ދުނިޔެ
ޙަމާސްގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލައިފިކަމަށް އިޒްރާއިލް ސިފައިން ބުނެފި
ޙަމާސްގެ ހަނގުރާމަވެރިންތަކެއް
ޙަމާސްގެ އިސް ކޮމާންޑަރެއް ޝަހީދުކޮށްލައިފި ކަމަށް އިޒްރާއިލް ސިފައިން ބުނެފިއެވެ.
އިޒްރާއިލްގެ އަސްކަރިއްޔާއިން ބުނެފައި ވަނީ ޣައްޒާ ސިޓީއަށް ދިން ހަމަލާއެއްގައި ހަމާސްގެ އިސް ކޮމާންޑަރެއް ކަމަށްވާ ރާއިދު ސަޢަދު ޝަހީދުކޮށްލައިފައިވާ ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ދިން މި ހަމަލާގައި ފަސް މީހުން ޝަހީދުވެ، މަދުވެގެން 25 މީހުން ޒަޚަމްވެފައިވާ ކަމަށް ޣައްޒާގެ ޞިއްޙީ އިދާރާތަކުން ބުނެއެވެ.
ނަމަވެސް ޙަމާސްއިން ނެރުނު ބަޔާނެއްގައި ރާއިދު ސަޢަދުގެ ޝަހާދަތު ކަށަވަރުކޮށްދީފައެއް ނުވެއެވެ. އެ ބަޔާނުގައި ބުނެފައި ވަނީ ޣައްޒާ ސިޓީގެ ބޭރުގައި އާދައިގެ ރައްޔިތުން ދަތުރުކުރަމުން ދިޔަ އުޅަނދަކަށް ހަމަލާދީފައިވާ ކަމަށާއި، މިއީ އޮކްޓޯބަރު މަހު ބާއްވާފައިވާ ހަމަލާ ހުއްޓާލުމުގެ އެއްބަސްވުމާ ޚިލާފު ޢަމަލެއް ކަމަށެވެ.
އިޒްރާއިލްގެ އަސްކަރިއްޔާއިން ޓެލެގްރާމްގައި ކުރި ޕޯސްޓެއްގައި ތުހުމަތުކޮށްފައި ވަނީ، ސަޢަދު އަންނަނީ ހަމާސްގެ ޤާބިލުކަން އަލުން ބިނާކުރުމުގެ މަސައްކަތް ކުރަމުން ކަމަށެވެ. އެ ޤާބިލުކަން ވަނީ އިޒްރާއިލުން ދެ އަހަރަށް ވުރެ ގިނަ ދުވަހު ޣައްޒާގައި ހިންގަމުންދާ ނަސްލު ނައްތާލުމުގެ ހަނގުރާމައިގައި ވަރަށް ބޮޑަށް ދަށްވެފައިވާކަމަށެވެ. އަދި އޭނާ ސިފަކޮށްފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ 7 ވަނަ ދުވަހު އިޒްރާއިލަށް ދިން ހަމަލާތަކުގެ އެއް އާކިޓެކްޓެއްގެ ގޮތުގައެވެ.
ސަޢަދު ޝަހީދުވެއްޖެ ނަމަ، މިޝަހާދަތުވާނީ އޮކްޓޯބަރު މަހު ހަމަލާ ހުއްޓާލުމުގެ ވަގުތީ އެއްބަސްވުމެއް އައި ފަހުން ޙަމާސްގެ އެންމެ އިސް ޝަޚްސިއްޔަތެއް ޝަހީދުކޮށްލެވުނު ފަހަރަށެވެ.
