ޚަބަރު
ދުވާފަރުގައި ގޭބިސީތަކުގެ ސޯލާ ޖެހުމުގެ ފުރުޞަތަށް އެދި ހުށަހަޅާ ޕޯޓަލް އިފްތިތާޙުކޮށްފި
ޕޯޓަލް އިފްތިތާހުކުރުން/ފޮޓޯ: ވުޒާރާ
ރ. ދުވާފަރުގައި އިޢާދަކުރަނިވި ހަކަތައިގެ މަޝްރޫޢު އިފްތިތާޙްކުރުމުގެ ގޮތުން ގޭބިސީތަކުގެ ސޯލާ ޖެހުމުގެ ފުރުޞަތަށް އެދި ހުށަހަޅާ "ހަކަތަ" ޕޯޓަލް އިފްތިތާޙުކޮށްދެއްވައިފި އެވެ.
މި ޕޯޓަލް އިފުތިތާޙްކުރުމަށް މިއަދު ދުވާފަރުގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި، ދައުލަތުގެ އިސްވެރިންގެ އިތުރުން ސަރުކާރު ހިއްސާވާ ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. މި ރަސްމިއްޔާތުގައި، މި ޕޯޓަލް ރަސްމީކޮށް އިފްތިތާޙުކޮށްދެއްވީ، ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފު ޢުމަރު އެވެ.
މި މަޝްރޫޢަކީ، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިންގ ކޮމްޕެނީ ޕލކ (އެމް.ޓީ.ސީ.ސީ) އާ ޙަވާލުކުރައްވައިގެން، ފަތުރުވެރިކަމާ ތިމާވެށްޓާ ބެހޭ ވުޒާރާއިން ކުރިއަށްގެންދަވާ މަޝްރޫޢެކެވެ. މި މަޝްރޫއުގެ ދަށުން ދުވާފަރުގައި އުފައްދާ ކަރަންޓުގެ 33 އިންސައްތަ 2026 ވަނަ އަހަރުގެ ނިޔަލަށް އިއާދަކުރަނިވި ހަކަތައަށް ބަދަލުކުރެވިގެންދާނެއެވެ.
މި މަޝްރޫޢުގެ ސަބަބުން ދުވާފަރުގެ ގޭބިސީތަކަށް އިޢާދަކުރަނިވި ހަކަތައިގެ މަންފާ ލިބި، ކަރަންޓަށް ކުރާ ހޭދަ ކުޑަކުރެވިގެންދާނެއެވެ. އަދި ޑީސަލް އަންދާ މިންވަރު ދަށްކުރެވި، ޖައްވަށް ބޭރުކުރާ ވިހަ ދުމުން ތިމާވެށި ރައްކާތެރިކުރުމަށް މަގުފަހިވެގެންދާނެއެވެ.