ޚަބަރު
މޯލްޑިވްސް ޔުނިވަރސަލް ހެލްތު ކަވަރޭޖް ފޯރަމް، ކުރުނބާ މޯލްޑިވްސްގައި ފަށައިފި
މޯލްޑިވްސް ޔުނިވަރސަލް ހެލްތު ކަވަރޭޖް ފޯރަމް، ކުރުނބާ މޯލްޑިވްސްގައި ފެށުން
ފަރުދުން
13 ޑިސެމްބަރު 2025، 06:13
13 ޑިސެމްބަރު 2025، 06:13
މޯލްޑިވްސް ޔުނިވަރސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫ.އެޗް.ސީ. ފޯރަމް) މިއަދު ފަށައިފިއެވެ.
އޭޝިއަން ޑިވެލޮޕްމަންޓް ބޭންކް (އޭ.ޑީ.ބީ.) އާއި ވޯލްޑް ހެލްތު އޮގަނައިޒޭޝަން (ޑަބްލިޔު.އެޗް.އޯ.) އާއި ޞިއްޙީ ވުޒާރާ ގުޅިގެން ރާއްޖޭގައި ފުރަތަމަ ފަހަރަށް ބާއްވާ މި ފޯރަމް ކުރިއަށް ދާނީ މި ޑިސެންބަރު މަހުގެ 13 އަދި 14 ވަނަ ދުވަހު (މިއަދާއި މާދަމާ) ކުރުނބާ މޯލްޑިވްސްގައެވެ.
ރާއްޖެއާއި ރާއްޖެއިން ބޭރުގެ ފަރާތްތައް ހިމެނޭހެން 100އަށް ވުރެ ގިނަ ބައިވެރީން މި ފޯރަމްގައި ޢަމަލީ ގޮތުން ޙިއްޞާވާނެއެވެ. މީގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރުން، ގުޅުން ހުރި އެހެން އިދާރާތަކާއި، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ޞިއްޙީ ދާއިރާއިން ތަޢުލީމާއި ތަމްރީނު ދީ ދިރާސާކުރާ ފަރާތްތަކާއި، މަދަނީ ޖަމްޢިއްޔާތަށް ހިމެނިގެން ވެއެވެ.
ރާއްޖެއިން ބޭރުން ބައިވެރިވާ ފަރާތްތަކުގެ ތެރޭގައި، އެ ޤައުމުތަކުގެ ތަޖުރިބާ ޙިއްޞާކުރުމަށް އިންޑިޔާ، ބޫޓާން، ސްރީލަންކާ، އިންޑޮނީޝިއާ އަދި ފިލިޕީންސް ހިމެނެއެވެ. އަދި، ބައިނަލްއަޤްވާމީ އިތުރު އެޖެންސީތަކުން ވެސް މި ފޯރަމްގައި ބައިވެރިވާނެއެވެ.
މި ފޯރަމްގެ މަޤްޞަދަކީ، އެކަށީގެންވާ ފެންވަރުގެ ޞިއްޙީ ޚިދުމަތް، ތަފާތުކުރުމެއް ނެތި، އެއްވެސް މީހަކު ބާކީ ނުވާނޭ ފަދައަކުން، ރާއްޖޭގެ ކޮންމެ ތަނަކުންމެ ފަސޭހަކަމާ އެކު ލިބޭނޭ ގޮތް ފަހިކޮށްދިނުމެވެ.
ރާއްޖެއިން ވަނީ ޔޫ.އެޗް.ސީ.ގައި ބޮޑެތި ކުރިއެރުންތަކެއް ހޯދައި، ގާތްގަނޑަކަށް 70 އިންސައްތައިގެ ސަރވިސް ކަވަރޭޖް އިންޑެކްސެއް ޙާޞިލުކޮށްފައެވެ.
ޞިއްޙީ ދާއިރާއިން ރާއްޖެ ހޯދާފައިވާ ކާމިޔާބީތަކަށް ބަލާއިރު، ރައްޔިތުންގެ ބައިވެރިވުމާ އެކު، ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ޙާލަތަށް ރިޢާޔަތްކޮށްގެން ޚިދުމަތް ދިނުމަށްޓަކައި، ރާއްޖޭގެ ހުރިހައި ޙިސާބެއްގައި ޕްރައިމަރީ ހެލްތު ކެއަރގެ އުޞޫލަށް ޚިދުމަތްތައް ބައްޓަންކުރުން ހިމެނެއެވެ. އަދި ހަމަ އެހެންމެ، ދުރާލައި ބަލިން ރައްކާތެރިވުމަށް "ޕްރިވެންޓިވް ހެލްތު ކެއަރ" ޕްރޮގްރާމްތައް ފެށުމާއި، މެޑިކަލް ޗެކަޕް ތަޢާރަފު ކުރުމާއި، އާސަންދައިގެ ނިޒާމަށް ގެނެވިފައިވާ ހެޔޮ ބަދަލު ވެސް ހިމެނިގެން ވެއެވެ.
އިމަރޖެންސީ ޞިއްޙީ ޚިދުމަތަށް ޚާއްޞަ މުއައްސަސާއެއް އުފައްދާ، ކުއްލި ޙާލަތުގައި ބަލިމީހުންނަށް އަވަހަށް ފަރުވާ ކަށަވަރުކުރުމަށް އެއާ އެމްބިއުލެންސްގެ ޚިދުމަތް ތަޢަރަފުކުރުމާއި، ބިދޭސީ މަސައްކަތްތެރީންގެ ޞިއްޙީ ކަންކަން ހަރުދަނާކުރުމާއި، މައިންނާއި ތުއްތު ކުދީންނަށް ލިބޭ ޞިއްޙީ ފަރުވާއާއި ޚިދުމަތުގެ ރެކޯޑްތަކާއި ޞިއްޙީ މަޢުލޫމާތު ހޯދާ ޢާންމު ފަރާތްތަކަށް ވެސް "މޯލްޑިވްސް އިންޓަރގްރޭޓެޑް ހެލްތު އިންފޮމޭޝަން ސިސްޓަމް" މެދުވެރިކޮށް ބެލޭނެ އިންތިޒާމު ރާއްޖެއިން ހަމަޖައްސާފައިވުމަކީ ވެސް، ޞިއްޙީ ދާއިރާގައި މި ފަހަކުން ލިބުނު ފާހަގަކޮށްލެވޭ ކާމިޔާބީތަކެކެވެ.