ޚަބަރު
ކަށިމިޔަރުގެ މަސްވެރިކަން ހުއްޓުވަން ހައިކޯޓަށް!
ކަށި މިޔަރު
ފަރުދުން
11 ޑިސެމްބަރު 2025، 12:29
11 ޑިސެމްބަރު 2025، 12:29
ރާއްޖޭގައި ކަށިމިޔަރުގެ މަސްވެރިކަމަށް ދީފައިއޮތް ހުއްދަ ބާތިލްކުރަން އެދި ހައި ކޯޓަށް ދުސްތޫރީ މައްސަލައެއް ހުށަހަޅައިފި އެވެ.
މި މައްސަލަ ހުށަހަޅާފައިވަނީ ތިމާވެށި ހިމާޔަތްކުރުމަށް ވަކާލާތުކުރާ ފަރާތެއް ކަމަށްވާ ހުމައިދާ އަބްދުލްޣަފޫރު އަދި މުހައްމަދު ސީނީންއެވެ. ހުމައިދާ މީގެ ކުރިންވެސް ވަނީ ގުޅިފަޅުން ބައެއް ހިއްކަން ފަށާފައިވާ މަޝްރޫއުގެ ސަބަބުން ތިމާވެށީގެ ގޮތުންނާއި، އިޖުތިމާއީ ގޮތުންނާއި، ތަފާތު އެކި ގޮތްގޮތުން ވެސް ރާއްޖެއަށް ބޮޑު ގެއްލުމެއް ލިބޭނެ ކަމަށް ބުނެ، އެ މަޝްރޫއު ހުއްޓުވަން ކޯޓަށް ހުށަހަޅާފައެވެ.
ސަރުކާރުން ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކޮށްފައިވަނީ އެކަމަށް ހާއްސަ އުސޫލެއްގެ ތެރެއިންނެވެ. އަދި ކޮންމެ އަހަރަކު، ގިނަވެގެން ހަތް މަސްދުވަހަށެވެ. ކަށިމިޔަރުގެ މަސްވެރިކަންކުރެވޭނެ ވަކި ދުވަސްވަރެއް ކަނޑައަޅައި ކޮންމެ ފަހަރަކު އިއުލާނުކުރާނެ އެވެ. މަސްވެރިކަމާ ބެހޭ ވުޒާރާއިން މިދިޔަ މަހު ވަނީ ކަށިމިޔަރު މަސްވެރިކަމުގެ ލައިސެންސް ދޫކުރުމަށް ހަމަޖެހިފައި ވަނީ ފުރަތަމަ ހުށަހަޅާ 40 ދޯންޏަށް ކަމަށް ހާމަކޮށްފައެވެ. އަދި މި މަސްވެރިކަން ކުރެވޭނީ އަހަރުގެ ޑިސެމްބަރު މަހުން ފެށިގެން ޖޫންމަހުގެ ނިޔަލަށް ކަމަށާއި، ލައިސަންސްދޭ އުޅަނދުތަކުގައި ލޮކޭޓިން ޑިވައިސްއެއް ހަރުކުރަން ޖެހޭނެ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.
ކަށިމިޔަރުގެ މަސްވެރިކަން ހުއްދަކުރާތީ، ގިނަ ޖަމިއްޔާތަކަކުން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، އެކަމާ ދެކޮޅަށް ޕެޓިޝަނެއްގައި ސޮއިކޮށްފައި ވެސް ވެއެވެ. އެ ޕެޓިޝަނުގައި ބުނެފައިވާ ގޮތުގައި މިޔަރުގެ މަސްވެރިކަން މަނާކޮށްފައި އޮތް އޮތުން ދެމެހެއްޓުމަކީ ރާއްޖޭގެ ރީތި ނަން ދަމަހައްޓައި މޫސުމަށް އަންނަ ނޭދެވޭ ބަދަލުތަކާ ގުޅިގެން ދުނިޔޭގެ އެކި ބައްދަލުވުންތަކުގައި ރާއްޖެއިން ވަކާލާތުކުރުމަށް ވެސް ބާރު ލިބޭނެ ކަމެކެވެ.
ނަމަވެސް މިކަމުގައި ގިނަ ބައެއްގެ ޚިޔާލު ތަފާތެވެ. އެގޮތުން މިއީ ކުރެވެން ޖެހޭކަމެއް ކަމަށާއި ކަށީ މިޔަރުގެ ސަބަބުން މަސްވެރިކަމަށްވެސް ބޮޑެތި ގެއްލުންތަކެއް ވަމުންދާކަމުގައި ގިނަބަޔަކު ބުނެފައިވެއެވެ.