އިޒްރޭލުގެ ދިފާޢީ އޮފިޝަލަކު ރޮއިޓަރސް ނިއުސް އެޖެންސީއަށް ބުނެފައި ވަނީ، މި ހަމަލާގެ އަމާޒަކީ ސަޢަދު ކަމަށާއި، އޭނާއަކީ ހަމާސްގެ ހަތިޔާރު އުފައްދާ ބައިގެ ވެރިޔާ ކަމަށެވެ. ހަމާސްގެ މަސްދަރުތަކުން އޭނާ ސިފަކޮށްފައި ވަނީ، ޢިއްޒުއްދީން އަލް-ޙައްދާދަށް ފަހު، އެ ޖަމާޢަތުގެ ހަތިޔާރުއެޅި ފިޔަވައްސުގެ ދެވަނަ ކޮމާންޑަރުގެ ގޮތުގައެވެ.
މި މަސްދަރުތަކުން ބުނާ ގޮތުގައި، ސަޢަދު ކުރިން ހުންނެވީ ހަމާސްގެ އެންމެ ބޮޑު އަދި އެންމެ ރަނގަޅަށް ސާމާނު ލިބިފައިވާ ޔުނިޓްތަކުގެ ތެރޭގައި ހިމެނޭ ޣައްޒާ ސިޓީ ބަޓޭލިއަންގެ ވެރިޔާގެ މަޤާމުގައެވެ. ވަފާ ނިއުސް އެޖެންސީއިން ރިޕޯޓްކޮށްފައި ވަނީ، ޣައްޒާ ސިޓީގެ ހުޅަނގު ފަރާތުގައި ހުންނަ ނާބުލްސީ ޖަންކްޝަންގައި ހުރި އުޅަނދަކަށް އިޒްރާއިލްގެ ޑްރޯނަކުން ހަމަލާދީފައިވާ ކަމަށާއި، އެ ހަމަލާގައި ގިނަ ބަޔަކު ޒަޚަމްވެފައިވާ ކަމަށެވެ.
އެ އެޖެންސީއިން ވަކި ޢަދަދެއް ރިޕޯޓްކޮށްފައެއް ނުވެއެވެ. އަދި އެ ހަމަލާއަކީ ޙަމާސްގެ މެންބަރު ޝަހީދުކޮށްލި ކަމަށް ތުހުމަތުކުރެވޭ ހަމަލާ ކަމެއް ވެސް ސާފެއް ނުވެއެވެ. ޣައްޒާގެ އިދާރާތަކުން ބުނާ ގޮތުގައި، އޮކްޓޯބަރު މަހު ހަމަލާ ހުއްޓާލި ފަހުން ވެސް އިޒްރާއިލުން އަންނަނީ ކޮންމެ ދުވަހަކުވެސް ޣައްޒާއަށް ހަމަލާދެމުންނެވެ. މިގޮތުން 800 އަށް ވުރެ ގިނަ ފަހަރު ހަމަލާދީ، މަދުވެގެން 386 މީހުން ޝަހީދުކޮށްލައިފައިވާ ކަމަށާއި، މިއީ އެއްބަސްވުމާ ޚިލާފު ކަމެއް ކަމަށެވެ. އިޒްރޭލުން އަދިވެސް ވަނީ އެ ސަރަހައްދަށް އެހީގެ ގިނަ ޓްރަކްތައް ވަނުން މަނާކޮށްފައެވެ.
ފާއިތުވި ހުކުރު ދުވަހު އ.ދ.ގެ ޢާންމު މަޖިލީހުން ވަނީ އިޒްރާއިލަށް ގޮވާލައި ގަރާރެއް ފާސްކޮށްފައެވެ. އެ ގަރާރުގައި ބުނެފައި ވަނީ ޣައްޒާގެ ރައްޔިތުންނަށް އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީ ފޯރުކޮށްދިނުމަށް ހުޅުވާލުމަށާއި، އ.ދ.ގެ އިމާރާތްތަކަށް ހަމަލާދިނުން ހުއްޓާލުމަށާއި، އަދި ޤަބޫލުކުރެވޭ ބާރެއްގެ ގޮތުގައި އޭގެ ޒިންމާތަކާ އެއްގޮތަށް ބައިނަލްއަޤްވާމީ ޤާނޫނުތަކަށް ތަބާވުމަށެވެ.