Ads by Stelco

ޚަބަރު

ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަމުން، ރާއްޖޭގެ ދުސްތޫރު ނަގަހައްޓަމުން އަންނަ މުއައްސަސާއެއް: ވަޒީރު

ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަމުން، ރާއްޖޭގެ ދުސްތޫރު ނަގަހައްޓަމުން އަންނަ މުއައްސަސާއެއް: ވަޒީރު

ވަޒީރު އިޙްސާން 41ވަނަ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުގެ ނިންމުން ޝަރަފުވެރިކޮށްދެއްވުން: ފޮޓޯ- ފުލުހުން

farudhun logo

ފަރުދުން

16 ޑިސެމްބަރު 2025، 10:52

16 ޑިސެމްބަރު 2025، 10:52

ފުލުހުންގެ ޚިދުމަތަކީ ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަމުން އަދި ރާއްޖޭގެ ދުސްތޫރު ނަގަހައްޓަމުން އަންނަ މުއައްސަސާއެއްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެއްޖެއެވެ. 

41ވަނަ ފުލުހުންގެ އަސާސީ ތަމްރީން ޕްރޮގްރާމުގެ ނިންމުން ޝަރަފުވެރިކޮށްދެއްވާ ވާހަކަ ދައްކަވަމުން ވަޒީރު ވިދާޅުވީ ރާއްޖޭގެ ކޮންމެ ރައްޔިތަކު އެދެނީ ރާއްޖޭގެ ކޮންމެ ރަށަކީ ނުވަތަ ކޮންމެ އަނދިރި ހިސާބަކީ ރައްކާތެރިކަން ކަށަވަރުވެފައި އޮންނަ ތަނަކަށް ވެފައި އޮތުމުގެ ޔަގީންކަން ކަމަށެވެ. އެގޮތުން، ތަމްރީނަށްފަހު ފުލުހުންގެ ޚިދުމަތާއި ގުޅޭ އޮފިސަރުންވެސް އެންމެ އިސްކަމެއްދޭންވާނީ ރާއްޖޭގައި ކުރާ ބޮޑެތި ކުށްތަކާ ދެކޮޅަށް މަސައްކަތްކޮށް، ރައްޔިތުން އެދޭ މިންވަރަށް ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްކަމަށް ދާޚިލީ ސަލާމަތާއި ފަންނިއްޔަތާ ބެހޭ ވަޒީރު އަލީ އިޙްސާން ވިދާޅުވެފައި ވެއެވެ. 

އަދި ސަރުކާރުގެ ސިޔާސަތު މި ދާއިރާއިން ގެންގުޅެމުންދަނީ މައިގަނޑު 4 ސިޔާސަތެއްގެ މައްޗަށްކަން ފާހަގަކުރައްވާ ވަޒީރު ވިދާޅުވީ މިއިން ކޮންމެ ކަމެއް ގޮސް ގުޅެނީ ރައްޔިތުންނަށް ބޭނުންވާ ސަލާމަތާ ރައްކާތެރިކަން ކަށަވަރުކޮށްދިނުމަށް ކަމަށެވެ. ރައްކާތެރިކަމުގެ އިޙުސާސު ކޮންމެ ރައްޔިތެއްގެ ހިތުގައި ނުއުފުދޭހާ ހިނދަކު އެ ޢަމާޒަށް ވާސިލު ނުވެވޭނެކަމަށް ވަޒީރު ވިދާޅުވިއެވެ.

ޚާއްސަ މިޝަން ސެޓެއް ސިޔާސަތުގެތެރޭގައި އެބަ ހިމެނޭ. ރާއްޖެއިން ޑްރަގްގެ ވަބާ އެއްކޮށް ނައްތާލުމާއި ގޭންގް ހަދައިގެން ކުށްކުރަމުން އަންނަ ގްރޫޕްތައް އެއްކޮށް ޤާނޫނުގެ ކުރިމައްޗަށް ގެނެސް އަދި އެމީހުންގެ ކިބައިމް މި މުޖުތަމަޢު ސަލާމަތްކުރުމާއި، ޤަވައިދާ ޚިލާފައި އުޅެމުންދާ ބިދޭސީންގެ މައްސަލަ އެއްކޮށް ޙައްލުކުރުމާއި އަދި ހަމައެއާއެކު ކުށުގެ މާޙައުލުގައި އުޅެމުންދާ ތުއްތު ކުދިން ކުށުގެ މާހައުލުން ނެރެ އެ ކުދިން ކުށުގެ ވެށިން ސަލާމަތްކުރުން. މިއީ ތިޔަ ފުލުހުން މާދަމާއިން ފެށިގެން ކުރަންވީ ޚާއްސަ މަސައްކަތްތައް. 

ވަޒީރު ވިދާޅުވިއެވެ. 

ވަޒީރު ވަނީ މި މިޝަންތައް ހާސިލް ކުރުމަށްޓަކައި މަސައްކަތްކޮށްދެއްވުމަށް ދަސްވެނިންގެ ކިބައިން އެދިވަޑައިގެންފައެވެ.

ވަޒީރު އިޙްސާން ވަނީ ރިޝްވަތުގެ ހުށައެޅުންތަކަށް ނޫނެކޭ ބުނެ މަޤާމުގެ ކުރިއެރުންތަކާއި، ތަފާފު މާލީ މަންފާތައް ހޯދައިދިނުމުގެ ހުށައެޅުންތަކަށް ނޫނެކޭ ބުނެ ޤައުމީ ވާޖިބު އޭގެ އެންމެ ފުރިހަމަ ގޮތުގައި އަދާކޮށްދިނުމަށް ފުލުހުންގެ ކިބައިން އެދިވަޑައިގެންފައެވެ. ވަޒީރު ވިދާޅުވީ މި ސަރުކާރު ވެރިކަމާ ހަވާލުވިއިރު، އަސާސީ ތަމްރީން ފުރިހަމަނުކޮށް ތިބި 1000އަށްވުރެ ގިނަ ފުލުހުން ތިބި ކަމަށެވެ. މީގެތެރެއިން މިހާތަނަށް 966 ފުލުހުން ތަމްރީން ފުރިހަމަކޮށްފަވާއިރު، އަންނަ ޖެނުއަރީގައި ފަށާ ބެޗުގައި ބާކީ ތިބި ފުލުހުން ބައިވެރިވާނެކަން ވަޒީރުގެ ފާހަގަކުރެއްވިއެވެ.

Ads by MSS

މި ލިޔުން ކިޔާލުމުން