ޚަބަރު
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑީއެމްޑީއަކަށް ޝަހީދު އިބްރާހީމް ޢައްޔަންކޮށްފި
ޝަހީދު އިބްރާހީމް/ފޮޓޯ: ވެމްކޯ
މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރަކަށް ޝަހީދު އިބްރާހީމް ޢައްޔަންކޮށްފި އެވެ.
ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީ އިން "އެކްސް" ގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑިރެކްޓަރުންގެ ބޯޑުގެ މެމްބަރުކަމުގެ މަޤާމަށް ބޭފުޅަކު ޢައްޔަނުކޮށްފައިވާ ކަމަށެވެ. އެގޮތުން، އެ މަޤާމަށް ޢައްޔަނުކޮށްފައި ވަނީ، ގއ. ދެއްވަދޫ، ނަސްރީނުވިލާ އަލްފާޟިލް ޝަހީދު އިބްރާހިމް ކަމަށް ޕީސީބީ އިން ވަނީ ވިދާޅުވެފައެވެ.
ޝަހީދު އިބްރާހިމް އަކީ، މީގެ ކުރިން ވެސް ދައުލަތުގެ ކުންފުންޏެއް ކަމަށްވާ ވޭސްޓް މެނޭޖްމަންޓް ކޯޕަރޭޝަން (ވެމްކޯ) ގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރުގެ މަޤާމު ފުރުއްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ. ޝަހީދު ވެމްކޯއަށް ޢައްޔަންކުރީ މިދިޔަ އަހަރުގެ އެޕްރީލް މަހުގެ 23 ވަނަ ދުވަހެވެ. އޭނާ ވެމްކޯގެ ޑީއެމްޑީގެ މަޤާމުން ވަކިކުރީ މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގައެވެ.
ޕްރޮގްރެސިވް ކޮންގްރެސް އޮފް މޯލްޑިވްސް (ޕީއެންސީ) ގެ ސެނެޓް މެންބަރެއްގެ ގޮތުގައި ހުންނެވި ޝަހީދަކީ ދިވެހި ސިފައިންގެ ޚިދުމަތުގައި ވެސް 17 އަހަރު ދުވަހު އުޅުއްވާފައިވާ ބޭފުޅެއްކަން ފާހަގަކޮށްލެވެއެވެ.