Ads by Stelco

ޚަބަރު

ދުވާފަރުގައި ޢިމާރާތްކުރާ 30 ކޮޓަރީގެ ދަނާލުގެ ޢަމަލީ މަސައްކަތް ފަށައިފި

ދުވާފަރުގައި ޢިމާރާތްކުރާ 30 ކޮޓަރީގެ ދަނާލުގެ ޢަމަލީ މަސައްކަތް ފަށައިފި

ދުވާފަރުގައި ބިނާކުރާ ދަނާލުގެ ޢަމަލީ މަސައްކަތް ފެށުން.

farudhun logo

ފަރުދުން

13 ޑިސެމްބަރު 2025، 05:12

13 ޑިސެމްބަރު 2025، 05:12

ރ. ދުވާފަރުގައި ޢިމާރާތްކުރާ ދަނާލުގެ ޢަމަލީ މަސައްކަތް ފަށައިފިއެވެ.

މި ދަނާލުގެ މަސައްކަތް ފަށާފައިވަނީ، ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުން ދުވާފަރަށް މިހާރު ކުރައްވަމުން ގެންދަވާ ރަސްމީ ދަތުރުފުޅުގެ ތެރެއިންނެވެ. މި ކަމަށްޓަކައި އެ ރަށުގައި އަދު ޚާއްޞަ ރަސްމިއްޔާތެއް ބާއްވާފައިވާއިރު، މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ބައިވެރިވެވަޑައިގެންފައެވެ.

ދުވާފަރުގައި ބިނާކުރާ ދަނާލުގެ ޢިމާރާތުގެ މަސައްކަތް ޢަމަލީ ގޮތުން އިފްތިތާޙުކޮށްދެއްވީ، މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ. މި މަޝްރޫޢު ޙަވާލުކޮށްފައިވަނީ، ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ "ހަފްތާ140"ގައި ހިމެނޭ ދަނާލު ބިނާކުރުމުގެ މަޝްރޫޢުގެ ދަށުން ރާއްޖޭގެ 4 ސަރަޙައްދެއްގައި ދަނާލު ބިނާކުރުމަށް ވަނީ ނިންމާފައެވެ. އޭގެ ތެރެއިން އެއް ސަރަޙައްދަކީ، ރ. ދުވާފަރެވެ. ރ. ދުވާފަރުގައި ދަނާލު ބިނާކުރުމަށް މި އަހަރުގެ ފެބްރުއަރީ މަހު އޮތީ ބިން ޙަވާލުކޮށްފައެވެ.

ދުވާފަރުގައި ޤާއިމުކުރާ ދަނާލުގެ ޢިމާރާތުގައި ފާޚާނާ ހިމެނޭހެން 30 ކޮޓަރިއާއި، ދަރިވަރުންގެ ކެއިންބުއިމުގެ ކަންކަން ކުރުމަށް ބަދިގެއަކާއި ކާގެއެއް ހިމެނެއެވެ. މީގެ އިތުރުން، އަންނައުނު ދޮންނަ ސަރަޙައްދަކާއި، ދަރިވަރުންގެ ޞިއްޙީ ދުޅަހެޔޮކަމަށް އެކި ކަހަލަ ކުޅިވަރު ކުޅޭނެ އިންތިޒާމުތައް ހަމަޖެއްސުމަށް ވަނީ ނިންމާފައެވެ. މީގެ އިތުރުން، ކުލާސްރޫމްތަކާއި، އައި.ސީ.ޓީ. ލެބަކާއި، އެޑްމިން އޮފީސް ހިމެނޭހެން ޓްރެއިނިންގ އޭރިއާއެއް ވެސް ވަނީ ހިމަނާފައެވެ.

މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވުޒާރާއިން ހާމަކުރާ ގޮތުގައި، ދަނާލު މަޝްރޫޢުގެ ސަބަބުން، އަމިއްލަ ރަށުން ލިބެން ނެތް މަތީ ތަޢުލީމުގެ ފުރުޞަތުތައް ހޯދުމަށް އެހެން ރަށްރަށަށް ދަތުރުކުރަން ބޭނުންވާ ދަރިވަރުންނަށް އެ ރަށްރަށަށް ގޮސް ޢާއިލާގެ މީހުންނާ އެކު އަގުހެޔޮކޮށް ތިބުމަށް ފަހިވެގެން ދާނެއެވެ. މި ކަމުގެ ސަބަބުން ގިނަ ދަރިވަރުންތަކަކަށް މަތީ ތަޢުލީމު ޙާޞިލުކުރުމަށް ފަސޭހަވެ، އެކަށޭނަ މާޙައުލެއްގައި ކިޔަވަން ތިބެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެއެވެ. އަދި އަގުހެޔޮ، ފެންވަރު ރަނގަޅު އެކޮމަޑޭޝަންގެ ފުރުޞަތު އެ ރަށްރަށުން ލިބިގެންދާނެ ކަމަށް ވެސް އެ ވުޒާރާއިން ހާމަކުރެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން