ދުނިޔެ
އިޒްރާއިލުން ޙަމާސްގެ ކޮމާންޑަރ ރާއިދު ސަޢުދު ޝަހީދުކޮށްލައިފައިވާ ކަން ޙަމާސްގެ ހަނގުރާމަވެރި ފިޔަ އަލް ޤައްސާމް އިން ކަށަވަރުކޮށްދީފި
ޙަމާސްގެ ކޮމާންޑަރ ރާއިދު ސަޢުދު
ޙަމާސްގެ ޖިހާދީ ޙަރަކާތުގެ އަސްކަރީ ފިޔަ، އަލް-ޤައްސާމް ބްރިގޭޑްސް އިން ހޮނިހިރު ދުވަހު އެ ޖަމާޢަތުގެ އިސް ކޮމާންޑަރެއް ކަމަށްވާ ރާއިދު ސަޢުދު، އިޒްރާއީލުން ޣައްޒާގައި ދިން ޙަމަލާއެއްގައި ޝަހީދުކޮށްލާފައިވާކަން ކަށަވަރުކޮށްދީފިއެވެ.
އަލް-ޤައްސާމް އިން ބުނި ގޮތުގައި އިޒްރާއީލުގެ މި ޙަމަލާއަކީ ޓްރަމްޕްގެ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ ސީދާ ޚިލާފުވުމެކެވެ.
އަލް-ޤައްސާމް އިން ބުނެފައިވަނީ އިޒްރާއީލުން އެ ޖަމާޢަތުގެ ލީޑަރުންނާއި އާންމު ރައްޔިތުންނަށް އަމާޒުކޮށް ހިންގި މި ޙަމަލާއިން ހުރިހާ ރަތް ރޮނގެއް ހުރަސްކޮށްފައިވާ ކަމަށެވެ. އަދި ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވީ ނަމަވެސް އިޒްރާއީލުން ޢުދުވާންތައް ހުއްޓާނުލާ ކުރިއަށް ގެންދާ ކަމަށް އެ ޖަމާޢަތުން ފާހަގަކުރިއެވެ.
އަލް-ޤައްސާމް އިން ބުނެފައިވަނީ އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހުށަހެޅުއްވި ހަނގުރާމަ ހުއްޓާލުމުގެ ޕްލޭނަށް އިޒްރާއީލުން އިޖާބަދީފައިނުވާ ކަމަށާއި، މިކަމުގެ ޒިންމާ ޓްރަމްޕާއި މެދުވެރިން އުފުލަން ޖެހޭނެ ކަމަށެވެ. އަލް-ޤައްސާމް އިން ބުނެފައިވަނީ މި ޙަމަލާއަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަށް އިޒްރާއީލުން ދެވިހިފައިފައިވާކަން ސާބިތުކޮށްދޭ ދެވަނަ ހެއްކެއް ކަމަށެވެ. އަދި މި ކަންތައް ކާމިޔާބުވުމަކީ ޙަމާސްގެ ލީޑަރޝިޕް އަށް ލިބުނު ބޮޑު ގެއްލުމެއް ކަމަށްވެސް އެ ޖަމާޢަތުން ފާހަގަކުރިއެވެ.
އިޒްރާއީލުގެ އަސްކަރިއްޔާއިން ވަނީ ޝިން ބެޓް ސެކިއުރިޓީ އެޖެންސީއާ ގުޅިގެން މި ޙަމަލާ ދިންކަން އެއްބަސްވެފައެވެ. އެމީހުން ދަޢުވާކުރީ މި ޙަމަލާ އަމާޒުކުރީ ޣައްޒާ ސިޓީގައި ހުރި ޙަމާސްގެ އިސް ލީޑަރަކަށް ކަމަށެވެ. ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި ދިފާޢީ ވަޒީރު އިޒްރާއީލް ކާތްޒް ބުނެފައިވަނީ މި ކަންތައްތައް ހިންގުމަށް އަމުރުކުރެއްވީ އެ ދެބޭފުޅުން ކަމަށެވެ.
ރާއިދު ސަޢުދަކީ ކާކު؟
ރާއިދު ސަޢުދަކީ އަލް-ޤައްސާމް ބްރިގޭޑްސްގެ ތާރީޚީ ގޮތުން އެންމެ ފާހަގަކޮށްލެވޭ ކޮމާންޑަރުންގެ ތެރޭގައި ހިމެނޭ ބޭފުޅެކެވެ. އޭނާ ވަނީ ޙަމާސްގެ ޢަސްކަރީ އޮނިގަނޑުގެ ތެރޭގައި ގިނަ މުހިންމު މަޤާމުތަކެއް ފުރުއްވާފައެވެ. އޭނާ ކުރިން ޣައްޒާ ސިޓީ ބްރިގޭޑްގެ ކޮމާންޑަރުކަން ކުރެއްވިއެވެ. އަދި އޭގެ ފަހުން އަސްކަރީ އުފެއްދުންތަކުގެ އިސްވެރިޔާގެ މަޤާމު ފުރުއްވިއެވެ.
އޭނާ ފަހުން ޖެނެރަލް މިލިޓަރީ ކައުންސިލްގެ އޮޕަރޭޝަންތަކުގެ އިސްވެރިޔާގެ މަޤާމު އަދާކުރެއްވިއެވެ. ނަމަވެސް ފަހުން މި މަސްއޫލިއްޔަތު މުޙައްމަދު ސިންވާރަށް ބަދަލުކުރިއެވެ. އެހެންނަމަވެސް ސަޢުދު ވަނީ އެ ޙަރަކާތުގެ ތެރޭގައި އިސް ފަރާތެއްގެ ގޮތުގައި ދެމިހުރެފައެވެ.
ރާއިދު ސަޢުދު އުފަންވެފައިވަނީ 1972 ވަނަ އަހަރުގެ އޮގަސްޓް މަހުގެ 15 ވަނަ ދުވަހު ޣައްޒާ ސިޓީގައެވެ. އޭނާ ވަނީ 1993 ވަނަ އަހަރު އިސްލާމިކް ޔުނިވަރސިޓީ އޮފް ޣައްޒާ އިން ޝަރީޢާގެ ދާއިރާއިން ބެޗްލަރސް ޑިގްރީ ހާސިލުކުރައްވާފައެވެ. އެ ދުވަސްވަރު އޭނާ ވަނީ ޙަމާސްގެ އިސްލާމިކް ބްލޮކްގައި ހަރަކާތްތެރިވެފައެވެ. އަދި 2008 ވަނަ އަހަރު އެ ޔުނިވަރސިޓީ އިން ޝަރީޢާގެ ދާއިރާއިން މާސްޓަރސް ޑިގްރީ ހާސިލުކުރެއްވިއެވެ.
ސަޢުދު ވަނީ ކުޑައިރުއްސުރެ ޙަމާސްގެ އަސްކަރީ ފިޔައާ ގުޅިވަޑައިގެންފައެވެ. 1987 ވަނަ އަހަރު ފެށުނު ފުރަތަމަ އިންތިފާޟާގެ ދުވަސްވަރުއްސުރެ އިޒްރާއީލުގެ ފައުޖުތަކުން އޭނާ ހޯދަމުން ދިޔައެވެ. އަދި އޭނާ ވަނީ ގިނަ ފަހަރު ހައްޔަރުކޮށްފައިވެސް މެއެވެ. 2007 ވަނަ އަހަރު އޭނާ ނޮދަން ޣައްޒާ ބްރިގޭޑްގެ ކޮމާންޑަރަކަށް ވެވަޑައިގެންނެވިއެވެ.
އަދި އަލް-ޤައްސާމްގެ ކަނޑުގެ ފައުޖު (ނޭވަލް ފޯސް) އުފެއްދުމުގައި އެހީތެރިވެދެއްވިއެވެ. 2015 ވަނަ އަހަރު އޭނާ އޮޕަރޭޝަންތަކުގެ އިސްވެރިޔާގެ މަޤާމަށް ވަޑައިގެންނެވިއެވެ. އަދި 2012 އާއި 2021 އާ ދެމެދު މުޙައްމަދު ދެއިފް އާއި މަރުވާން ޢީސާއާ އެކު ކުޑަ އަސްކަރީ ކައުންސިލެއްގައި މަސައްކަތްކުރެއްވިއެވެ.
އިޒްރާއީލުން ދަޢުވާކުރާ ގޮތުގައި، ސަޢުދު ވަނީ "އަލް-އަޤްޞާ ފްލަޑް" އޮޕަރޭޝަނަށް ހަނގުރާމައިގެ ރޭވުންތަކާއި ސްޓްރެޓީޖިކް ތައްޔާރީތައް ބެލެހެއްޓުމުގައި އިސްކޮށް ހަރަކާތްތެރިވެފައެވެ. އަދި އެލިޓް ޔުނިޓްތައް ޑިޒައިންކުރުމުގައި އެހީތެރިވެފައިވާ ކަމަށްވެސް އިސްރާއީލުން ބުނެއެވެ. އިޒްރާއީލުން 2024 ވަނަ އަހަރުގެ މާޗް މަހު އަލް-ޝިފާ ހޮސްޕިޓަލަށް ދިން ޙަމަލާގެ ތެރެއިން ސަޢުދު ހައްޔަރުކުރި ކަމަށް ދޮގު ދަޢުވާއެއް ކުރިއެވެ. ނަމަވެސް ފަހުން އެ ދަޢުވާ ދޮގުކަމަށް އެއްބަސްވިއެވެ. އިޒްރާއީލުން ވަނީ ޣައްޒާގެ ނަސްލު ނައްތާލުމުގެ ޢަމަލުތަކުގެ ތެރޭގައި އޭނާ ޤަތުލުކުރުމަށް ގިނަ ފަހަރު މަސައްކަތްކޮށްފައެވެ. އިޒްރާއީލުގެ އަސްކަރިއްޔާގެ ރޭޑިއޯއިން ބުނި ގޮތުގައި، 2025 ވަނަ އަހަރުގެ އޮކްޓޯބަރު މަހު ހަނގުރާމަ ހުއްޓާލުމަށް ފަހުވެސް ދެ ފަހަރެއްގެ މަތިން އޭނާ ޝަހީދުކުރުމަށް މަސައްކަތްކޮށްފައިވެއެވެ.
އިޒްރާއީލުގެ އަސްކަރިއްޔާއިން ވަނީ ސަޢުދު ހޯދައިދޭ ފަރާތަކަށް 800،000 ޑޮލަރުގެ އިނާމެއް ދޭނެ ކަމަށްވެސް އިއުލާނުކޮށްފައެވެ.
ރާއިދު ސަޢުދު ޝަހީދުކޮށްލުމަކީ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރާއީލުން ޚިލާފުވިކަން ސާބިތުކޮށްދޭ ކަމެއް ކަމަށް އަލް-ޤައްސާމް އިން ބުނެއެވެ. އަދި އެ ޖަމާޢަތުން ވަނީ ހުރިހާ ވަސީލަތެއް ބޭނުންކޮށްގެން ދިފާޢުވުމުގެ ޙައްޤު އެ ޖަމާޢަތަށް ލިބިގެންވާކަން ކަށަވަރުކޮށްދީފައެވެ. މީގެ އިތުރުން، ސަޢުދުގެ ބަދަލުގައި އެހެން ކޮމާންޑަރެއް އައްޔަންކޮށްފައިވާކަންވެސް އަލް-ޤައްސާމް އިން ވަނީ އިއުލާނުކޮށްފައެވެ.