Ads by Stelco

ޚަބަރު

ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިޔަން ރުފިޔާގެ ކެނަބިސް އަތުލައިގެންފި

ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިޔަން ރުފިޔާގެ ކެނަބިސް އަތުލައިގެންފި

ކަސްޓަމްސްއިން 2.4 މިލިޔަން ރުފިޔާގެ ކެންބިސް އަތުލައިގެންފި

farudhun logo

ފަރުދުން

15 ޑިސެމްބަރު 2025، 05:29

15 ޑިސެމްބަރު 2025، 05:29

ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނު 2.4 މިލިޔަން ރުފިޔާގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފިއެވެ.

މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން ހާމަކުރި ގޮތުގައި، ވައިގެމަގުން ރާއްޖެ އެތެރެކުރަން އުޅުނީ ކެނަބިސް ފަތްތަކެކެވެ.

ކަސްޓަމްސްއިން ޢާންމުކޮށްފައިވާ ތަފްޞުލުތަކުގައި ބުނީ، އަތުލައިގަތް މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 3 ކިލޯގްރާމް (3050 ގްރާމް) ކަމަށެވެ. އަދި މި ތަކެތީގެ މަގުމަތީ އަގު ގާތްގަނޑަކަށް 2.4 މިލިއަން ދިވެހި ރުފިޔާއަށް އަރާ ކަމަށް ކަސްޓަމްސްއިން ބުނެއެވެ.

މި ތަކެތި އަތުލައިގެންފައިވަނީ، މި މަހުގެ 13ވަނަ ދުވަހު ވެލާނާ ބައިނަލްއަޤުވާމީ ވައިގެބަނދަރުންނެވެ. މި ކަމާ ގުޅޭ އިތުރު ތަފްޞީލެއް ކަސްޓަމްސްއިން ހާމަކޮށްފައެއް ނުވެއެވެ.

ރާއްޖެ އެތެރެކުރަން އުޅުނު ގިނަ ޢަދަދެއްގެ މަސްތުވާތަކެތި ކަސްޓަމްސްއިން އަތުލައިގެންފައިވާއިރު، ރާއްޖެއަކީ މަސްތުވާތަކެތީގެ ވަބާއިން ސަލާމަތްވެފައިވާ ތަނަކަށް ހެދުމަށް ސަރުކާރުން އަންނަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

އެ ގޮތުން، ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރާ މީހުންނަށް މަރުގެ އަދަބު ދޭ ގޮތަށް މަސްތުވާތަކެއްޗާ ބެހޭ ޤާނޫނު އިޞަލާޙުކުރުމުގެ ބިލެއް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ތަޞްދީޤުކުރައްވާފައެވެ. މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، 350 ގްރާމަށް ވުރެ އިތުރު މިންވަރެއްގެ ކެނަބިސް، 250 ގްރާމަށްވުރެ އިތުރު މިންވަރެއްގެ ޑައިފޯމިން، އަދި އެ ނޫން ބާވަތެއްގެ މަސްތުވާތަކެތި 100 ގްރާމަށް ވުރެ އިތުރު މިންވަރަކަށް އެތެރެކޮށްފި ނަމަ، މަރުގެ އަދަބު ދެވޭނެއެވެ.

މީގެ އިތުރުން، ރާއްޖެއަށް ވައިމަގުންނާއި، ކަނޑުމަގުން އެތެރެކުރާ މަސްތުވާތަކެތި ހުއްޓުވުމަށް ކަސްޓަމްސް އޮފިސަރުންނާއި، ފުލުހުންނަށް ލިބޭ ބާރުތައްވެސް މި ބިލުގެ ދަށުން ވަނީ ވަރުގަދަ ކޮށްފައެވެ.



Ads by MSS

މި ލިޔުން ކިޔާލުމުން

ކިޔުންތެރިންގެ ހިޔާލު
450