Ads by Stelco

ޚަބަރު

ޒުވާނުންނާ ގުޅޭ ކަންކަމަށް ޚާއްޞަ ނޭޝަނަލް ކެރިއަރ ސާރވިސްގެ ގޮތްޕެއް އައްޑޫ ސިޓީގައި ހުޅުވައިފި

ޒުވާނުންނާ ގުޅޭ ކަންކަމަށް ޚާއްޞަ ނޭޝަނަލް ކެރިއަރ ސާރވިސްގެ ގޮތްޕެއް އައްޑޫ ސިޓީގައި ހުޅުވައިފި

އައްޑޫ ސިޓީގައި ނޭޝަނަލް ކެރިއަރ ސާރވިސްގެ ގޮތްޕެއް ހުޅުވުން / ފޮޓޯ: މަތީ ތަޢުލީމާ ބެހޭ ވުޒާރާ

farudhun logo

ފަރުދުން

14 ޑިސެމްބަރު 2025، 09:03

14 ޑިސެމްބަރު 2025، 09:03

ޒުވާނުންނާ ގުޅޭ ކަންކަމަށް ޚާއްޞަ، ނޭޝަނަލް ކެރިއަރ ސާރވިސްގެ ގޮތްޕެއް އައްޑޫ ސިޓީގައި މިއަދު ހުޅުވައިފިއެވެ.

މިކަމަށްޓަކައި އައްޑޫގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި މި ގޮފި ހުޅުވާ ދެއްވީ މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ވަޒީރު ހައިދަރު ވިދާޅުވީ، ނޭޝަނަލް ކެރިއަރ ސާރވިސްއަކީ ޒުވާނުންގެ ކުރިމަގާ ގުޅޭ ކަންކަމުގައި ޒުވާނުންނަށް މިތުރެއް ކަމަށާއި، އެ ސެންޓަރުގެ ޒަރިއްޔާއިން ވަޒީފާ ހޯދާ ފަރާތްތަކަށް، ވަޒީފާ ދޭ ކުންފުނިތަކާއި، ތަމްރީނުދޭ މަރުކަޒުތަކާއި، ހުނަރު އިތުރު ކުރުމުގެ ފުރުޞަތުތަކާ ގުޅުވައިދޭނެ ކަމަށެވެ. އަދި މިއީ ބަދަލުވަމުންދާ ވަޒީފާގެ ދުނިޔެއަށް ހޭނި ކުރިއަށް ދިއުމަށް، އައްޑޫ ސިޓީގެ ޒުވާނުންނަށް ވަރަށް ބޮޑު އެހީއަކަށްވާނެ ކަމެއްކަމަށް ވެސް ވަޒީރު ވިދާޅުވިއެވެ. 

"ވަޒީފާއަކީ އިންސާނާގެ ޢިއްޒަތާއި، މަޤުޞަދާއި، މުޖުތަމަޢަށް ދެވޭ ދައުރާ ގުޅިފައިވާ ކަމެއް. ނޭޝަނަލް ކެރިއަރ ސަރވިސަސްގެ ޒަރީޢާއިން ވަޒީފާ ހޯދާ ފަރާތްތަކަށް ވަޒީފާ ދޭ ކުންފުނިތަކާއި، ތަމްރީނު ދޭ މަރުކަޒުތަކާއި، ހުނަރު އިތުރު ކުރުމުގެ ފުރުޞަތުތަކާ ގުޅުވައިދެވޭނެ. ޚާއްސަކޮށް އައްޑޫސިޓީގެ ޒުވާނުންނަށް، ބަދަލުވަމުންދާ ވަޒީފާގެ ދުނިޔެއަށް ހޭނި، ކުރިއަށް ދިއުމަށް މިއީ ވަރަށް ބޮޑު އެހީއަކަށްވާނެ." މަތީ ތަޢުލީމާއި މަސައްކަތްތެރިކަމާއި ހުނަރުތައް ތަރައްޤީކުރުމާ ބެހޭ ވަޒީރު ޑރ. ޢަލީ ޙައިދަރު އަޙްމަދު ވިދާޅުވިއެވެ.

ނޭޝަނަލް ކެރިއަރ ސަރވިސްގެ މައިގަނޑު މަޤްސަދަކީ، ޒުވާނުން ކުރިޔަށްދާނެ ދާއިރާތަކާއި ގުޅޭގޮތުން އިރުޝާދު ދިނުމާއި، ވަޒީފާގެ ބާޒާރަށް ތައްޔާރު ކޮށްދިނުމުގެ އިތުރުން ވަޒީފާ ހޯދުމަށް އެހީތެރިވުމެވެ. އަދި ދިވެހިރާއްޖޭގެ ތަޢުލީމީ ނިޒާމާއި، ވަޒީފާގެ ބާޒާރާ ދެމެދު ގުޅުން ޤާއިމްކޮށް، ޒުވާނުންނަށް ބޭނުންވާ ހުނަރުތައް ދަސްކޮށްދީ، އެކުދިންގެ ޤާބިލިއްޔަތު އިތުރު ކުރުމަކީވެސް ނޭޝަނަލް ކެރިއަރ ސަރވިސްގެ ބޭނުމެކެވެ. މިގޮތުން، ޒުވާނުންނަށް ބޭނުންވާ ތަމްރީނުތައް ދީ، ވަޒީފާއަށް އަހުލުވެރި ކުރުވައި، ރާއްޖޭގެ އިޤްތިޞާދަށް ފައިދާކުރުވަނިވި މަސައްކަތްތެރިން ބިނާކުރުމަށް އެން.ސީ.އެސްއިން މުހިންމު ދައުރެއް އަދާކުރެއެވެ.

2024 ވަނަ އަހަރު ނެޝަނަލް ޖޮބް ސެންޓަރގެ މެންޑޭޓަށް ގެނައި ބަދަލުތަކާއެކު ނޭޝަނަލް ކެރިއަރ ސާރވިސްއަށް ބަދަލުކުރެވި ކުރަން ފެށި މަސައްކަތުން މިހާރު މާލެ ސަރަޙައްދު ފިޔަވާ ރާއްޖޭގެ 4 އަތޮޅެއްގައި ދަނީ ޚިދުމަތް ދެމުންނެވެ. މި ވޭތުވެދިޔަ 2 އަހަރުގެ ތެރޭގައި 14 އަތޮޅެއްގައި ކެރިއަރ ގައިޑެންސް އަދި އެހެނިހެން ސެޝަންތައް ވަނީ ބާއްވާފައެވެ. 2 އަހަރުގެ ތެރޭގައި 916 ކުދިންނަށް ކެރިއަރ ގައިޑަންސް ދީފައިވާއިރު، 20 ފަރާތަކަށް އެކިކަހަލަ އިންޓާންޝިޕްގެ ފުރުޞަތުތައް ދީފައިވެއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން