމެކެވެ.
ރާއްޖޭގައި ތަޢުލީމީ ނިޒާމުގެ ތެރެއިން ދަރިވަރުންގެ ޔުނިފޯމް އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާ އެއްގޮތް ކުރުމަށްޓަކައި، ތަޢުލީމީ ވުޒާރާއިން ވަނީ މުހިންމު ބަދަލުތަކެއް ގެނައުމަށް ނިންމާފައެވެ. މި ބަދަލުތަކުގެ މައިގަނޑު މަޤުޞަދަކީ ދަރިވަރުންގެ މެދުގައި އިސްލާމީ ކުރިއެރުވުމާއި، އެކުދިންގެ ރައްކާތެރިކަން ކަށަވަރުކުރުމެވެ. ދަރިވަރުން ޔުނިފޯމް އެޅުމުގައި އިސްލާމީ އުޞޫލުތަކަށް ސަމާލުކަން ދިނުމަކީ، އެކުދިންގެ ދިރިއުޅުމުގެ ކޮންމެ ކަމެއްގައި ވެސް ދީނީ އުޞޫލުތަކަށް ތަބާވުމުގެ ރޫޙު އާލާކުރުމަށް އެޅޭ މުހިންމު ފިޔަވަޅެކެވެ. ރާއްޖޭގައި ޔުނިފޯމަށް ގެނެވުނު ބަދަލުތަކަކީ މި މަޤްޞަދު ހާސިލުކުރުމަށްޓަކައި އެޅުނު ހަރުދަނާ ފިޔަވަޅެކެވެ. މީގެ ސަބަބުން ދަރިވަރުންގެ މެދުގައި ޢިއްފަތްތެރިކަމާއި، ދިރިއުޅުމުގެ ކަންކަމުގައި ދީނަށް އިސްކަންދިނުމުގެ ރިވެތި ސިފަތައް އަށަގަންނުވައި، ދީނީ ގޮތުން ހެޔޮލަފާ ޖީލެއް ބިނާކުރުމަށް ބާރު އެޅިގެންދާނެއެވެ.