ޚަބަރު
2.5 ކިލޯގެ މަސްތުވާތަކެއްޗާ އެކު އަތުލައިގަތް މީހަކު ކުށަށް އިޢުތިރާފުވުމުން، 12 އަހަރަށް ޖަލަށް
ދިވެހިރާއްޖޭގެ ކްރިމިނަލް ކޯޓު. ފޮޓޯ: މޯލްޑިވްސް ޖަރނަލް.
ފަރުދުން
09 ޑިސެމްބަރު 2025، 03:10
09 ޑިސެމްބަރު 2025، 03:10
2.5 ކިލޯގެ މަސްތުވާތަކެއްޗާއި ގިނަ ޢަދަދެއްގެ ފައިސާއާ އެކު އަތުލައިގަތް މީހަކު އޭނާގެ އަމިއްލަ ކުށަށް އިޢުތިރާފުވުމުން، ޢުމުރު ދުވަހުގެ ޖަލު ޙުކުމުން ސަލާމަތްވެ، އޭނާގެ މައްޗަށް 12 އަހަރުގެ ޙުކުމެއް އިއްވައިފިއެވެ.
ދައުލަތުން ގ. މައްސާގުގޭ ޙުސައިން ޝާހްގެ މައްޗަށް ކެނެބިސް ޓްރެފިކްކުރުމުގެ ދަޢުވާ އުފުލީ ސެޕްޓެންބަރު 2020ގައި އޭނާ ދިރިއުޅޭ ގެއިންނާއި ގުޅުންހުރި އެހެނިހެން ތަންތަނުން ގިނަ ޢަދަދެއްގެ މަސްތުވާތަކެއްޗާއި، އެ ތަކެތި ކިރަން ބޭނުންކުރާ ސާމާނާއި، ފައިސާ ފެނިފައިވާތީއެވެ. އޭނާއާ ގުޅުންހުރި ތަންތަން ބަލާފާސްކުރުމުގެ ތެރޭގައި ޖުމްލަ 2.5 ކިލޯގެ ކެނެބިސް ވަނީ ފެނިފައެވެ.
އެ މައްސަލައިގައި ކެނެބިސް ޓްރެފިކްކުރުމުގެ ދަޢަވާއަށް އޭނާ ފުރަތަމަ އިންކާރުކުރި ނަމަވެސް، ފަހުން ދަޢުވާއަށް އިއުތިރާފުވެ، ދައުލަތާ އެކު އިޢުތިރާފުގެ އެއްބަސްވުމެއްގައި ސޮއިކުރިއެވެ. އެ ދަޢުވާއަކީ ހެކިޤަރީނާއިން ސާބިތުވެއްޖެ ނަމަ، 25 އަހަރުގެ ޖަލު ޙުކުމެއް އަންނަ ދަޢުވާއެއް ކަމުގައި ވިޔަސް، އަމިއްލައަށް އިޢުތިރާފުވެއްޖެ ނަމަ ޙުކުމް ލުއިކޮށްދެވޭ ކުށެކެވެ.
ވީމާ، މި މައްސަލައިގައި އަދަބެއްގެ ގޮތުން 12 އަހަރާއި 6 މަސް ދުވަހަށް ޖަލަށް ލުމަށާއި، 50،000ރ އިން ޖޫރިމަނާކުރުމަށް އަމުރުކޮށްފައިވެއެވެ. އަދި އޭނާގެ އަތުން ފެނުނު 61،230ރ. ދައުލަތަށް ނެގުމަށް ވަނީ އަމުރުކޮށްފައެވެ.
އެ މައްސަލާގައި ދަޢުވާލިބުނު ފަރާތް ބަންދުގައި ހުންނަތާ 5 އަހަރާއި 3 މަހާއި 4 ދުވަސް މިހާރު ވަނީ ވޭތުވެފައެވެ. ވީމާ، އެ މުއްދަތު އުނިކުރުމަށް ފަހު، އެ މީހާ ދެން ތަންފީޒުކުރަން ޖެހޭނީ 7 އަހަރާއި 2 މަހާއި 26 ދުވަހުގެ ޙުކުމެކެވެ.
މިފަދަ މައްސަލަތަކުގައި އަދަބު ކުޑަ ކުރެވޭ ގޮތަށް ދައުލަތާ އެކު އެއްބަސްވުން ހެދުމުގެ ފުރުޞަތު ކުރީން ޤާނުނުގެ ތެރެއިން ފަހިވެފައި އޮތް ނަމަވެސް، ދާދިފަހުން މަސްތުވާތަކެތީގެ ޤާނޫނަށް ގެނައި އިޞްލާޙުގައި އެކަން ވަނީ މަނާކޮށްފައެވެ.
ވީމާ، އެ އިޞްލާޙަށް ޢަމަލުކުރަން ފެށުމާ އެކު، އެ ފަދަ އެއްބަސްވުންތަކެއް ނުހެދޭނެއެވެ. މީގެ އިތުރުން، އަދަބުގެ ގޮތުގައި މިހާރު އިއްވާ ޢުމުރު ދުވަހުގެ ޖަލު ޙުކުމަކީ، 25 އަހަރުގެ ބަދަލުގައި މަރުވަންދެން ޖަލުގައި ބެހެއްޓުން ކަމަށް ވެސް ޤާނޫނަށް ގެނައި އިޞްލާޙުގައި ބަޔާންކޮށްފައި ވެއެވެ.