Ads by Stelco

ޚަބަރު

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ހުއްދަ ނެތި ބޭނުންކުރުމަކީ މަނާކަމެއް: ވުޒާރާ

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ހުއްދަ ނެތި ބޭނުންކުރުމަކީ މަނާކަމެއް: ވުޒާރާ

ދަނޑުވެރިކަން ކުރަނީ/ފޮޓޯ: ސަންގު

ޙައްވާ ޒައިބާ މުޙައްމަދު

ޙައްވާ ޒައިބާ މުޙައްމަދު

11 ޑިސެމްބަރު 2025، 05:24

11 ޑިސެމްބަރު 2025، 05:24

ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ހުއްދަ ނެތި ބޭނުންކުރުމަކީ މަނާކަމެއްކަމަށް ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއިން ވިދާޅުވެއްޖެއެވެ. 

އެ ވުޒާރާއިން ވިދާޅުވީ، ދިވެހިރާއްޖެއަށް އެތެރެކުރެވޭ ޕެސްޓިސައިޑަށް ހުއްދަ ދެމުން ގެންދަނީ، ދިވެހިރާއްޖެއަށް އެތެރެކުރުން މަނާ ތަކެތީގެ ޤާނޫނުގެ ދަށުން ޚާއްޞަ ހުއްދައެއްގެ ދަށުން ދިފާޢީ ވުޒާރާއިން ކަމަށެވެ. އަދި ދިފާޢީ ވުޒާރާއިން ހުއްދަ ދޭއިރު ދަނޑުވެރިކަމާއި ބެހޭ ވުޒާރާގެ އިޢުތިރާޒެއްނެތްކަން ކަށަވަރުކުރަމުން ގެންދާ ކަމަށާއި، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާ ބެހޭ ޤާނޫނުގެ ދަށުން ހަދަންޖެހޭ، ހުއްދަ ދީފައިވާ ޕެސްޓިސައިޑުގެ ރަޖިސްޓަރީއެއް ހެދުމަށްފަހު އެ ވުޒާރާއިން ދިވެހި ސަރުކާރުގެ ގެޒެޓުގައި ޝާއިޢުކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

އެގޮތުން، މި ރަޖިސްޓަރީގައި WHO ޓޮކްސިޓީ ކިލާހުގައި ހިމެނޭ Ia އަދި Ib ގެ ވިހަގަދަ އެއްވެސް ޕެސްޓިސައިޑެއް ހިމަނާފައިނުވާނެ ކަމަށާއި، WHO ޓޮކްސިޓީ ކިލާސް II ގައި ހިމެނޭ ގިނަ ޢަދަދެއްގެ ޕެސްޓިސައިޑުގެ އިތުރުން ރޮޓަޑާމް ކޮންވެންޝަންގެ އެނެކްސް III ގައި ހިމެނޭ ޕެސްޓިސައިޑުތައް ވެސް ހިމަނާފައިނުވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ. އަދި މަސްމަހާމެއްސަށާއި، ޕެސްޓިސައިޑުން އަމާޒުކުރެވޭ ގެއްލުންދެނިވި ފަނިފަކުސަ ފިޔަވައި ވެށީގައި އުޅޭ އެހެން ދިރުންތަކަށް ވިހަގަދަ، އަދި ކެންސަރު ޖެހުމަށް މަގުފަހިވާ ގިނަ ޕެސްޓިސައިޑުތައްވެސް ހިމެނިފައިނުވެއެވެ. 

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ޕެސްޓިސައިޑު ބޭނުންކުރުމުގެ ސަބަބުން އިންސާނުންނަށާއި، ޖަނަވާރުންނަށާއި، އެއްގަމާއި ކަނޑުގެ ވެއްޓަށް ލިބިދާނެ ގެއްލުމަކުން ސަލާމަތްވުމަށް ބޭނުންވާނެ އެންމެހާ ސަލާމަތީ ފިޔަވަޅުތައް ޕެސްޓިސައިޑު ބޭނުންކުރާ އެންމެހާ ފަރާތްތަކުން އަޅަންވާނެ ކަމަށް ޤާނޫނުގައި ބަޔާންކޮށްފައިވާ ކަމަށާއި، ނުރަނގަޅު ގޮތުގައި ޕެސްޓިސައިޑު ބޭނުންކުރުމުގެ ސަބަބުން ލިބިދާނެ ހިރާސްތަކުން ރައްކާތެރިވުމަށްޓަކައި އޭގެ ބޭނުން ރަނގަޅުގޮތުގައި ހިފުމާ ގުޅޭގޮތުން ޕެސްޓިސައިޑު ގަނެ، އެބޭނުންކުރާ ފަރާތްތައް ހޭލުންތެރިވުމަށް ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާ ބެހޭ ޤަވާއިދުގައި ޕެސްޓިސައިޑު ވިއްކާ ފަރާތްތަކަށް ލާޒިމުކޮށްފައިވާ ކަމަށެވެ.

ހަމަ އެއާއެކު، އެ ވުޒާރާއިން ހިންގާ ދަނޑުވެރިކަމުގެ ތަމްރީނު ޕްރޮގުރާމްތަކުގައާއި، ދަނޑުވެރިކަން ކުރުމުގައި ގެންގުޅޭ ރަނގަޅު އާދަތަކަށް ދަނޑުވެރިން އަހުލުވެރިކުރުމުގެ ތަމްރީނު ޕްރޮގުރާމްތަކުގައި ވެސް ރަނގަޅުގޮތުގައި ޕެސްޓިސައިޑު ބޭނުންކުރުމާ ބެހޭ މަޢުލޫމާތު ދެމުންގެންދާ ކަމަށާއި، މިފަދަ ތަމްރީނު ޕްރޮގުރާމްތަކުގައި އިންޓްގްރޭޓެޑް ޕެސްޓް މެނޭޖްމަންޓްގެ (ގެއްލުންދެނިވި ފަނިފަކުސަ ކޮންޓްރޯލުކުރުމުގައި ގެންގުޅޭ އެކުވި ގޮތްތައް) ތިމާވެއްޓާ ރަށްޓެހި ބަޔޯޕެސްޓިސައިޑާއި، ބަޔޮލޮޖިކަލް އޭޖެންޓްސްއާއި، އިންސެކްޓް ޓްރެޕް ފަދަ މިނޫން ވެސް ގޮތްތަކުގެ ބޭނުންހިފުމަށް ބާރުއަޅާ އެފަދަ މަޢުލޫމާތުތައްވެ ސް ފޯރުކޮށްދޭކަމަށް އެ ވުޒާރާއިން ވިދާޅުވެއެވެ.

އެ ވުޒާރާއިން އިތުރަށް ވިދާޅުވީ، ދަނޑުވެރިކަމުގައި ބޭނުންކުރާ ޕެސްޓިސައިޑު ކޮންޓްރޯލުކުރުމާ ބެހޭ ޤާނޫނާ ޚިލާފަށް ޕެސްޓިސައިޑު ބޭނުންކުރުމަކީ ކުށެއް ކަމަށެވެ. ހަމަ އެހެންމެ، އެފަދަ ކުށްތަކަށް ޤާނޫނުގައި އަދަބު ކަނޑައެޅިފައިވާއިރު،  މި ޤާނޫނާ ޚިލާފަށް ކުރެވޭ ކަންކަން ރިޕޯޓުކުރުން ވެސް މިޤާނޫނުގެ ދަށުން ލާޒިމުކޮށްފައިވާކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން